ރައީސްގެ ނިންމެވުން: މަޖިލީސް ރައީސްކަން އަބްދުއްރަހީމަށް، ނާއިބަކީ ނާޒިމް

މި މަހުގެ ފަށާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނާއިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ގެންނަން ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ވަނީ ނިންމާފަ އެވެ.

އަބްދުއްރަހީމް އަދި ނާޒިމް

މި މަހުގެ 28 ވަނަ ދުވަހު ފަށާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނާއިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ގެންނަން ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ދެންމެ ނިންމައިފި އެވެ.

ކޮންގްރެސްގެ މި ނިންމުން އައީ އެ ޕާޓީގެ ޕީޖީ ގުރޫޕްގެ މެންބަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާ / ކޮންގްރެސްގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބާއްވަމުން ގެންދަވާ ބައްދަލްކުރެއްވުމު ގަ އެވެ. ރިޔާސީގެކޮޅު -- މުލިއާ ގޭގައި ކުރިއަށްދާ މި ބައްދަލްވުމުގައި އެ ގޮތަށް ނިންމެވީ ސީދާ ރައީސް މުއިއްޒު އެވެ.

އަބްދުއްރަހީމަކީ ރައީސް މުއިއްޒުގެ އިސް އެޑްވައިޒަރެވެ. މަޖިލީހުގެ ދައުރު ފެށުމާ އެކު އެ މަގާމުން ވަކިވެވަޑައިގަންނަވާނެ އެވެ. އަބްދުއްރަހީމް ވަނީ މީގެ ކުރީން ފޮނަދޫ ދާއިރާގެ މެންބަރު ކަމުގެ މަގާމު ދެ ފަހަރެއްގެ މަތީން ފުރުއްވާފަ އެވެ. އެއީ 17 އަދި 18 ވަނަ މަޖިލީހު ގަ އެވެ.

ނާއިބަކަށް ގެންނަން ހަމަޖެއްސެވި ނާޒިމަކީ ވެސް ކުރީން ދިއްގަރު ދާއިރާގެ މެންބަރު ކަން ކުރައްވާފަައިވާ ބޭފުޅެކެވެ. މަޖިލީހުގެ ނާއިބު ރައީސް ކަން ވެސް ކުރައްވާފައިވެ އެވެ.

ކޮންގްރެސް ޕާޓީން ބުނީ ރައީސްގެ އެ ހުށައެޅުއްވުމުން ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

މިިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ކޮންގްރެސް އިން ވަނީ ސާފު މެޖޯރިޓީ ހޯދާ ފަ އެވެ. ކޮންގްރެސްގެ ޓިކެޓް ގައި ވާދަކުރި 89 ކެންޑިޑޭޓުންގެ ތެރެއިން 66 ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކުރި އެވެ.

ރައީސް މުއިއްޒުގެ ތާއީދާ އެކު އަމިއްލަ ގޮތުން ވާދަކުރި ގިނަ ކެންޑިޑޭޓުން ވެސް ވަނީ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ. އަމިއްލަ ގޮތުން އިންތިހާބު ވި ހަތް މެންބަރަކު ވަނީ މީގެ ކުރީން ކޮންގްރެސްއާ ގުޅިވަޑައިގެންފަ އެވެ. އެއީ؛

  •  ޑރ. އަނާރާ ނައީމް – ހުރާ ދާއިރާ
  •  ހަސަން ޒަރީރު – މަތިވެރި ދާއިރާ
  •  އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  •  އަހްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  •  ޔާސީން އަބްދުﷲ - ނައިފަރު ދާއިރާ
  •  އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ
  •  މުހައްމަދު ރަޝީދު (އިޓަލީ - ގަދަގޭ ރަޝީދު) - ނޮޅިވަރަމް ދާއިރާ
  •  ޝާމިން ހަބީބު - ކުރެންދޫ ދާއިރާ

މި ހުރިހާ މެންބަރުންނަކީ ވެސް ރައީސްގެ ތާއީދާ އެކު ހޮވިވަޑައިގެން މެންބަރުންނެވެ. މި މެންބަރުންނާ އެކު ކޮންގްރެސް ގައި 74 މެންބަރުން ތިއްބަވާނެ އެވެ.

މިއީ ސަރުކާރު ހިންގާ ޕާޓީއަކަށް މިހާތަނަށް މަޖިލީހުން އެންމެ ތަނަވަސް އަގުލަބިއްޔަތެއް ލިބުނު ފަހަރެވެ.

މީގެ އިތުރުން ޕީޖީ ގުރޫޕްގެ ލީޑަރުގެ މަގާމަށާއި ނާއިބުންގެ މަގާމަށް ވެސް ރައީސް ވަނީ ބޭފުޅުން އިހްތިޔާރު ކުރައްވާފަ އެވެ. 

އެ ގޮތުން ޕީޖީ ގުރޫޕްގެ ލީޑަރު ކަމަށް ހަމަޖައްސަވާނެ ބޭފުޅަކާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބަވާނެ ބޭފުޅުންގެ ނަންތައް އިއުލާނު ކުރެއްވި އެވެ.

ރައީސް ހަމަޖައްސަވާފައި ވަނީ ޕީޖީ ގުރޫޕްގައި ހަތަރު ނާއިބު ލީޑަރުން ތިއްބަވާ ގޮތަށެވެ. އަދި އެ ބޭފުޅުންގެ ތެރޭގައި ސީނިއާ ޑެޕިއުޓީ ލީޑަރަކު ހަމަޖެއްސެވުމަށެވެ. ރައީސްގެ ނިންމެވުމަކީ؛

  •  އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް - ޕީޖީ ލީޑަރު
  •  ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު - ސީނިއާ ޑެޕިއުޓީ ލީޑަރު
  •  މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް - ޑެޕިއުޓީ ލީޑަރު
  •  ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު - ޑެޕިއުޓީ ލީޑަރު
  •  ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް - ޑެޕިއުޓީ ލީޑަރު

ވިހިވަނަ މަޖިލީސް ފަށާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ހެނދުނު މެންބަރުން ހުވާ ކުރުމުގެ ހާއްސަ ދަރުބާރު އޮންނާނެ އެވެ.

އަދި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ މަޖިލީހުގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށް ބޭފުޅުން އިންތިހާބު ކުރާާނެ އެވެ. އާ މަޖިލީހު ގައި ކޮންގްރެސްގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް އޮތުމުން ރައީސްގެ ނިންމެވުމާއި އެއްގޮތަށް ބޭފުޅުން އިންތިހާބު ކުރެވިދާނެ އެވެ.

މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށް ނަގާނީ ސިއްރު ވޯޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.