އާ އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ގޮންޖެހުންތައް ފަހި ފުރުސުތުތަކަށް ބަދަލުކުރެވޭނެ: ރައީސް

ރާއްޖެއިން އަންނަނީ އީޖާދުތަކާއި ޓެކްނޮލޮޖީ ކުރިއެރުވުމަށް އަމާޒު ކުރެވޭ އިންވެސްޓުމެންޓުތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުންނެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން ބޭއްވި ހަރަކާތެއްގައި ރައީސް ތަޤުރީރުކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް

ޓެކްނޮލޮޖީއާއި އައު އީޖާދުތައް މެދުވެރިކޮށް ގޮންޖެހުންތައް ފަހި ފުރުސަތުތަކަށް ބަދަލުކޮށް، ދެމެހެއްޓެނެވި އެންމެނަށް މިހާރަށްވުރެ ތަނަވަސް ފުދުންތެރި މުސްތަޤުބަލަކަށް މަގުކޮށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކުގެ ކޮންފަރެންސްގެ ހަވާސާގައި، "ސްމާޓް މޯލްޑިވްސް: ޖާނީ ޓުވާޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިއުނިޓީ"ގެ ނަމުގައި ރާއްޖެއިން ބޭއްވި ހަރަކާތުގައި ދެއްވި އިފުތިތާހީ ބަޔާނުގައި ރައީސް ވިދާޅުވީ  ތަރައްޤީވަމުން އަންނަ އެހެނިހެން ކުދި ޖަޒީރާ ޤަައުމުތަކެކޭ އެއްފަދައިން ރާއްޖެއަށް ލިބިފައިވަނީވެސް މަދު ޤުދުރަތީ ވަސީލަތްތަކެއް ކަމަށާއި، އިޤުތިޞާދުގެ ސިންދަފާތުކަން ކުޑަކަމަށާއި، އިޤުތިޞާދުގެ ބޭސްވެސް ބަލިކަށިކަމަށާއި، ބޭރުން އަންނަ ލޮޅުންތަކުން ކުރާ އަސަރުތައް ބޮޑުކަމަށާއި، މޫސުމީ ބަދަލުތަކާއި ދަރަނީގެ ދެމެހެއްޓެނެވިކަން ހާސިލުކުރުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. 

ރާއްޖޭގެ ގޮންޖެހުންތަކަކީ ރާއްޖެއަށް ޚާއްޞަ ކަންކަމަށްވީ ނަމަވެސް އިސްވެ ބަޔާންކުރެއްވި ކަންކަމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ހުރިހާ ޤައުމަކުން ހިއްސާކުރާ ގޮންޖެހުންތަކެއް ކަމުގައިވާތީ ރާއްޖެއާ އެ ޤައުމުތަކުން ގިނަ ކަންކަމުގަައި އެއްބަސްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

މި ގޮންޖެހުންތަކުގެ ސަބަބުން ސަރުކާރުތަކަށް އެކަށީގެންވާ ފެންވަރުގެ އާންމު ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައާއި، އެންމެންނަށް އަދުލުވެރި ފެންވަރެއްގެ ތަރައްޤީ ހާސިލުވާކަން ކަށަވަރުކޮށްދިނުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވާ ކަމަށެވެ. 

މި ޑިޖިޓަލް ޒަމާނުގައި ޓެކްނޮލިޖީ މެދުވެރިކޮށް މި ގޮންޖެހުންތަކުގެ ސަބަބުން އުފެދޭ ފަރަގު ކުޑަކުރެވޭނެ ގޮތްތައް ހޯދިފައިހުރުމަކީ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ފައްސި ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ، ޓެކްނޮލިޖީއާއި އައު އީޖާދުތައް ބޭނުންކުރުމަކީ ބިނާކުރަނަވި ބަދަލުތައް ގެނެސް، ތަރައްޤީއަށް ކުރިމަތިވެފައި ހުރި ހުރަސްތައް ގިރާކުރުން ފަސޭހަކޮށްދޭ ކަމެއް ކަމަށެވެ. 

ރާއްޖެއަކީ ޑިޖިޓަލް ބަދަލުތައް ގެނައުމުގެ ކާމިޔާބު ނަމޫނާއަކަށްވާތީ އުފާކުރައްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޑިޖިޓަލް ހައްލުތައް ބޭނުންކޮށްގެން މޫސުމީ ބަދަލުތަކަށް ހޭނި، ސިއްހީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް ތައުލީމީ ޚިދުމަތްތަކާއި، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފެންވަރު ރަނގަޅުކުރެވި އިޤުތިޞާދުތައް ސިންދަފާތުކޮށް، ޝަރަފުވެރި ދިރިއުޅުމުގެ ފުރުސަތުތައް އިތުރުކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

އަދި މިފަދަ ޓެކްނޮލޮޖީއާއި އީޖާދުތަކުގެ ސަބަބުން ސަރުކާރުތަކުގެ އެފެކްޓިވްނެސް ނުވަތަ ނަތީޖާ ނެރެވޭ މިންވަރު ހަރުދަނާކުރެވި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވޭ ކަމަށެވެ. އަދި ޓެކްނޮލޮޖީއާއި އާ އީޖާދުތަކުގެ ބޭނުންހިފައިގެން ގޮންޖެހުންތައް ފަހި ފުރުސުތަކަށް ބަދަލުކޮށް، އެންމެނަށް ދެމެހެއްޓެނެވި ތަނަވަސް މުސްތަޤުބަލަކަށް މަގުކޮށައިދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

މި ދާއިރާގައި ރާއްޖޭގެ ބައެއް ކާމިޔާބުތައް ފާހަގަކުރައްވައި ރައީސް ވިދާޅުވެފައިވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި އޮވެ ރާއްޖޭގެ ހުރިހާ ރަށަކަށް ޓެލެފޯނުގެ ޚިދުމަތް ތައާރަފުކުރެވުނު ކަމަށެވެ. 

ޕޯޓަލްތަކާއި ވެބް އެޕްލިކޭޝަންތައް މެދުވެރިކޮށް ޔުޓިލިޓީ ޚިދުމަތްތަކާއި، ސިއްހީ ފަރުވާއާއި ތައުލީމާއި ގެދޮރުވެރިކަމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ދިވެހިންގެ ނިޔަފަތިކުރިއާ ހަމައަށް ގެނެސްދެވިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

އަދި މުސްތަޤުބަލަށް ބަލާއިރު ރާއްޖެއިން އިންތިޒާރުކުރަނީ 5-ޖީ އުފެއްދުންތެރި އީޖާދީ ގޮތްތަކަށް ބޭނުންކުރުމަށް ކަމަށެވެ. އެގޮތުން ސިއްހީ ކަންކަމަށް ބޭނުންވާ ވަސީލަތްތައް ޑްރޯން ވިއުގައެއް މެދުވެރިކޮށް ޑެލިވާކުރެވޭ ނިޒާމުތަކާއި، ސްމާޓު ރޯޑް ނިޒާމުތަކާއި، މަސްނޫއީ ތޫނުފިލިކަން ޝަމިލުވާ ޖާއައިސް ބޭނުންކޮށްގެން ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަތުމާއެކު ރަށްގިރުން ފަދަ ކަންކަން ދެނެގަތުމަށް މަސައްކަތްކުރުމަކީ ކުރުމަށް ވިސްނަމުންދާ ކަންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރާއްޖެ އޮތީ ޑިޖިޓަލް އިޤުތިޞާާދަކަށް ބަދަލުވުމުގެ މަގުމަތީގައިކަމަށާއި، އެކަމަކީ ގިނިކަންޏާ ރާއްޖެއަށް ހާސިލުކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސްވަނީ މިބަދަލަކީ ބައިނަލްއަޤުވާމީ އެހީތެރިކަމާއި ގިނަ އަދަދެއްގެ އިންވެސްޓުމެންޓުތަކާއި ޕާޓްނާޝިޕުތަކަށް ބޭނުންވާ ކަމެއްކަމަށް ވިދާޅުވެފައެވެ. 

ރާއްޖެއިން އަންނަނީ އީޖާދުތަކާއި ޓެކްނޮލިޖީ ކުރިއެރުވުމަށް އަމާޒުކުރެވޭ އިންވެސްޓުމެންޓުތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ އެ މަސައްކަތްޕުޅުގެ މަޤުޞަދަކީ ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމާއެކު އާންމު ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް މަސައްކަތްތެރިން ބާރުވެރިކުރުން ކަމަށެވެ. 

އަދި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގައި މިހާރު ލިބޭ ޑިޖިޓަލް ޚިދުމަތްތައް އަދާހަމަކުރުމާއެކު އައު ޚިދުމަތްތައް ތައާރަފުކުރުމަށް މަސައްކަތްކުރާނެކަމަށް ވައުދުވެވަޑައިގެން ރައީސް ވިދާޅުވީ، ރާއްޖެއަށް ހިފަހެއްޓުންތަކާއި ގައިދުތައް ހުރިކަން ޤަބޫލުކުރައްވާކަމަށާއި ނަމަވެސް ރާއްޖެއިން ބޭނުންވަަނީ ދިވެހިންގެ ވިލުންތެރިކަމާއި ވަރުގަދަ އޒުމުގެ ނަތީޖާ ދައްކައި، އަބަދުމުގެ ކުރިމަތިވާ ގޮންޖެހުންތައް ގިރާކުރެވޭނެކަން ބައިނަލްއަޤުވާމީ މުޖުތަމައަށް ދައްކައިދޭން ކަމަށެވެ. 

ގަދަ އޮއިގައި ދަތުރުކޮށް، ޝައްކުގެ ވަހުމުތަކާ ކުރިމަތިލައި، ކުރިން ދަތުރުކޮށްފައި ނެތް ކަނޑުތަކުގައި ރާއްޖެއިން ދަތުރުކޮށްފއިވާކަމަށާއި، ނަމަވެސް ރާއްޖޭގެ ނާޒުކުކަމުގައި، އަދި ރާއްޖޭގެ ގައިދުތަކުގެ މަޑު ފަސްގަނޑުގައި ދިވެހި ޤައުމުގެ ވިލުންތެރިކަން މޫލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

"ހުއްޓުމެއް ނެތް ރާޅުތަކުގެ ކުރިމަތީގައި ޖަޒީރާއެއް ސާބިތުވެ އޮންނަ ފަދައިން، އަޅުގަނޑުމެން އަމިއްލަ ނަފްސުތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ އިންތައް ފަހަނައަޅައިދާންޖެހޭ،" ރައީސް ވިދާޅުވިއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.