ސަރުކާރުގެ މި ނިންމުން އައީ މިއަދު އޮތް ކެބިނެޓް ބައްދަލްވުމުގަ އެވެ. މިއަދުގެ ކެބިނެޓް ބައްދަލްވުމުގައި މުހިންމު ނިންމުންތަކެއް ވަނީ ނިންމަވާފަ އެވެ.
އިޒްރޭލްގެ ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެވުން މަނާ ކުރަން ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ މި ނިންމުން އައީ މިއަދު އޮތް ކެބިނެޓް ބައްދަލްވުމުގަ އެވެ. މިއަދު އޮތް ކެބިނެޓް ބައްދަލްވުމުގައި ފަލަސްތީނާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަނީ ނިންމަވާފަ އެވެ. އެ ނިންމެވުންތަކުގެ ތަފްސީލް ހާމަކުރުމަށް ބައެއް ވަޒީރުން ބައިިވެރިވެވަޑައިގެން ރައީސް އޮފީހުގައި ވަނީ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަވާފަ އެވެ.
ކެބިނެޓްގެ ނިންމެވުންތައް ހާމަކުރައްވާ ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރާއި ބަންޑާރަ ނާއިބު އަހްމަދު އުޝާމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާ އެކު އިޒްރޭލްގެ ޕާސްޕޯޓް ގައި ރާއްޖެ އަށް އެތެރެވުން ހުއްޓުވުމަށް ގިނަ ދުވަސްތަކެއް ހޭދަ ވެގެން ދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ފަލަސްތީނާއި އިސްރާއީލްގެ މައްސަލައި ގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭ ކަންކަން ދެނެގަތުމަށް ރައީސްގެ ސްޕެޝިއަލް އެންވޯއި އެއް ކަނޑައަޅުއްވަން ވެސް ވަނީ ނިންމަވާފަ އެވެ.
އަދި ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އަހުންނާއި އުހުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭ ގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީއާ ގުޅިގެންނެވެ.
ހަތަރު ވަނަ ކަމެއްގެ ގޮތުގައި "ފަލަސްތީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހާއްސަ ހިނގާލުމެއް ބާއްވަން ވެސް ވަނީ ވަނީ ނިންމަވާފަ އެވެ. ނަމަވެސް އެ ހިނގާލުން އޮންނާނެ ދުވަހެއް އަދި ކަނޑައެއް ނާޅުއްވަ އެވެ.
މީގެ އިތުރުން ދިވެހިރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލަ އަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.