ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ބޮސްނިއާގެ މުސްލިމުންގެ ދިފާއުގައި: ސަރުކާރު

އިސްލާމީ އުންމަތުގެ ކޮންމެ ފަރުދަކަށް އަދި ޖަމާއަތަކަށް ވެސް އެންމެ ރަނގަޅު ހެޔޮ ގޮތަށް އެދި އެކަމަށް ވަކާލާތު ކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު މިއަދު ޕްރެސްއަށް މައުލޫމާތު ދެއްވަނީ

ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނީ ބޮސްނިއާގެ މުސްލިމުންގެ ހައްގުގައި އެ މީހުންނަށް އަމާން ރައްކާތެރި އުފާވެރި ދިރިއުޅުމެއް ކަށަވަރު ވާނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅު ވެއްޖެ އެވެ. 

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ބޮސްނިއާގައި ސާބުން، މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާންމު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެ މައްސަލާގައި ދިވެހި ސަރުކާރު އަބަދުވެސް އޮންނާނީ ބޮސްނިއާގެ މުސްލިމުންނާއެކުގައި ކަމަށެވެ.

"ބޮސްނިއާގައި ހިނގީ ގަތުލު އާންމެއް. އަޅުގަނޑުމެން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި ގަތުލު އާންމާ ގުޅިގެން މިހާތަނަށް ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭން މަސައްކަތް ކުރާނީ ބޮސްނިއާގެ މުސްލިމުންގެ ދިފާއުގައި،" ހީނާ ވިދާޅުވި އެވެ. 

"ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ބޮސްނިއާގެ މުސްލިމުންނަށް އުފާވެރި އަމާން ރައްކާތެރި ދިރިއުޅުމެއް ހޯދައިދެވޭނެ ފަދަ ގޮތަކަށް،" 

އިތުރަށް ހީނާ ވިދާޅުވީ އިސްލާމީ އުންމަތުގެ ކޮންމެ ފަރުދަކަށް އަދި ޖަމާއަތަކަށް ވެސް އެންމެ ރަނގަޅު ހެޔޮ ގޮތަށް އެދި އެކަމަށް ވަކާލާތު ކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ. 

ބޮސްނިއާ މުސްލިމުންނާ ދެކޮޅަށް ސާބުން ހިންގި ގަތުލު އާންމާ ގުޅިގެން އެދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރުމަށް ހުޅަނގުގެ ބައެއް ގައުމުތަކުން އިސް ނަގައިގެން އދ. އަށް ހުށަހެޅި މައްސަލައިގެ ވޯޓުގައި ރާއްޖެއިން ބައިވެރި ނުވާތީ ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.