ސަރުކާރު ކުންފުނިތަކުގެ ދަރަނި ހުރީ 800 މިލިއަން ޑޮލަރުގަ އެވެ. ކުންފުނިތަގެ އިސްރާފުގެ ސަބަބުން ރާއްޖޭގެ އިކޮނޮމީއަށް ބޮޑެތި ގެއްލުންތަކެއްވެ އެވެ.
ދައުލަތުގެ ދަރަނީގެ ހާލަތު ރަނގަޅު ކުރަން އެންމެ ފުރަތަމަ އިސްލާހު ކުރަން ފަށާނީ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި "ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް" ރިޕޯޓާ ބެހޭ ގޮތުން މަޝްވަރާ ކުރަން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވި ގޮތުގައި ދުނިޔޭގެ މާލީ އިދާރާތަކާ ގުޅިގެން މިދިޔަ އަހަރު ރޭވި އިސްލާހީ ޕްރޮގްރާމް ނުހިނގާ އޮތް ނަމަވެސް މި ސަރުކާރުން އެކަން ކުރާނެ އެވެ.
އެގޮތުން ދުނިޔޭގެ މާލީ އިދާރާތަކުން ތާއަބަދު އެދެމުންދާ ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކަށް މި ސަރުކާރު އޮތީ ތައްޔާރަށެވެ.އެކަން ކުރަން ފުރަތަމަ ފަށާނީ އެސްއޯއީތައް އިސްލާހު ކުރުމާ ހަމައިންނެވެ.
"މާލީ ހާލަތުގެ ނާޒުކު ކަމާއި ދަރަނި މެނޭޖް ކުރުމުގެ މައްސަލައާ ހުރެ ފިޔަވަޅުތައް އަޅަން މި ތިބީ ތައްޔާރަށް،" ޝަފީގު ވިދާޅުވި އެވެ.
ފިނޭންސުގެ މި އަހަރުގެ ފުރަތަމަ ކްއާޓަރުގެ ދަރަނި ގްރާފް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ނިމުނުއިރު ރާއްޖޭގެ ދަރަނި ވަނީ 126,1 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ ދަރަނި ހުރި އަދަދަށް ވުރެ 15 ބިލިއަން ރުފިޔާ އިތުރު ވުމެކެވެ.
މާލީ ރިޕޯޓްތައް ދައްކާ ގޮތުގައި މިހާރު ސަރުކާރު ކުންފުނިތަކުގެ ދަރަނި ހުރީ 875 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ) ގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 17 ޕަސެންޓެވެ. ރާއްޖޭގެ ދަރަނީގެ އެންމެ ބޮޑު ހިއްސާއެއް އޮތް އެސްއޯއީއަކީ އެޗްޑީސީ އެވެ.