ވިޝާމާ ވިދާޅުވީ މި ލޯނު ސްކީމްގެ ދަށުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަން ރުފިޔާ، އަދި ވިޔަފާރިތަކަށް އަށް މިލިއަން ރުފިޔާއާއެކު ޖުމްލަ 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.
ސަރުކާރުން ހިންގާ "ދަނޑުވެރި ނަފާ ލޯން ޕްރޮގްރާމް" ގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެގްރިކަލްޗާ، ފުޑް ސެކިއުރިޓީ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ މި ލޯނު ސްކީމްގެ ދަށުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަން ރުފިޔާ، އަދި ވިޔަފާރިތަކަށް އަށް މިލިއަން ރުފިޔާއާއެކު ޖުމްލަ 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.
މި ލޯނު ސްކީމަކީ އެސްޑީއެފްސީއާ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެކުލަވާލެވުނު ލޯނު ސްކީމެކެވެ.
ވިޝާމާ ވިދާޅުވީ މި ލޯނުގެ ސްކީމްގެ ދަށުން އަލަށް ދަނޑުވެރިކަމަށް ވަންނަ ފަރާތްތަކަށް މަސައްކަތްތައް ފަށައިގަތުމަށާއި އަދި މިހާރު އެ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން މަސައްކަތް އިތުރަށް ތަރައްގީ ކުރުމުގެ އިތުރުން ބޮޑެތި އިންވެސްޓް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
"މި ޕްރޮގްރާމުގެ ތެރެއިން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށާއި ދަނޑުވެރިކަމުގެ ފެންދޭ ނިޒާމް ގާއިމްކޮށް، އަދި ޕޯލްޓްރީއާ ދަނޑުވެރިކަމުގަ ގެންގުޅޭ ކުދި ޖަނަވާރު އާލާ ކުރުމާ، އެގްރޮފޮރެސްޓީ މަސައްކަތްތައް ލޯނުގެ އެހީގެ މަސައްކަތްތަކުގެ ތެރޭގަ ވަނީ އެކުލަވާލެވިފަ،" ވިޝާމާ ވިދާޅުވި އެވެ.
މިއީ ރަހުނަކާ ނުލާ އެއްލައްކަ ރުފިޔާއާ ހަމައަށް ދޫކުރާ ލޯނެކެވެ. އަދި، އެކި ބޭނުންތަކަށް ދެ މިލިއަން ރުފިޔާއާ ހަމައަށް މި ލޯނު ދޫކުރަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
މިނިސްޓްރީން ދަނީ ދަނޑުވެރިންގެ ދަފްތަރެއް ވެސް ބަލަހައްޓަމުންނެވެ. ވިޝާމާ މިއަދު ވިދާޅުވީ މި ދަފްތަރުގައި ރާއްޖޭގެ 85 ރަށެއްގެ 7627 ދަނޑުވެރިން އެބަތިބި ކަމަށެވެ. އޭގެ ތެރެއިން 53 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ. އަދި 47 ޕަސެންޓަކީ ފިރިހެނުންނެވެ.