ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުރި ހުރަސްތައް ގިރާކުރުމަށް 3 ހައްލެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިނަލްއަޤުވާމީ މުޖުތަމައަށް ހުށަހަޅުއްވައިފިއެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކޮންފަރެންސްގެ "ހައި ލެވެލް މީޓިން އޮން މޯބަލައިޒޭޝަން އޮފް ރިސޯސަސް ފޯ ސިޑްސް"ގެ ނަމުގައި ކުރިއަށްގެންދިޔަ ބަައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވަމުން އަންނަ ޤައުމަކަށް ރާއްޖެ ބަދަލުވީ ފަހުން ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން މަޑުޖެހެމުންދާކަމަށެވެ.
އެ ބަދަލާއެކު ލުއި ގޮތަކަށް ފައިސާ ލިބުން ހުއްޓިފައިވާކަމަށާއި، އެއާއެކު މޫސުމީ ބަދަލުތަކުގެ ސަބަބުން އުދަގޫ ނިންމުންތަކެއް ނިންމަން ރާއްޖެއަށް މަޖުބޫރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ރައީސް ވިދާޅުވީ އައު ސުކޫލުތަކަށް ޚަަރަދުކުރާނީތޯ ނުވަތަ ރަށްރަށުގައި ސީވޯލްތައް ބިނާކުރާނީތޯ ނިންމަން ދިވެހި ދައުލަތަށް މަޖުބޫރުވެފައިވާ ކަމަށެވެ. ސާފު ބޯފެނަށް އިންވެސްޓުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްކުރުމުގެ ތެރެއިން ކޮންމެވެސް އެއްކަމެއް ޚިޔާރުކުރަން މަޖުބޫރުވާކަމަށާއި، މިފަދަ އުދަގޫ ނިންމުންތަކެއް ނިންމަން ރާއްޖެއަށް މަޖުބޫރުވެގެންނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައިގެ ހައްލަކީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ ލުއި ގޮތެއްގައި ލިބުންކަން ފާހަގަކުރައްވަމުން ރާއްޖެ ހިމެނޭހެން ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމުތަކަށް ފައިސާ ލިބުމުގައި ހުރި ދަތިތައް ގިރާކުރެވިދާނެ ތިން ހައްލެއް ރައީސްގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.
އެގޮތުން ބައިނަލްއަޤުވާމީ މާލީ ބުންޔާން (އާކިޓެކްޗާ) އެކުއެކީ އިސްލާހުކުރުމަށް އެމަނިކުފާނު ހުށަހެޅުއްވިއެވެ. އެގޮތުން ގިނަ ދައުލަތް އެކުލެވޭ ބޮޑެތި މާލީ އިދާރާތަކަށް ބައިނަލްއަޤުވާމީ ރައުސުލްމާލުގެ ބާޒާރުތަކުން ފައިސާ ހޯދުމުގެ ޤާބިލުކަން ލިބިފައިވާކަމުގެ ހެކިއެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ މާލީ އިދާރާތަކުން އެގޮތަށް ބައިނަލްއަޤުވާމީ ރައުސުލްމާލުގެ ބާޒާރުތަކުން ފައިސާ ހޯދައިފިނަމަ، އެ ފައިސާ ލުއި ގޮތްތަކަކަށް ކުދި ޖަޒީރާ ޤައުމުތަކަށް ފޯރުކޮށްދެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.
މިފަދައިން ފައިސާ ހޯދައިގެން ކުދި ޖަޒީރާ ޤައުމުތަކަށް ފައިސާ ފޯރުކޮށްދިނުމުން، ގިނަ ދައުލަތްތައް ބައިވެރިވާ ޑިވެލޮޕްމެންޓު ބޭންކުތަކުގެ ކްރެޑިޓް ރޭޓިންއަށް ނޭދެވޭ އަސަރުތަކެއް ނުފޯރާނެކަމުގެ ހެކި އެބަހުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ކުދި ޖަޒީރާ ޤައުމުތަކަށް އަމިއްލަ ވިޔަފާރިތަކުން ފައިސާ ލިބޭނެ ގޮތް ހެދުމަށް ޑިވެލޮމެންޓު ބޭންކުތަކާއެކު އެ ޤައުމުތަކަށް މަސައްކަތްކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ބޮޑެތި އިންވެސްޓުމެންޓުތައް ކުދި ޖަޒީރާ ޤައުމުތަކަށް މިސްރާބުނުހިފާ ސަބަބަކީ އެ ޤައުމުތަކުގައި ވިޔަފާރި ފުޅާކުރުމަށް އޮންނަ ފުރުސަތު ވިޔަފާރީގެ ހިރާސްތަކާ އަޅާބަލާއިރު ކުޑަވުމެވެ. އެހެންކަމުން ތަރައްޤީގެ ބައިވެރިންނަށް އެ ހިރާސްތަކާއި ބުރަތަކުން ކޮންމެވެސް މިންވަރެއް ހިއްސާކުރެވިދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މިފަދަ ގުޅުމެއް ތަރައްޤީގެ ބައިވެރިންނާއި ތަރައްޤީވަމުން އަންނަ ހަޒީރާ ޤައުމުތަކުގެ މެދުގައި ޤާއިމުކުރެވިއްޖެނަމަ އަމިއްލަ ފަރާތްތަކުގެ އިންވެސްޓުމެންޓުތައް ކުދި ޖަޒީރާ ޤައުމުތަކަށް މިސްރާބުކުރާނެ މަގެއް ކޮށިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ އިންވެސްޓުމެންޓުތަކަކީ ކުދި ޖަޒީރާ ޤައުމުތައް ދެމެހެއްޓެނެވި ތަރައްޤީގެ އަމާޒުތަކާއި ޤައުމުތަކުގެ ތަރައްޤީގެ އަމާޒުތަކަށް ވާސިލުކޮށްދޭނެ އިންވެސްޓުމެންޓުތަކެކެވެ.
"އަޅުގަނޑުމެން އެދެނީ ތަރައްޤީގެ ބައިވެރިން ކުދި ޖަޒީރާ ޤައުމުތަކަކީ އެހީ ލިބޭ ބައެއްގެ ގޮތުގައި ދުށުން ހުއްޓާލައި، ބައިވެރިންކަމަށް ދެކުން. އެއީ ކަނޑުގެ ދިރުންތަކުގެ ބޮޑު ބައެއް ހިމާޔަތްކުރާ ބައިވެރިންތަކެއްކަމަށް ބެލުން. މިފަދަ ގުޅުންތަކުން ނޫނީ ފައިސާ އެންމެ ބޭނުންވާ ކަންކަމަށް ފައިސާ ލިބި އެކަންކަމަށް ފައިސާ ހޭދަކުރެވޭކަން ކަށަވަރުނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
އެންމެ ފަހު ހައްލެއްގެ ގޮތުގަައި ރައީސް ހުށަހެޅުއްވީ ކުދި ޖަޒީރާ ޤައުމުތަކުގެ ވިސްނުން މިހާރަށްވުރެ ފުޅާކޮށް ތަރައްޤީގެ އައު ވިސްނުންތައް އިސްކުރުމެވެ. އެގޮތުން އެ ޤައުމުތައް ކުޑަވި ނަމަވެސް އެ ޤައުމުތަކަށް ލިބިފައިހުރި ފުރުސަތުތައް ހަނިކަމަށް ނުދުށުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކި މަންސަތަކުގައި ދެއްވާ ތަޤުރީރުތަކުގައި ރައީސް ޑރ.މުޢިއްޒު ގެންދަވަނީ ރާއްޖެ ފަދަ ޤައުމުތަކަށް ކޮންމެހެން ބޭނުންވާ ފައިސާ ލުއި ގޮތެއްގައި ހޯދުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ފާހަގަކުރައްވައި ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް އެ ޤައުމުތަކުގެ އިޤުތިޞާދީ ވިލުންތެރިކަން އިތުރުކޮށް، ދެމެހެއްޓެނެވި ތަރައްޤީ ކަށަވަރުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދޭނެ ލުއި ފަސޭހަ ގޮތްތަކެއް ފަހިކުރުމަށް، ބައިނަލްއަޤުވާމީ މާލީ ނިޒާމަށް އިސްލާހުތައް ގެނައުމަށް ގޮވައިލައްވައި ވަކާލާތުކުރައްވަމުންނެވެ.