މިކަން ހިނގާފައި ވަނީ ދާދިފަހުން ދެކުނުގެ އެކްޓިވިސްޓުން ބޯޑަރު ސަރަހައްދުތަކަށް ލީފްލެޓާއި އެހެނިހެން ކުނި އެޅުމުން އެކަމުގެ ބަދަލު ހިފާނެ ކަމަށް އުތުރު ކޮރެއާއިން ބުނެފައި ވަނި ކޮށެވެ.
އުތުރު ކޮރެއާއިން ކުންޏާއި ނަޖިސް އަޅާފައިވާ 260 ފުއްޕާހަން ދެކުނު ކޮރެއާއަށް ވައްޓާލާފައި ވާއިރު، އެކަމާ ގުޅުވައި ގައުމުގެ ރައްޔިތުން ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިންޒާރު ދީފަ އެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ވަނީ އުތުރުގެ ހުދު ކުލައިގެ ފުއްޕާހަންތަކާއެކު އޮންނަ ކުނިއަޅާފައިވާ ކޮތަޅުގައި އަތް ނުލުމަށް އާއްމުންނަށް އިލްތިމާސް ކޮށްފަ އެވެ. ދެކުނު ކޮރެއާގެ ނުވަ ޕްރޮވިންސެއްގެ ތެރެއިން އަށް ޕްރޮވިންސަކުން މި ހަންތައް ފެނިފައިވާ ކަމަށާއި އެ ހަންތައް މިހާރު އެނަލައިޒް ކުރަމުން އަންނަ ކަމަށް އެ ގައުމުން ބުނެ އެވެ. ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ދަނީ ހަންތަކުގައި އުތުރު ކޮރެއާގެ ޕްރޮޕެގެންޑާ ލީފްލެޓްތަކެއް ހުރިތޯ ބަލަމުންނެވެ.
މިކަން ހިނގާފައި މިވަނީ ދާދި ފަހުން ދެކުނުގެ އެކްޓިވިސްޓުން ބޯޑަރު ސަރަހައްދުތަކަށް ލީފްލެޓާއި އެހެނިހެން ކުނި އެޅުމުން އެކަމުގެ ބަދަލު ހިފާނެ ކަމަށް އުތުރު ކޮރެއާއިން ބުނެފައި ވަނި ކޮށެވެ.
އުތުރު ކޮރެއާގެ ވައިސް މިނިސްޓަރު އޮފް ޑިފެންސް ކިމް ކަންގް އިލް މިދިއަ އާދީއްތަ ދުވަހު ދައުލަތުގެ މީޑިއާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ ބޯޑަރު ސަރަހައްދުތަކާއި އާރްއޯކޭގެ އެތެރޭގެ ސަރަހައްދުތަކުގައި ވޭސްޓް ޕޭޕަރާއި ކުނި ވަރަށް އަވަހަށް ފެތުރިގެން ދާނެ ކަމަށާއި އެތަކެތި ނައްތާލުމަށް ކިހާ ވަރެއްގެ މަސައްކަތެއް ކުރަން ޖެހޭކަން ދެކުނުން ތަޖުރިބާ ކުރަން ޖެހޭނެ ކަމަށެވެ.
ރިޕަބްލިކް އޮފް ކޮރެއާ ނުވަތަ އާރްއޯކޭ އަކީ ދެކުނު ކޮރެއާގެ ރަސްމީ ނަން ކަމަށް ވާއިރު އުތުރު ކޮރެއާ އަށް ކިޔަނީ ޑީޕީއާރްކޭ ނުވަތަ ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ އެވެ.
އަންގާރަ ދުވަހުގެ ރޭ ދެކުނުގެ ވެރިރަށް ސޯލްގެ އުތުރާއި ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެމީހުންގެ ޕްރޮވިންސް އޮތޯރިޓީން ޓެކްސްޓް މެސެޖްތަކެއް ފޮނުވާ "ބޭރަށް ނުކުމެ އުޅުން ރައްކާތެރި ނޫން" ކަމަށާއި އަދި "ގޮތް ނޭނގޭ އެއްޗެއް" ފެނިއްޖެ ނަމަ އެންމެ ކައިރީގައި ހުންނަ އަސްކަރީ މަރުކަޒަށް ނުވަތަ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކުރުމަށް ވެސް ވަނީ އަންގާފަ އެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާގެ ކަމާބެހޭ އިދާރާތަކުން ބުނީ ފުއްޕާ ހަމާއެކު ފޮނުވާ ކުނި ކޮތަޅުތަކުގައި މުޑުދާރު ކުނި ހުރި ކަމަށާއި ދެކުނު ކޮރެއާގެ ކަމާބެހޭ އިދާރާތަކުން އެ ތަކެތި އެނަލައިޒް ކުރަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހުދު ޓްރާންސްލޫސެންޓް ހަންތަކުގައި ޓޮއިލެޓް ޕޭޕަރާއި ކަޅުފަހާއި ވިހަ ބެޓެރި އާއި ނަޖިސް ފަދަ ތަކެއްޗާއި އެހެން ވެއް ކުނި ފެންނަން ހުރި ކަމަށެވެ. ވެއްޓުނު ފުއްޕާހަންތަކުގެ ވަހުން ވެސް އޭގައި ނަޖިސް ހުރިކަން ފާހަގަވާ ކަމަށެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ވަނީ މި އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ސަލާމަތަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށާއި ކުނި ފުއްޕާހަންތަކުގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ މުޅިން އުތުރު ކޮރެއާއިން އުފުލަން ޖެހޭ ކަމަށާއި، މި ލާއިންސާނީ އަދި ހަރުކަށި ފިޔަވަޅު ވަގުތުން ހުއްޓާލުމަށް އުތުރު ކޮރެއާއަށް ހަރުކަށި އިންޒާރު ދޭ ކަމަށް ބުނެފަ އެވެ.
ދާދި ފަހުން ޕިއޮންޔޮންއާ ދެކޮޅު ޕްރޮޕެގެންޑާގެ އިތުރުން ދެކުނު ކޮރެއާގެ އެކްޓިވިސްޓުން ވަނީ ފައިސާ އާއި މަނާ މީޑިއާ ކޮންޓެންޓް އަދި އުތުރު ކޮރެއާގައި މަނާ ކޮށްފައިވާ ދެކުނު ކޮރެއާގެ ނާސްތާއެއް ކަމަށްވާ ޗޮކޯ ޕައިސް ވެސް ފުއްޕާހަން ތަކުގައި އުތުރަށް ފޮނުވާލާފަ އެވެ. ދެކުނު ކޮރެއާގެ އެކްޓިވިސްޓް ގްރޫޕަކުން މި މަހުގެ ކުރީކޮޅު ބުނެފައި ވަނީ ޕިއޮންޔޮންއާ ދެކޮޅު ލީފްލެޓާއި ކޮރެއާގެ ޕޮޕް މިއުޒިކާއި މިއުޒިކް ވީޑިއޯ ހިމެނޭ ޔޫއެސްބީ ސްޓިކްތަކާއެކު 20 ފުއްޕާހަން ބޯޑަރު ހުރަސްކޮށް ފޮނުވާފައިވާ ކަމަށެވެ.
ސޯލްގެ ޕާލަމެންޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޕިއޮންޔޮންއާ ދެކޮޅު ލީފްލެޓްތައް ތައާރަފް ކުރުން ކުށެއް ކަމަށް ކަނޑައަޅައި ގާނޫނެއް ފާސް ކުރި ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ދަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އުތުރު ކޮރެއާއިން މީގެ ކުރިން ވެސް ވަނީ ސޯލްގެ ލީޑަރަށް ހަމަލާ ދިނުމަށް ފުއްޕާހަންތަކެއް ދެކުނު ފަރާތަށް ފޮނުވާލާފަ އެވެ. މިގޮތަށް 2016 ގައި ފޮނުވާލި ފުއްޕާހަންތަކުގައި ޓޮއިލެޓް ކަރުދާހާއި ސިނގިރޭޓް ބަޓާއި ކުނި ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސޯލް ފުލުހުން ސިފަ ކުރި ގޮތުގައި އެއީ ނުރައްކާތެރި ބަޔޯކެމިކަލް މާއްދާތަކެކެވެ.
އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއިން ވަނީ 1950 ގެ އަހަރުތަކުގައި ކޮރެއާ ހަނގުރާމައަށް ފަހު ޕްރޮޕެގެންޑާ ކެމްޕެއިންތަކުގައި ފުއްޕާހަން ބޭނުން ކޮށްފަ އެވެ.