މެޓް އޮފީހުން މިއަދު ވެސް ވަނީ ދެކުނުގެ އަތޮޅުތައް ފިޔަވާ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ.
ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އުތުރާއި މެދު އަތޮޅު ތަކުގެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދު އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
ކުރިއަށް އޮތް ތިން ދުވަހު ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވެސް ލަފާ ކޮށްފައިވެ އެވެ. އަދި، ހޮނިހިރު ދުވަހުން ފެށިގެން އެ ސަރަހައްދަށް ކުރިއަށްވުރެ މޫސުން ރަނގަޅު ވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެ އެވެ.
މެޓް އޮފީހުން މިއަދު ވެސް ވަނީ ދެކުނުގެ އަތޮޅުތައް ފިޔަވާ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ.
މިއަދުގެ މޫސުން ލަފާ ކުރާ ގޮތުގައި، ހުޅަނގު ދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.
ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރު މިނަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށެވެ. ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. މި މޫސުން ފެށެނީ ރާއްޖޭގެ ދެކުނުންނެވެ. މެދުރާއްޖެތެރެއާއި އުތުރަށް މޫސުން ގޯސްވުމުގެ ކުރިން ދެކުނަށް މިދިޔަ ހަފްތާ ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފަ އެވެ.