ކުދި ޖަޒީރާ ގައުމުތަކަށް އަތްފޯރާފަށުގައި ފައިސާ ލިބުމުގެ ސުވާލު ގުޅެނީ އިންސާފާ: ރައީސް

ރައިސް މުއިއްޒު ވަނީ ކާރިސާތަކަށް ތައްޔާރީ ހާލަތުގައި ރާއްޖެ އޮތުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ލުއި ފަސޭހަ ގޮތަކަށް އަތްފޯރާފަށުގައި ތަރއްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ފައިސާ ލިބުމާއި ނުލިބުމުގެ ސުވާލަކީ އަދުލުވެރިކަމާއި އިންސާފާ ލާމެހިފައިވާ ސުވާލެއްކަ މަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ތަރައްގި ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގެ "އިންޓަރެކްޓިވް ޑައިލޮގް: ރިވިޓަލައިޒިން ސިޑްސް އިކޮނޮމީސް ފޯ އެކްސިލެރޭޓެޑް އެންޑް ސަސްޓެއިނަބަލް ގުރޯތު"ގެ ކޯޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ބޭރުން ކުރިމަތިވާ ލޮޅުންތަކާއި، އެކަށީގެންވާ މިންވަރަށް ފައިނޭންސް ހޯދުމަށް ދަތިވުމާއި، ދެމެހެއްޓެނެވި މިންގަނޑަށްވުރެ ދަރަނި މަތިވުމަކީ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށެވެ. 

ކުދި ޖަޒީރާ ގައުމުތައް ތަރައްގީގެ ރާސްތާގައި ދަތުރު ކުރަމުން ދަނީ މިހުރިހާ ގޮންޖެހުމެއް ގިރާ ކުރަމުންކަން ފާހަގަ ކުރައްވައި އެ ޤައުމުތަކުގެ ވިލުންތެރިކަމަށް ރައީސް ތާރީފު ކުރެއްވި އެވެ. އެއާއެކު ކޮވިޑް-19 އާލަމީ ވަބާއަކީ ބޭރުން އަންނަ ލޮޅުންތަކާއި، ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސޮދުގެ ނާޒުކުކަން އިތުރަށް ހާމަކޮށްދީ ހަނދާން ކޮށްދިން ކަންތައްތަކެއް ކަމަށެވެ. 

ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ފަންތިން މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ދަރަޖައަށް ވާސިލުވުމާއި އަދި އެއަށްވުރެ ކުރިއަށްދިއުމަށް ކުދި ޖަޒީރާ ގައުމުތަކުން ކުރާ މަސައްކަތްތައް އިތުރު ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި، އެކަމުގައި ދައުލަތުގެ ގާބިލުކަމާއި، އުފެއްދުންތެރިކަން އިތުރު ކުރުމުގެ ބޭނުންތެރިކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

އިތުރަށް އެމަނިކުފާނު ވަނީ ކާރިސާތަކަށް ތައްޔާރީ ހާލަތުގައި ރާއްޖެ އޮތުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވާފަ އެވެ. އަދި ދެމެހެއްޓެނެވި ފަތުރުވެރިކަމުގެ ރޮނގުން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އެމަނިކުފާނުގެ ހިތާބުގައި އަލިއަޅުވައިލައްވާފައި ވެއެވެ. ގައުމުތަކަށް ލިބިފައިވާ ވަސީލަތްތައް އިތުރަށް ތަރައްގި ކުރުމުގައި އިސްތިރާޖީ ރޭވުންތެރިކަމުގެ ބޭނުންތެރިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. 

ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ހުރި ދަތިތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ތަރައްޤީއަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތްތައް ފަހިވާން ޖެހޭ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.