މިއީ އެ ގަައުމުގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އަންނަ މަހު ރަސްމީ ދަތުރުފުޅެއްގައި އަވައްޓެރި ސްރީލަންކާއަށް ޚާރިޖީވަޒީރު މޫސާ ޒަމީރު ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ޒަމީރު އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުން 6 ވަނަ ދުވަހަށް ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ އެ ޤައުމުގެ ފޮރިން އެފެއާޒް މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މި ދަތުރުފުޅުގައި ލަންކާގެ ރައީސް ރަނީލް ވިކްރަމަސިންހައާއި އެ ޤައުމުގެ ބޮޑުވަޒީރު ޑިނޭޝް ގުނަވެރްދަނަގެ އަރިހަަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރަށް ލަންކާގެ ފޮރިން މިނިސްޓަރު ސަބްރީއާއެކު ރަސްމީ މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ބައްދަލުވުމުގައި ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު ދެ ބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އޭގެ އިތުރަށް ލަންކާގައި މިހާރު ދިރިއުޅޭ ދިވެހިންނަށް އިތުރު ލުއިފަސޭހަތައް ހަމަޖެއްސުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ޒަމީރު އަރިހުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދާއި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރާއި، ޑިރެކެޓާ ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެއިން ބޭރުގެ ޤައުމަކަށް ޒަމީރު ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ. މީގެ ކުރިން އޭނާ ވަޑައިގެންފައިވަނީ އަވައްޓެރި އިންޑިއާއަށެވެ. އެ ދަތުރުފުޅުގައި އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރާ ބައްދަލުކުރެއްވިއެވެ.