މިނިސްޓަރު ވިދާޅުވީ އެތަނުގެ މަސައްކަތްކަށް ލަސްތަކެއް ނުވެ ފެށިގެން ދާނެ ކަމަށެވެ. އެޔާއެކު މިހާރު މީޑިއާތައް ހިންގާ ސްޓޭޝަންތަކަށްވުރެ ހުރިހާ ގޮތަކުން ވެސް ރަގަޅު އޮފީސް ޖާގަތައް ލިބިގެން ދާނެ ކަމަށެވެ.
ހުޅުމާލޭގައި ގާއިމްކުރަން ސަރުކާރުން ނިންމާފައިވާ މީޑިއާ ވިލެޖާއެކު ޓީވީ ސްޓޭޝަންތަކާއި އޮންލައިން މީޑިއާތަށް ހިންގުމަށް މިހާރަށްވުރެ ތަނަވަސް ޖާގައާއި ވަސީލަތްތައް ލިބިގެންދާނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.
ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި މިހާރު މީޑިއާ ވިލެޖުގެ ކުރެހުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެތަނުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެން ދާނެ ކަމަށެވެ. އެޔާއެކު މިހާރު މީޑިއާތައް ހިންގާ ސްޓޭޝަންތަކަށްވުރެ ހުރިހާ ގޮތަކުން ވެސް ރަގަޅު އޮފީސް ޖާގަތައް ލިބިގެން ދާނެ ކަމަށެވެ.
"އެކަން އެއްކޮށް ނިމިގެން އަންނައިރު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ޓީވީ ސްޓޭޝަންތައް ހިންގުމަށްޓަކާ އެބޭފުޅުންނަށް އެކަށީގެންވާ ރަގަޅު، މިހާރު އެ ބޭފުޅުން މަސައްކަތް ކުރާ ތަންތަނަށް ވުރެ މާ ބޮޑު ޖާގަ ތަނަވަސް އޮފީސްތަކެއް ލިބިގެން ދާނެ،" މިނިސްޓަރު ވިދުވި އެވެ.
އެގޮތުން ޓީވީ ސްޓޭޝަންތަކުގައި ރަގަޅު ފެންވަރުގެ ސްޓޫޑިއޯތައް ގާއިމް ކުރުމުގެ އިމްތިޒާމްތައް ހުންނާނެ ކަމަށާއި އެކި ސައިޒުގެ ޓީވީ ސްޓޭޝަންތައް ހިންގާނެ ޖާގަ މީޑިއާ ވިލެޖުން ލިބޭނެ ކަމަށެވެ. އޭގެ އިތުރުން އޮންލައިން ނޫސްތައް ހިންގާ އޮފީސްތަކަށް ވެސް މިހާރަށް ވުރެ ބޮޑު ޖާގަ މީޑިއާ ވިލެޖުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުދި ކުދި ނޫސްތައް ހިންގާ ތަންތަނަށް ވެސް އޮފީސް ޖާގަ އެތަނުން ލިބިގެން ދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީޑިއާ ވިލެޖު ހެދުމުން ނޫސްވެރިންގެ ބައްދަލުވުންތައް ވެސް ބާއްވާނީ އެތަނުގައި ކަމަށެވެ. އެތަނުގައި އެފަދަ ކޮންފަރެންސްތައް ބާއްވާނެ އެކިއެކި މާލަންތައް ވެސް ހުންނާނެ ކަމަށާއި އޭގެ ސަބަބުން ނޫސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
"އެތަންތަނުގަ ހުންނާނީ ފައިބާ އެޅިފަ އޭގެ ޒާތުގަ، ލައިޓިން ހުންނާނީ ހަދާފަ. އެހެންވީމަ ތިބޭފުޅުންގެ އިކުއިޕްމެންޓް ވައިސްކޮށް ވެސް ވަރަށް ބޮޑު ފަސޭހައަކަށް އެކަން ވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އާ މަޖިލީސް ހުވާ ކުރުމާއެކު ބަޖެޓްގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މީޑިއާތަކަށް ފައިސާ ދިނުމަށް ބަޖެޓްގައި ކަނޑައަޅާނެ ކަމަށެވެ. މިހާރު މީޑިއާތަކަށް ފައިސާ ދޭނެ އުސޫލު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ފާހަގަކުރެއްވި އެވެ.