ތިލަމާލެ ބުރިޖު އަންނަ އަހަރުގެ ނިޔަލަށް ވިލިނގިއްޔާ ހަމައަށް ގުޅުވައިލެވޭނެ: މުއްތަލިބު

ފުރަތަމަ ސެގްމެންޓުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިލުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ހިނގަނީ: މިހާތަނަށް 33 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި

މާލެއާއި ވިލިމާލެ އަދި ގުޅިފަޅު ގުޅުވައިލުމަށް ހިންގަމުން އަންނަ ތިލަމާލޭ ބުރިޖުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓު ނިންމައި މާލެއާއި ވިލިމާލެ އަންނަ އަހަރުގެ ނިޔަލަށް ގުޅުވައިލެވޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ. 

މިއަދު އެ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ ތިލަމާލޭ ބުރިޖުގެ މަސައްކަތްކުރުމަށް ހަދާފައިވާ އެއްބަސްވުމުގައި މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ސެގްމެންޓުތަކަކަށް ބަހާލައިގެން ކަމަށެވެ. 

އެގޮތުން އެ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓަކީ މާލެއާއި ވިލިމާލެ ގުޅުވައިލުން ކަމަށާއި، މިހާރު ކުރިއަށްދަނީ އެ ސެގްމެންޓުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގަައި ދެވަނަ ސެގްމެންޓަކީ ގުޅިފަޅާ ހަމައަށް ބުރިޖުން ގުޅުވައިލުމެވެ. 

ބުރިޖު މަޝްރޫޢުގެ ބައެއް ތަފުސީލު

  • - މަޝްރޫޢު ހަވާލުކުރީ 2021 ވަނަ އަހަރު
  • - މަޝްރޫޢު ނިންމުމަށް ކަނޑައެޅީ 27 މަސް
  • - މުޅި މަޝްރޫޢު ނިންމުމަށް ކަނޑައެޅި ތާރީޚަކީ 17 މޭ 2024

ފުރަތަމަ ސެގްމެންޓުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިލުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދެވަނަ ސެގްމެންޓުގެ ދަށުން ގުޅިފަޅާ ހަމައަށް ގުޅުވައިލުމުގެ މަސައްކަތް 2026 ވަނަ އަހަރު ނިންމައިލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ރާއްޖޭގައި މިހާރު ލޯނު ނަގައިގެން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖް

ކުރީ ސަރުކާރުން ހިންގަން ފެށި އެންމެ ބޮޑު އުމްރާނީ މަޝްރޫޢުކަމަށްވާ ތިލަމާލޭ ބުރިޖުގެ މަސައްކަތް އޮތީ ސަރުކާރު ބަދަލުވިއިރު ވަރަށް ބޮޑަށް މަޑުޖެހިފައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެ މަޝްރޫޢުގެ ކޮންޓްރެކްޓަރުކަމަށްވާ އެފްކޯންސް ކުންފުންޏާއެކު ވާހަކަދެކެވިގެން މަޝްރޫޢުގެ ދުވެލި އަވަސްކުރުމަށް އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. 

ފާއިތުވި 5 މަހުގެ ތެރޭގައި އެ މަޝްރޫޢު އަވަސްކުރުމަށް ކުރި މަސައްކަތުގެ ސަބަބުން މޭ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ބުރިޖުގެ 37 އިންސައްތަ މަސައްކަތްވަނީ ނިންމައިލެވިފައެވެ. ކުރީގެ ވެރިކަމުގައި 25 މަސްދުވަހުން ނިމިފައިވަނީ އެންމެ 29 އިންސައްތަ މަސައްކަތެވެ. 

ތިލަމާލެ ބުރިޖު ތިލަމާލެ ބުރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުން 500 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހިންގާ މަޝްރޫޢެކެވެ، މި އަހަރުގެ މޭ މަހުގެ 17 ވަނަ ދުވަހަށް މުޅި ބުރިޖުގެ މަސައްކަތް ނިންމުމަށް އެއްބަސްވީ ނަމަވެސް ކުރީ ސަރުކާރުގައި އެކަށީގެންވާ ހަލުއިމިނުގައި އެ މަސައްކަތްނުކުރެވުމުގެ ސަބަބުން މުޅި ބުރިޖު ނިންމަންޖެހޭ ތާރީޚު ސެޕްޓެންބަރު 30، 2026 އަށްވަނީ ބަދަލުކުރެވިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.