ބާ ވެހިކަލް ދޫކޮށްލާ މީހުންނަށް "ބައިބެކް" ޕްރޮގުރާމެއް ތައާރަފުކުރަނީ

މިނިސްޓަރު އަމީނު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީން ހެދި ސާވޭއަަކުން ދައްކާ ގޮތުގައި 18-21 ޕަސެންޓް ދެމެދުގެ މީހުން އެމީހުން ގެންގުޅޭ ބައެއް ވެހިކަލްތައް ދޫކޮށްލަން ބޭނުންވެ އެވެ.

މާލެ ސިޓީ: ބާ ވެހިކަލް ދޫކޮށްލާ މީހުންނަށް ޕްރަގްރާމެއް ފެށުމަށް ވަނީ ނިންމާފައި -- ދަ މިރާ

އެއްގަމު އުޅަނދުފަހަރުގެ ތެރެއިން ބާ އުޅަނދުފަހަރު ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ އުޅަނދުފަހަރު ދޫކޮށްލެވޭނެ "ބައިބެކް" ޕްރޮގުރާމެއް ހިންގުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފިއެވެ. 

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުހައްމަދު އަމީނު ވިދާޅުވީ އެ މިނިސްޓްރީ ހެދި ސާވޭއަަކުން ދައްކާ ގޮތުގައި %18 އާއި %21 އާ ދެމެދުގެ މީހުން އެމީހުން ގެންގުޅޭ ބައެއް ވެހިކަލްތައް ދޫކޮށްލަން ބޭނުންވާ ކަމަށެވެ. 

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ވެހިކަލް ގަތުމަށް ލުއި ސްކީމުތައް ތައާރަފުކުރުމުގެ ބޭނުންވާ ވަރަށްވުރެ އިތުރަށް ގިނަ ބަޔަކު ވެހިކަލް ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ދެތިން ވެހިކަލް ގެންގުޅޭ މީހުން އެބަތިބިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެމީހުން ވެހިކަލްތައް ދޫކޮށްލަން ބޭނުންވާ ކަމަށެވެ. 

އަމީނު އިތުރަށް ވިދާޅުވީ މިފަދައިން އުޅަނދުފަހަރު ދޫކޮށްލަން ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން "ބައިބެކް" ޕްރޮގުރާމެއް ތައާރަފުކުރެވިއްޖެނަމަ، އުޅަނދުފަހަރު ގިނަވެ ތޮއްޖެހުން ބޮޑުވުމުގެ މައްސަލައަށް އެކަށީގެންވާ ބަދަލެއް އަންނާނެ ކަމަށެވެ. 

"އެއީ ވަރަށް ފަސޭހައިން ލިބޭ ސްކީމްތައް ހުރީމަ ނަގައިގެން ލޯނާއި މިކަހަލަ ދަތިތަކުގެ ތެރެއަށް ވަދެވިފަ ތިބި އެތައް ފަރާތްތަކެއް ތިބީމަ، ދެ ވެހިކަލެއް ތިން ވެހިކަލެއް އަތުގައި ހުރީމަ ދޫކޮށްލަން ބޭނުންވަނީ، އެހެންވީމަ އަޅުގަނޑުމެންނަނަށް ބައި ބެކް ޕްރޮގްރާމެއް ހެދިއްޖެނަމަ މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށްތާ ބަދަލުވެގެން ދާނީ،" މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މި "ބައިބެކް" ޕްރޮގުރާމަކީ އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ނިންމާފައިވާ "މާލެ ފަހި" ޕްރޮގުރާމުގެ ތެރެއިން ހިންގަން ނިންމާފައިވާ ޕްރޮގުރާމެކެވެ. 

"މާލެ ފަހި" ޕްރޮގުރާމަކީ މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ތަންފީޒުކުރަން ރާވާފައިވާ ޝާމިލު ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމުގެ ތެރޭގައި ޕާކިން ބިލްޑިންތައް އެޅުމާއި، ބައިބެކް ޕްރޮގުރާމާއި އިތުރު އެހެނިހެން މަސައްކަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުން ފަދަ ކަންކަން ހިމެނެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.