ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް، މޫސުން އިތުރަށް ގޯސްވާނެ

މޫސުން ގޯސް ކަމަށް ލަފާ ކޮށްފައިވާ ސަރަހައްދުތަކުގައި، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި، ކަނޑު ދަތުރުތައް ކުރުން މެދުކަނޑާލުމަށް މެޓުން އިލްތިމާސް ކުރެ އެވެ.

ވިއްސާރަ ދުވަހަކު މާލޭގެ މަގުމަތި: ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދި މޫސުން އިތުރަށް ގޯސް ވާނެ ކަމަށް ވަނީ ލަފާކޮށްފައި -- ފޮޓޯ: މިރާ

ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން "މިރާ" އަށް މިއަދު ބުނީ ކޮޅިގަނޑު އުފެދޭނެ ކަމަށް ކުރިން ބެލެވިފައި އޮތީ މިރޭ ނުވަތަ މާދަމާގެ ވަގުތެއްގައި ކަމަށެވެ. ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ ގަދައަށް ވިއްސާރަ ކުރަމުން ދަނިކޮށް މި އުފެދުނު ކޮޅިގަނޑުގެ އަސަރު ވެސް ކުރާނެ ކަމަށް ބުންޏެވެ. 

މިއަދު އެންމެ ގަދައަށް ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުން ލަފާ ކޮށްފައި ވަނީ އުތުރާއި މެދުއަތޮޅު ތަކަށެވެ. މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް ވ. އަތޮޅާއި ބ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ނެރުނު އޮރެންޖު އެލާޓް ވެސް މެޓު އޮފީހުން ވަނީ ދަމަހައްޓާފަ އެވެ. މިހާރު އެލާޓު ނެރެފައި އޮތީ މިއަދު މެންދުރު 12:00 އާ ހަމައަށެވެ. 

މިއަދު ވައި ގަދަވުމުގެ ސަބަބުން އުތުރާއި މެދު އަތޮޅުތަކުގެ ތެރޭގެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައި އޮތް މެދު އަތޮޅުތަކާއި އުތުރުގެ މައި ކަނޑުތަކުގެ ރާޅު ހުންނާނީ ހަ ފޫޓާއި ނުވަ ފޫޓާ ދެމެދުގެ އުސްމިނެއްގައި ކަމަށް ވެސް މެޓު އޮފީހުން ބުނެ އެވެ. 

މިއަދު ދެކުނުގެ އަތޮޅުތަކަށް މޫސުން އެހާ ގޯހެއް ނޫނެވެ. މެޓު އޮފީހުން ބުނީ ދެކުނުގެ ކަނޑުތަކުގެ ރާޅު ހުންނާނީ ހަތަރު ފޫޓާ ހަތް ފޫޓާ ދެމެދުގެ އުސް މިނެއްގައި ކަމަށެވެ. ދެކުނުގެ ސަރަހައްދުތަކަށް ވައި ބާރު ނޫން ނަމަވެސް، ދޭތެރެއަކުން ކެރީގެ އަސަރު ކުރުން އެކަށީގެންވެ އެވެ.

ހާއްސަކޮށް މޫސުން ގޯސް ކަމަށް ލަފާ ކޮށްފައިވާ ސަރަހައްދުތަކުގައި، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި، ކަނޑު ދަތުރުތައް ކުރުން މެދުކަނޑާލުމަށް މެޓުން އިލްތިމާސް ކުރެ އެވެ. 

މި ވިއްސާރަ އަލިވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރަނީ އަންނަ ހުކުރުގެ ފަހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.