ކުދިކުދި ހައްލުތައް ގެނެސްގެން މޫސުމީ ބަދަލުގެ ނުރައްކަލުން އަރައި ނުގަނެވޭނެ: ރައީސް

ސިޑްސްގެ ހަވާސާގައި ބޭއްވި ހަރަކާތެއްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ލަސްލަހުން ކުދިކުދި ހައްލުތަކެއް ގެނެސްގެން މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުޑަކުރަން ކަނޑައަޅާފައިވާ އަމާޒުތައް ހާސިލުނުވާނެ ކަމަށް

ސިޑްސްގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ، -- ފޮޓޯ: ރައީސް އޮފީސް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ގެންނަ ކުދި ބަދަލުތަކާއި ހޯދަމުންދާ ކުދި ކުރިއެރުންތައް ނުފުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.  

އެންޓިގާ އެންޑް ބާބިޑާގައި ކުރިއަށްދާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކޮންފަރެސްގެ ހަވާސާގައި ބޭއްވި ހަރަކާތެއްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ކޮންފަރެންސަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް އެއްތަންވި ސަބަބަކީ ވިލުންތެރިކަން ކަމަށެވެ. އަދި އެ ޤައުމުތަކުގެ ކުދިކަމާއި ނާޒުކުކަމާއެކުވެސް، އެ ޤައުމުތަކުގެ ނުގުނޑާ އަޒުމުގެ ސަބަބުން އެ ޤައުމުތަކަކީ ވިލުންތެރި ޤައުމުތަކެއްކަމަށާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ގަދަ ހިތްވަރާއެކު މަސައްކަތްކުރާ ޤައުމުތަކެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމަށް ފާއިތުވި އަހަރު އެމަނިކުފާނު އިންތިޚާބުވެވަޑައިގަތީ ދިވެހި ރައްޔިތުނާއި ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ ބާރުވެރިވެ ވިލުންތެރިކަން ހާސިލުކުރުމުގެ ތަސައްވުރަކާއެކުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭގެ ތެރޭގައި އަލަށް ފެންމަތިވަމުންދާ ދާޚިލީ އަދި ޚާރިޖީ ގޮންޖެހުންތަކަށް ވިލުންތެރި ޤައުމަކަށް ރާއްޖެ ހެދުން ހިމެނޭ ކަމަށެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަގުނަ ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުން ކަމަށެވެ. އަދި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ފޯރާނެ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭތީ، އެގޮންޖެހުމާ ކުރިމަތިލުމުގައި ބައިނަލްއަޤުވާމީ މުޖުތަމައުގެ އެހީތެރިކަމާއި މަދަދަށް ރާއްޖެއިން އެދެމުންދާތާ އަހަރުތަކެއްވެފައިވާކަމަށެވެ. އެންމެ ފުރަތަމަ އެކަމުގެ ނުރައްކާ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވި ނަމަވެސް އެ ނުރައްކަލާ ކުރިމަތިލާންޖެހޭނީ ހަމައެކަނި ކުދި ޖަޒީރާ ޤައުމުތަކަށް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ބޭނުންވުމަކީ ހިތްވަރު ލިބިވަޑައިގަންނަވާ ކަމެއްކަމުގައި ފާހަގަކުރެއްވުމާއެކު ރައީސް ވިދާޅުވީ، މިހާރު ކަންކުރަމުންދާ ގޮތަށް ކަންކޮށްގެން ފުދެން ނެތް ކަމަށެވެ. ލަސްލަހުން ގެންނަ ކުދިކުދި ބަދަލުތަކާއި، ލަސްލަހުން ހޯދޭ ކުރިއެރުންތަކުން ދުނިޔޭގެ ހޫނުމިން 1.5 ޑިގުރީގައި ހިފަހެއްޓުމުގެ އަމާޒު ހާސިލުނުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި މައްސަލާގައި ސައެންސް ވަރަށް ސާފުކަމަށެވެ. އެގޮތުން 1.5 ޑިގުރީއަށްވުރެ ދުނިޔޭގެ ސަތަހައިގެ ހޫނުމިން މަތިވިޔަނުދިނުމުގެ އަމާޒު ހާސިލުކުރުމަކީ އުދަގޫކަމަކަށްވަމުންދާކަން، މޫސުމީ ބަދަލުތައް ދިރާސާކުރާ ސައެންސްވެރިންގެ މައްޗަށް އެކުލެވޭ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖު (އައިސީސީޕީ)ން ފާހަގަކުރަމުންދާކަމަށާއި، އެންމެ ރަނގަޅު އަންދާޒާތަކަށް ބަލާއިރު މި ޤަރުނުގައި ދުނިޔޭގެ ސަތަހައިގެ ހޫނުމިން 2.5 ޑިގުރީއަށް މަތިވާނެކަމަށާއި، އެންމެ ގޯސް އަންދާޒާތަކަށް ބަލާއިރު 3 ޑިގުރީއަށް ދުނިޔޭގެ ހޫނުމިން އުފުލޭނެކަމަށް ސައެންސްވެރިން ލަފާކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ސައެންސްވެރިންގެ މި އަންދާޒާތަކުން ތަމްސީލުވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ދިރުމާއި، ދުޅަހެޔޮކަމާއި، އިޤުތިޞާދުތަކަށް ބޮޑު ނުރައްކަލެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.