ގަރާޖުތަކުގެ ވެރިންނަށް ނޭނގި ހަދާފައިވާ އުޅަނދު ރަޖިސްޓަރީތައް ބާތިލުކުރަނީ

"މާލެފަހި" ޕްރޮގްރާމް ފާސް ކުރެވި އަމަލު ކުރަން ފެށުމާއެކު ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މާލެއަށް ހެޔޮ ބަދަލުތަކެއް ގެނެވިގެންދާނެ އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން: ސައްހަ ނޫން 700 ޑޮމެއިން އުޅޭ ކަމަށް ވަނީ ވިދާޅުވެފައި --
  •  "މާލެފަހި" ނަމުގައި ޕްރޮގްރާމެއް ހިންގަނީ

މާލޭ ސަރަހައްދުގައި ގެދޮރުގެ ވެރިންނަށް ނޭނގި އެމީހުންގެ ގެދޮރުގައި ހުންނަ ގަރާޖުތަކަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ. 

މިއަދު އެ މިނިސްޓަރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުހައްމަދު އަމީނު ވިދާޅުވެފައި ވަނީ މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި، ޕާކިން ޖާގައިގެ ދަތިކަމާއި، އުޅަނދުފަހަރު ގިނަ ވުމުގެ މައްސަލައަކީ ޝާމިލު ގޮތެއްގައި ހުރިހާ ދިމާލަކުން އެކުގައި މަސައްކަތް ކުރެވިގެން ނޫނީ ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

އެ ވިސްނުމުގެ ތެރެއިން ޝާމިލު ޕްރޮގްރާމެއް މިހާރު މިނިސްޓްރީން އެކުލަވާލާފައިވާ ކަމަށާއި، "މާލެފަހި" ނަމުގައި އެކުލަވާލާފައިވާ ޕްރޮގުރާމް އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އަމީނު ވިދާޅުވި އެވެ. އަދި ކެބިނެޓުން އެ ޕްރޮގްރާމަށް ރުހުން ދިނުމާއެކު އެ ޕްރޮގުރާމުގެ އިތުރު ތަފުސީލުތައް ހާމަ ކުރައްވާނެ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޕްރޮގުރާމުގެ ތެރޭގައި އާންމު ހޭލުންތެރިކަން އިތުރު ކުރުމާއި، އާންމު ދަތުރުފަތުރުގެ ނިޒާމު މިހާރު އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލު ކުރުމުގެ މަސައްކަތާއި، ޕާކިން ބިލްޑިންތައް އެޅުން ފަދަ ކަންކަން ހިމެނެ އެވެ.

އޭގެ އިތުރަށް މިނިސްޓަރު ވިދާޅުވީ މާލޭގައި ގެދޮރުގެ ވެރިންނަށް ނޭނގި އެ ގެދޮރުގައި ހުންނަ ގަރާޖުތަކުގައި ގިނަ އަދަދަކަށް އުޅަނދުފަހަރު ރަޖިސްޓަރީކޮށްފައި ހުރުމުގެ ސަބަބުން އެ ފަރާތްތަކުގެ ހައްގުތައް ގެއްލިފައިވާ ކަމަށާއި އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތަށް ގެދޮރުގެ ވެރިންނަށް ނޭނގި އެ ގެދޮރުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތައް އުނި ކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ. 

"މާލޭގައި ގެދޮރު ނުވަތަ ގަރާޖުގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުގެ ވެރިންނަށް އެނގުމެއް ނެތި ވަރަށް ގިނަ އަދަދުން [ވެހިކަލް] ޓްރާންސްޕޯޓު މިނިސްޓްރީ ތެރެއިން ރަޖިސްޓްރީކުރެވިފައި އެބަހުރި. އެހެން ވެގެން އަޅުގަނޑު ކުރިން ވެސް ދަންނަވައިލީ ގާނޫނުން ބޭރުން ކުރެވިފައި ހުރި ކަންތައްތައް ބައިވަރު އެބަހުއްޓޭ. އެހެންވުމާއެކު އެ ބޭފުޅުންގެ ހައްގުތައް ހޯދުމަށްޓަކައި އޭޖީ އޮފީހާއެކު މަސައްކަތްތަކެއް އެބަ ކުރަން. އެ ގަރާޖުތަކުން އެ ބޭފުޅުންނަށް އެނގުމަކާ ނުލައި ހަދާފައިހު ގިނަ އަދަދެއްގެ ވެހިކަލް ލިސްޓުން އުނި ކުރުމުގެ މަސައްކަތް ކުރަންޖެހޭ،" އަމީނު ވިދާޅުވިއެވެ. 

އަމީނު ވިދާޅުވީ މާލެ ތެރޭގައި ރަޖިސްޓަރީ ނުކޮށް ގިނަ އަދަދު ވެހިކަލްތައް ގެންގުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ އުޅަނދުތައް ގެންގުޅެނީ ވަގު ބޯޑުތަކެއް އަޅުވައިގެން ކަމަށެވެ. އެ މައްސަލާގައި ގާނޫނު ތަންފީޒު ކުރުމަށް މިނިސްޓްރީ އާއި ފުލުހުންނާއެކު މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އަމީނު ވިދާޅުވި އެވެ. 

އަދި އުޅަނދުފަހަރުގެ ނަންބަރު ބޯޑުތައް އިލެކްޓްރޯނިކުކޮށް ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ގާއިމު ކުރަންޖެހޭކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ފަށާފައިވާ ކަމަށެވެ. 

"މާލެފަހި" ޕްރޮގްރާމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ވަޒީރުންގެ މަޖިލީހުން އެ ޕްރޮގުރާމު ފާސް ކުރެވި އަމަލު ކުރަން ފެށުމާއެކު ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މާލެއަށް ހެޔޮ ބަދަލުތަކެއް ގެނެވިގެންދާނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.