ކެނަޑާއަށް ނިސްބަތްވާ ސިލްސިލާ ޤާތިލު/ ސީރިއަލް ކިލަރ ރޮބަޓް ޕިކްޓަންއަށް ޖަލުގައި ދިން ހަމަލާއަކަށްފަހު ފަރުވާކުރަނިކޮށް މަރުވެއްޖެ އެވެ. ޕިކްޓަންއަކީ ގިނަ އަދަދަކަށް އަންހެނުން މެރުމަށްފަހު އެމީހުންގެ ހަށިތައް އޭނާގެ ދަނޑުގައި ގެންގުޅޭ އޫރުތަކަށް ކާންދިން މީހެކެވެ.
ކެނަޑާގެ ކަރެކްޝަނަލް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 71 އަހަރުގެ ޕިކްޓަން ހުކުރުދުވަހު މަރުވީ 19 މޭގައި ކުއެބެކްގައި ހުންނަ ޕޯޓް-ކާޓިއާ އިންސްޓިޓޫޓްގައި އެހެން ގައިދީއަކު ދިން ހަމަލާއަކަށްފަހު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް ކަމަށެވެ.
އެ ހަމަލާއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވެފައިވަނީ އެ މައްސަލާގައި އުމުރުން 51 އަހަރުގެ ގައިދީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރޮބަޓް "ވިލީ" ޕިކްޓަންގެ މައްޗަށް 6 މީހަަކު ޤަތުލުކުރިކަން ސާބިތުވެ، 25 އަހަރު ދުވަހަށް ޕެރޯލުގެ ފުރުސަތު ނުލިބޭ ގޮތަށް، އުމުރުދުވަހަށް ޖަލަށްލާން ހުކުމްކުރީ 2007 ވަނަ އަހަރުއެވެ. މިއީ ކެނަޑާގައި ޕްރޯލު ނުލިބޭ ގޮތަށް މީހަކު ޖަލަށްލެވޭ އެންމެ ދިގު މުއްދަތެވެ. އޭނާގެ މައްޗަށް ދައުވާކުރީ 26 އަންހެނަކު ޤަތުލުކުރިކަަމަށެވެ.
ވެންކޫވާ ކައިރީ އޮންނަ ޕިކްޓަން ފާމު ފުލުހުން ބަލައިފާސްކުރީ އެތައް އަހަރަކަށް ދެމިގެންދިޔަ ތަހުގީގެއްގެ ތެރެއިން މީގެ 22 އަހަރު ކުރިންނެވެ. އެ މައްސަލައަކީ ގިނަ އަދަދެއްގެ އަންހެނުން ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައެކެވެ.
ފުލުހުން ޕިކްޓަންގެ ދަނޑު ބަލައިފާސްކުރުމުގެ ތެރެއިން 33 އަންހެނެއްގެ ޑީއެންއޭ ނުވަތަ ހަށިގަނޑުގެ ބައިތައް ހޯދާފައިވެއެވެ. އަދި އަންޑަކަވާ ފުލުހެއް ކައިރީ 49 އަންހެނުން މަރާފައިވާނެކަމަށް ބުނެ ޕިކްޓަންވަނީ ފޮނިކަނޑާފައެވެ.
އެ މައްސަލައިގެ ޝަރީޢަތުގައި ހެކިބަސްދިން އެންޑްރޫ ބެލްވުޑް ބުނެފައިވަނީ ޕިކްޓަން ޤަތުލުކުރި އަންހެނުން ނޭވާ ހާސްކޮށް މަރައިލުމަށްފަހު އެމީހުންގެ ހަށިތައް އޭނާގެ ދަނޑުގައި ގެންގުޅޭ އޫރުތަކަށް ކާންދިން ގޮތުގެ ތަފުސީލުތައް އެންްޑްރޫއަށް ކިޔައިދިން ކަމަށެވެ.
ޕިކްޓަންގެ އަވައްޓެރިންގެ ތެރެއިން އޭނާގެ ދަނޑުން އޫރުމަސް ގަތް މީހުންނަށް ވިއްކި މަހުގައި މިނިމަސް އެކުލެވުމުގެ ފުރުސަތު އޮތުމާއެކު ސަމާލުވުމަށް ކެނަޑާގެ ސިއްހީ އިދާރާތަކުން އެއިރު ނޯޓިސްއެއް ނެރުނެވެ.
ޕިކްޓަންއަށް ޖަލުގައި ދިން ހަމަލާގެ ތަހުގީގެއް މިހާރު ފަށާފައިވާކަމަށް ކެނަޑާގެ ކަރެކްޝަނަލް ސާވިސްއިން ބުނެއެވެ. އެގޮތުން އެ ތަހުގީގުގައި ހަމަލާގެ ވަށައިގެންވާ ހުރިހާ ކަމަކަށް ބަލައި، ޕްރޮޓޮކޯލުތަކާއި ސިޔާސަތުތަކަށް އެކަށީގެންވާ މިންވަރަށް އަމަލުކުރެވިފައިވޭތޯ ވަޒަންކުރާނެކަމަށް އެ އިދާރާއިން ބުންޏެވެ.