ފާއިތުވި އަހަރު ދައުލަތުގެ ރިޒާވް ވަރަށް ބޮޑަށް ހީނަރުވިއިރު، އޭގެ ސަބަބުން ރާއްޖެއަށް ދަރަނި އަދާ ނުކުރެވުމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް، ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން އަންނަނީ އިންޒާރު ކުރަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ހޭދަވި ހަ މަސްދުވަހުގެ ތެރޭ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްއަށާއި ޔޫޒަބަލް ރިޒާވް (ބޭނުންކުރެވޭ ރިޒާވް) އަށް ހެޔޮ ބަދަލެއް އައިސްފި އެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮންމެ މަހަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު ރައީސް މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ ޖުމްލަ 581.2 މިލިއަން ޑޮލަރެވެ.
ޔޫޒަބަލް ރިޒާވް ނުވަތަ ފައިސާގެ ބާޒާރަށް އަންނަ ލޮޅުމަކާ ވިދިގެން ބޭރު ފައިސާގެ އަގު އެއް މިންގަނޑެއްގައި ހިފަހެއްޓުމަށް މާކެޓުގައި ބޭނުން ކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދަކީ 98.1 މިލިއަން ޑޮލަރެވެ.
އެންމެ ފަހުން އެމްއެމްއޭން ހާމަަކުރި ހިސާބުތަކަށް ބަލާއިރު ފާއިތުވި އޭޕްރީލު މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ރިޒާވް ވަނީ 622.1 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އެއީ ނޮވެންބަރު މަހާ އަޅާބަލާއިރު ހަތް އިންސައްތައިގެ ކުރިއެރުމެކެވެ.
އޭޕްރީލު މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 113.6 މިލިއަން ޑޮލަރެވެ. އެހެން ކަމުން ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ޔޫޒަބަލް ރިޒާވް ވަނީ 15.9 އިންސައްތައިން އިތުރުވެފަ އެވެ.
ފާއިތުވި އޮކްޓޯބަރު މަހުގައި ޖުމްލަ ރިޒާވް 552 މިލިއަން ޑޮލަރަށް ދަށްވެ ޔޫޒަބަލް ރިޒާވް 91 މިލިއަން ޑޮލަރަށް ވެސް ދަށްވެފައި ވެއެވެ. އެއީ އެއް މަސް ދުވަހުގެ އިމްޕޯޓަށް ބޭނުން ކުރެވޭހާ މަދު ފައިސާ ކޮޅެކެވެ.
ނިމުނު އަހަރު ވޯލްޑް ބޭންކުން ޝާއިއުކުރި ރާއްޖޭގެ އިޤުތިޞާދީ އަދާހަމަ ރިޕޯޓްގައި ބުނެފައިވާ ގޮތުން 2023 ވަނަ އަހަރަކީ ދިވެހި ދައުލަތުގެ ރަސްމީ ރިޒާވަށް އެންމެ ބޮޑަށް ނޭދެވޭ އަސަރުކުރި އަހަރު ކަމަށެވެ. އެގޮތުން ޖުމްލަ ރިޒާވް 592 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ. އެއީ 1.9 މަސްދުވަހުގެ އިމްޕޯޓަށް ބޭނުން ކުރެވޭނެ މިންވަރެވެ.
ފާއިތުވި އަހަރު ދައުލަތުގެ ރިޒާވް ވަރަށް ބޮޑަށް ހީނަރުވިއިރު، ރިޒާވް ހީނަރުވުމުގެ ސަބަބުން ރާއްޖެއަށް ދަރަނި އަދާ ނުކުރެވުމުގެ ހިރާސް ކުރިމަތިވެދާނެ ކަމަށް، ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން އަންނަނީ އިންޒާރު ކުރަމުންނެވެ.
މި ސަބަބަށްޓަކައި އެކަށީގެންވާ މިންވަރުގެ ރިޒާވްއެއް ރައްކާކުރެވިފައި ހުރުމަކީ އެ ދައުލަތަކުން ނަގާފައިވާ ބޭރު ފައިސާގެ ދަރަނި އަދާ ކުރެވޭނެ ކަމުގެ އިތުބާރު ޤާއިމު ކުރުމަށް މުހިއްމު ކަމެކެވެ. އަދި ބޭރު ފައިސާގެ އަގު ހިފަހައްޓަން ޖެހޭ ހާލަަތުގައި އެކަމަށް ބޭނުން ކުރެވޭނެ ރިޒާވްއެއް އޮތުން ބޭނުންތެރި ވެއެވެ.