ތޭވީސް ދައުވާއެއް އޮތް ޝިފާއު މަގާމުން ވަކިކޮށްފި

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު "ދަ މިރާ" އަށް ދެންމެ ވިދާޅުވީ ޝިފާއު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ހުސެއިން ޝިފާއު ހޯދަން ފުލުހުން މީގެ ކުރިން ކުރި އިއުލާނުގައި އާންމުކުރި ފޮޓޯ

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރި ހުސައިން ޝިފާއު އެ މަގާމުން ވަކިކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަނު ކުރީ މީގެ ހަތަރު ދުވަސް ކުރީންނެވެ. އޭނާ އަކީ ބޭރު ގައުމުތަކުގެ ކުންފުނިތަކަށް ފޭކް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާ ކަމުގެ ތުހުމަތު އޮތް މީހެކެވެ.

ޝިފާއު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާތީ އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ.

ޝިފާއުއާ އިތުރު މީހަކާ ބައިވެރި ވެގެން ރަޖިސްޓްރީ ކޮށްފައިވާ "ކިންގްޑަމް އޮފް ފްރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލަތަކުގައި 23 ދައުވާއެއް އޮތީ އުފުލާފަ އެވެ.

އެފަދަ މީހަކަށް ސަރުކާރުގެ ސިޔާސީ އިސް މަގާމެއް ދިނުމުން ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު "ދަ މިރާ" އަށް ދެންމެ ވިދާޅުވީ ޝިފާއު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެ މަގާމަށް ހަމަޖެއްސީ އެކަށީގެންވާ މައުލޫމާތު ނުހޯދާ ކަމަށެވެ. އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އަޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސަށް އެނގިވަޑައިގަތުމާ އެކު އޭނާ މިހާރު ވަނީ ވަކި ކުރައްވާފައި،" ހީނާ ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ބުނީ ޝިފާއު ކުށުގެ އަމަލު ހިންގާފައި ވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށެވެ. މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 އެމެރިކާ ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 1.9 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.