ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާޒުކު ހާލަތަށް ހުށަހެޅިފައިވާ އާއިލާތައް ދެނެގަތުމަށް މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމެންޓުން ފަށައިފިއެވެ.
މިއަދު އެމިނިސްޓްރީގެ ފަރާތުން ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވީ އާއިލާތަކާއި ފަރުދުންނަށް ލިބޭ ނިކަމެތިކަމުގެ ސަބަބުން ލިބޭ ހިތްދަތިކަމާއި ގެއްލުމާއި ޓްރޯމާއަކީ އެކަންކަން ކުރިމަތިވުމަށްފަހު އެއިން އަރައިނުގަނެވޭ ފަދަ ކަންތައްތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާތީ، މިނިސްޓްރީން މިހާރު ބޮޑަށް ސަމާލުކަންދެނީ ޕްރިވެންޝަނަށް ކަމަށެވެ.
މިނިސްޓްރީން ކުރާ ޕްރިވެންޝަނުގެ މަސައްކަތްތައް މިހާރު ހިނގަމުންދަނީ ތިން މަރުހަލާއަކަށް ބަހައިލެވިގެންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ފުރަތަމަ މަރުހަލާގައި މިނިސްޓްރީން މަސައްކަތްކުރަނީ ގޭބީސީތަކަށް ޒިޔާރަތްކޮށް އާއިލާތަކާއި ފަރުދުންގެ ހާލަތު ދެނެގަތުމަށް ކަމަށެވެ. އެ މަސައްކަތްކުރުމަށް ހިންގާ ޕްރޮގުރާމަކީ "ހާލު ބެލުން" ނަމުގައި ހިންގަމުންދާ ޕްރޮގުރާމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކީ "ހާލު ބެލުން" ޕްރޮގުރާމުގެ ތެރެއިން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހުރި ގޭބީސީތަކަށް، އެގޭގެއަށް ގޮސް ޒިޔާރަތްކޮށްގެން އެމީހުންގެ ހާލު ބަލައި އަޅުގަނޑުމެންގެ ގުޅުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތެއް،" ޑރ.ޢާއިޝަތު ޝިހާމު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު އެ ޕްރޮގުރާމުގެ ޓްރައިލްވަނީ ފެށިފައެވެ. އަދި ޓްރައިލް މަރުހަލާގައި ޒިޔާރަތްކުރާ ގޭބީސީތަކުން ލިބޭ މެހެމާންދާރީއާއި ބަހައްޓާ ގާތްކަމަކީ އެ މަސައްކަތުގައި ލިބޭ ހިތްވަރެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ޕްރޮގުރާމުގެ ތެރެއިން، ސަރުކާރުން ބައެއް ޚިދުމަތްތައް ލިބުމުގައި ގޭބީސީތަކަށް ދިމާވެފައިވާ ދަތިތަކާއި ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަތުމަށްފަހު، މިނިސްޓްރީގައި އެކަމަށް އެކުލަވައިލެވޭ ވަކި ޓީމަކުން ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެ ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރެވިގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މީގެ އެންމެ ބޮޑު މަޤުޞަދަކީ ކުރިންވެސް ދެންނެވި ފަދައިން ދަތިކަމަކަށް، ހިތްދަތިކަމަށް ހުށަހެޅިދާނެ ފަދަ އާއިލާތައް ދެނެގަނެ ތަންކޮޅެއް ކުރިއާލައި އެމީހުންނަށް ގޮތްތަކެއް ހޯދައިދެވިދާނެކަމުގެ ވިސްނުން.،" ޑރ.އާއިޝަތު ޝިހާމު ވިދާޅުވިއެވެ.
މިނިސްޓްރީން ކުރާ ޕްރިވެންޝަން މަސައްކަތްތަކުގެ ދެވަނަ މަރުހަލާގައި މަސައްކަތްކުރާނީ މިނިސްޓްރީގައި އޮންނަ ޕްރިވެންޝަން ޓީމަކުން، ރަށްރަށުގެ ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ހުރިހާ އިދާރާތައް ގުޅިގެން އެ ރަށެއްގެ މުޖުތަމައުގައި ގެއްލުމަށް ހުށަހެޅިދާނެ ހާލަތުގައި ތިބި ފަރުދުންނާއި އާއިލާތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ ހައްލުތައް ރަށު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.
އެންމެ ފަހު މަރުހަލާއަކީ މިނިސްޓްރީއަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ އެހީތެރިކަމަށް އެދިގެން ނޫނީ އެނޫންވެސް ގޮތަކުން މިނިސްޓްރީއަށް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެވިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަރުހަލާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.