ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުމުގެ ތުހުމަތު އެމެރިކާއަށް އެބައޮތް

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގެ ތަހުގީގެއް ހިންގުމަށް އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ މުހައްމަދު ބަގޭރީ އަމުރު ކުރެއްވުމުގެ ކުރިން ވެސް، އީރާނުގެ އެންމެ އިސް ދެ ސިޔާސީ ބޭފުޅެއްގެ ފުރާނަ ގެއްލުމުގެ ޒިންމާ އެންމެރިކާއަށް އަމާޒު ވެއެވެ.

އަވަހަރަވި ރައީސް، އިބްރާހިމް ރައީސީ

އީރާނުގެ ބައެއް މީހުން ބުނާ ގޮތުން ރައީސް، ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އަދި ހަގީގަތް އެއަށްވުރެ ބޮޑަށް މަސްހުނި ވެގެން ހިނގައިދާނެ ކަމަށް ވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގެ ތަހުގީގެއް ހިންގަން އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ މުހައްމަދު ބަގޭރީ އަމުރު ކުރެއްވުމުގެ ކުރިން ވެސް، އީރާނުގެ އެންމެ އިސް ދެ ސިޔާސީ ބޭފުޅެއްގެ ފުރާނަ ގެއްލުމުގެ ޒިންމާ އެންމެރިކާއަށް އޮތީ އަމާޒުކޮށްފަ އެވެ.

ކުރީގެ ހާރިޖީ ވަޒީރު ޖަވާދު ޒަރީފް އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ހިތާމަވެރި އެ ހާދިސާ ހިނގަން މެދުވެރިވި އެއް ސަބަބަކީ އެމެރިކާ ކަމަށެވެ. އިރާންގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހުރަސްއަޅާފައި ވުމުގެ ސަބަބުން ރައީސާއި އެމަނިކުފާނުގެ އޮފިޝަލުން ޝަހީދުވީ ކަމަށް އޭނާ ވިދާޅުވެ އެވެ. ދެން ވިދާޅުވީ "އެމެރިކާގެ މި ޖަރީމާ އީރާނުގެ ރައްޔިތުންގެ ހިތުގައި އަދި ތާރީޚުގައި ލިޔެވިގެންދާނެ" ކަމަށެވެ. 

އެމެރިކާގެ އޮފިޝަލުން ވަނީ އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ޖަވާދު ޒަރީފް ވިދާޅުވާ ފަދައިން، އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރައީސްގެ ހެލިކޮޕްޓަރަށް ބޭނުންވާ ކޮލިޓީ ސްޕެއާ ޕާޓްސްގެ ދަތިކަން ކުރިމަތިވެފައި ވަނިކޮށް، އެފަދަ އުޅަނދެއްގައި ރައީސާއި ހާރިޖީ ވަޒީރުގެ ފުރާނައަށް ނުރައްކާ ވާފަދަ ރިސްކެއް ނެންގެވީ ކީވެތޯ ގިނަބަޔަކު ސުވާލު އަފައްދަ އެވެ.

އެމެރިކާގައި އުފައްދާފައިވާ ގިނަ ދުވަސްތަކެއް ވެފައިވާ ބެލް 212 ގެ ހެލިކޮޕްޓަރު ވެއްޓުނު ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މެއިންޓެނެންސް ދަށްވުން ނުވަތަ ގަދަ ވިއްސާރައިގައި ޖެހުން ހިމެނެ އެވެ. ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލްކާދިރު އުރަލޮގްލޫ ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ސަބަބާ ބެހޭ ގޮތުން އަދި އެއްޗެއް ބުނަން އަވަސް ކަމަށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ވީ އެކްސިޑެންޓެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށެވެ.

ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ ހިޔާންއާއި ޕްރޮވިންސްގެ ގަވަރުނަރު މަލިކް ރަހްމަތީ އާއި ތަބްރީޒުގައި ހުކުރު ނަމާދު ކުރައްވާ އިމާމް އާޔަތުالله އަލްހާޝިމީއާއެކު ހެލިކޮޕްޓަރުގައި ދަތުރުފުޅު ފެއްޓެވިއިރު މޫސުން ގޯސް ނޫން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ތަބްރީޒް ގައި އޮތް ރައީސްގެ މަތިންދާބޯޓު ކައިރިއަށް ދިއުމަށް ހެލިކޮޕްޓަރުގެ ދަތުރު ކުރެއްވި މަގުމަތީގައި މޫސުން ގޯސްވީ ކަމަށް ބެލެވެއެވެ.

ފަރުބަދަތަކުގެ ވަށައިގެން ނުވަތަ އެހެން ރޫޓަކުން ދަތުރު ކުރުން ރައްކާތެރި ވާނެކަން އެނގޭއިރު، ފަރުބަދަތަކުގެ ތެރެއިން އުދުހުނީ ކީއްވެގެންތޯ މީހުން ސުވާލު އުފައްދާފައި ވެއެވެ. އަދި މޫސުން ގޯސްކަން އެނގުމާއި ދަތުރުގައި ތިން ހެލިކޮޕްޓަރު އޮތުމުން ރައީސާއި ހާރިޖީ ވަޒީރު އެއް މަތިންދާ ބޯޓެއްގައި ދަތުރު ކުރެއްވުމަށް ހަމަޖެއްސީ ކީއްވެތޯ ވެސް ސުވާލު އުފައްދަ އެވެ. މި ބާވަތުގެ ކާރިސާއަކާ ކުރިމަތިލާން އީރާނުން ތައްޔާރަށް ނެތްކަން ވެސް މި ހާދިސާއިން ހާމަވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މެއި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ރައިސީއާއެކު ދަތުރުފުޅު ކުރެއްވި އެ ގައުމުގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ ހިޔާންއާ، އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މަލިކް ރަހުމަތީ އަދި ތަބްރީޒް މިސްކިތުގެ އިމާމް އާޔަތުالله އަލްހާޝިމީ ވެސް ވަނީ އަވަހާރަވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.