އެމްޓީސީސީއާ މަޝްރުއޫތައް ހަވާލުކޮށްފައި ހުރީ ނުކަތާ ވަރަށް، ކުރިއަށް ގެންދިއުމުގައި ދަތިތަކެއް

އެމްޓީސީސީއިން ބައެއް ސަޕްލައިޔަރުންނަށް ދޭންވާ ފައިސާ އާއި ބޭނުންވާ އިކިއުޕްމަންޓު ގަތުމަށް ފަހު ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެއްކި ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މަޝްރޫއެއްގެ ކޮންސްޓްރަކްޝަން ސައިޓުގައި މިނިސްޓަރު މުއްތަލިބު؛ މިނިސްޓަރު ވިދާޅުވީ އެމްޓީސީސީއަށް ނުކަތާވަރަށް މަޝްރޫތައް ހަވާލުކޮށްފައި އޮތްކަމަށް

ސިޔާސީ ބޭނުމަށް އެމްޓީސީސީއާ މަޝްރުއޫތައް ހަވާލުކޮށްފައި ހުރީ ނުކަތާ ވަރަށް ކަމަށާ އެއްފަހަރާ ގިނަ މަޝްރުއޫތަކެއް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވި ގިނަ މަޝްރޫއުތަކެއް ބާރު ސްޕީޑްގައި ކުރިއަށް ނުގޮސް ހުރި ކަމަށް ވިދާޅުވެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެމްޓީސީސީގެ ކެޕޭސިޓީގައި އެއްފަހަރާ ކުރިއަށް ގެންދެވޭނީ 60 އެއްހާ މަޝްރޫއު ކަމަށެވެ. ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ގިނަ މަޝްރުއޫތަކެއް ފަށާފައިވާއިރު ބައެއް ކަންކަން ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

"މިހާރުވެސް އެބޭފުޅުން [އެމްޓީސީސީ]އިން ބޭނުންވާ ގޮތަކީ ހުރިހާ ރަށަކަށް މޮބިލައިޒްކޮށްފައި ހުރުމުގެ ބަދަލުގައި އެބޭފުޅުންނަށް އެއްފަހަރާ ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭ ގޮތަށް 60 ރަށަށް ޓާގެޓުކޮށްގެން މަޝްރުއޫތައް ކުރިއަށް ގެންދިއުން. ދެން އޮތް ގޮތަކީ ހުރިހާ މަޝްރުއޫތައް ކުރިއަށް ގެންދާ ކަމަށް ވަންޏާ އެބޭފުޅުން އެބަޖެހޭ ވަރަށް ގިނަ މެޝިނަރީތައް ހޯދަން،" މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ. 

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެއްފަހަރާ އެމްޓީސީސީގެ ކެޕޭސިޓީ ނެތް މިންވަރަށް މަޝްރޫތައް ގެންދިއުމަކީ އެދެވޭ ގޮތެއް ނޫން ކަމަށާއި، އެކަން ކުރާނަމަ އިތުރަށް ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަމަށެވެ. 

އެމްޓީސީސީއަށް ނުއުފުލޭވަރަށް މަޝްރޫތައް ހަވާލުކުރުމުގެ އެންމެ ބޮޑު ސަބަބަކީ ޕްރައިވެޓް ސެކްޓާގެ ދައުރު ހަނިވުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިހާރު އެމްޓީސީއަށް ހަވާލުކޮށްފައި ހުރި މަޝްރުއޫތައް ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ސެކްޓާއަށް ސަބް ކޮންޓްރެކްޓު ކުރަން ވެސް މާލީ ގަވައިދުގައި ޖާގަ ނުދޭ ކަން މިނިސްޓަރު މުއްތަލިބް ފާހަގަ ކުރެއްވި އެވެ. 

"އެހެންވީމަ އެމްޓީސީސީއަކަށް ނެތް އެ މަޝްރުއޫތައް ސަބް ކޮންޓްރެކްޓު ވެސް ކުރެވޭކަށް. ދެން ސަރުކާރުން ވިސްނަން ޖެހޭނީ [ކުރިން އެމްޓީސީސީއާ އެކު ހެދިފައި ހުރި އެއްބަސްވުންތައް] ޓާމިނޭޓްކޮށްފައި އެހެން ބަޔަކާ ބިޑުކޮށްގެން ހަވާލުކުރާނީތޯ." މިނިސްޓަރު ވިދާޅުވި އެވެ. 

އެމްޓީސީސީގެ ހެޑް އޮފީސް

މަސައްކަތްތައް ލަސްވެ، ގޮންޖެހުންތަކެއް ހުރި ނަމަވެސް ކުރީ ސަރުކާރުން ހަވާލުކޮށްފައި ހުރި މަޝްރުއޫތައް ހުއްޓާލުމުގެ ވިސްނުމެއް ގެންގުޅޭ ކަމަކަށް މިނިސްޓަރު މުއްތަލިބު ވިދާޅެއް ނުވެ އެވެ. މިނިސްޓަރު މުއްތަލިބު ވިދާޅުވީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ވިޔަސް މަޝްރުއޫތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި ހުރިހާ މަޝްރުއޫއެއް ކުރިއަށް ގެންދިއުމުގައި، މާލީ ދަތިކަމާއި، ހުރިހާ މަޝްރޫއަކަށް ބޭނުންވާ މިންވަރަށް ތެލާއި ހިލަ ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

"ކުރިއަށްދާ މަޝްރުއޫތަކަށް ވެސް އެކަށީގެންވާ މިންވަރަށް ފައިސާ ހިމެނިފައި ނުވާތީ އަޅުގަނޑުމެން މި ޖެހެނީ އަދި ނުފަށާ ހުރި މަޝްރުއޫތަކުގެ ފައިސާ މިހާރު ފަށާފައި ހުރި މަޝްރުއޫތަކަށް ބަދަލުކުރަން. މިސާލަކަށް ދަންނަވާކަމަށް ވާނަމަ މިއަހަރު 20 މިލިއަން ބޭނުންވާ ޕްރޮޖެކްޓަކަށް ތިން މިލިއަން ވެސް އިނދެދާނެ. އެހެންކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މަޖުބޫރުވާނީ އެއްކޯޑުން އަނެއް ކޯޑަށް ބަދަލުކޮށްގެން،" މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

އެމްޓީސީސީއިން ބައެއް ސަޕްލައިޔަރުންނަށް ދޭންވާ ފައިސާ އާއި ބޭނުންވާ އިކިއުޕްމަންޓު ގަތުމަށް ފަހު ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެއްކި ހުރިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.