މުޅި ރާއްޖެ އާރްޓީއެލަށް ކަނެޓްކޮށް، އެތެރޭގެ ޓޫރިޒަމަށް ފަހި ކުރަން ޖެހޭ

އާރުޓީއެލް ނިޒާމު މިހާރު އޮތްގޮތުން ގިނަ އަތޮޅުތަކެއް އޮތީ އެކަހެރިވެފަ އެވެ. ސަރުކާރުން ބުނަނީ އާރުޓީއެލް ހުއްޓުމެއް ނެތި ގުޅެމުންދާނެ ކަމަށެވެ.

އާރުޓީއެލް ލޯންޗެއް ތިނަދޫ ބަނދަރުގައި -- އެމްޓީސީސީ

ރާއްޖޭގެ ރަށްތައް ކަނޑުގެ އެކި ހިސާބުތަކަށް "އުކާލާފައި" އޮތްއިރު ދިވެހިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ދަތި ކަމެވެ. އެކަަމަށް ހައްލު ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި އާރްޓީއެލް ދަތުރުފަތުރުގެ ނިޒާމަކީ އެ ވެރިކަމުގައި ކުރި އެންމެ ރަނގަޅު މަސައްކަތެވެ. އެ ނިޒާމުގެ ސަބަބުން އެތައް ބަޔަކު ދުރު ގާތްކޮށް ދިނެވެ. 

އެކަމަކު އެ ވެރިކަމުގައި އާރުޓީއެލް އިން ރަށްތައް ގުޅަމުން ދިޔަ ގޮތުން ރާއްޖޭގެ އަތޮޅުތަކާއި އަތޮޅުތަކުގެ "ކަނެކްޓިވިޓީ" ނުލިބި ދަތިވި އެވެ. ރާއްޖެ ކަނެކްޓްވާން ދަތިވެ އެވެ. އެ ވެރިކަން ބަދަލުވުމަށް ފަހު އެ ނިޒާމު ގުޅޭނެ ކަމަށް އޭރު ބުނި ތާވަލް ފަހަނަ އަޅަމުން ދާއިރު މިހާރު އިގްތިސޯދުގެ ދުވެލި ހުރިގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އާރުޓީއެލްއިން އަވަހަށް ރާއްޖެއެއްކޮށް ގުޅިލާމެހޭނެ ގޮތެއް ހެދުމަކީ މުހިންމު ކަމެކެވެ. 

އިގްތިސޯދީ މާހިރުން ދެކިވަޑައިގަންނަވާ ގޮތުގައި އާރުޓީއެލްގައި އަވަހަށް މުޅި ރާއްޖެ ކަނެކްޓް ކުރެވިއްޖެނަމަ ސަރުކަރުގެ އިގްތިސޯދީ އެޖެންޑާ ހިންގަން ވެސް ފަސޭހަ ވެގެން ދާނެ އެވެ. މި ހާލަތުގައި އިގްތިސޯދުގެ ދުވެލި ބޮޑުތަނުން ހަލުއި ވެގެން ވެސް ދާނެ އެވެ. 

"ޓޫރިޒަމް މި ވަގުތު އޮތް ގޮތުން އެތެރޭގެ ޓޫރިޒަމް ހުޅުވޭނެ ގޮތެއް ވިސްނަން ޖެހޭ. މާލެ ކައިރީގެ ގިނަ ގެސްޓްހައުސްތައް ވީކެންޑުގައި ދިވެހިން ފުރާލާ. އެހެންވެ ދުރަށް ދަތުރު ކުރަން އަގުހެޔޮ ޓްރާންސްޕޯޓު ނިޒާމެއް ލިބިއްޖެނަމަ ދުރު ހިސާބުތަކުގެ ގެސްޓްހައުސް އޮކިއުޕެންސީ ރަނގަޅު ވާނެ. ރަށްރަށުގައި ރޯލް ކުރާ ފައިސާ އިތުރު ވާނެ،" ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި އެވެ. 

ރަށަށަށް ދަތުރު ކުރެވޭނީ އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމެއް އޮވެގެންނެވެ. ސަރުކާރުން އާރުޓީއެލް ފެށީ އެ މަގުސަދުގަ އެވެ. ސަރުކާރުގެ ކުންފުނި އެމްޓީސީސީން ހިންގާ ބަލަހަޓާ އާރުޓީއެލް ހިދުމަތް ބައްޓަން ކޮށްފައި ވަނީ މުޅި ރާއްޖެ ހަ ޒޯނަކަށް ބަލާލައިގެން ކުރިއަށް ގެންދާ ފެރީގެ ނިޒާމަކުން ރާއްޖެ ގުޅާލުމަށެވެ. 

އެކަމަކު ހަގީގަތަކީ މަޝްރޫއު ލަސް ކަމުން ޓައިމް ލައިންތަކަށް އެކަށީގެންވާ ގޮތެއްގައި ނުގުޅުނެވެ. އެހެން ވިޔަސް މަޑުމަޑުން ނަމަވެސް ދިޔައީ ގުޅެމުންނެވެ. ފުރަތަމަ މި ހިދުމަތް ފެށީ ޒޯން ހައެއްގައި ހިމެނޭ ހދ. އަތޮޅުގަ އެވެ. ފުރަތަމަ ގުޅާލެވިގެން ދިޔައީ އެ ޒޯންގައި ހިމެނުނު ހއ، ހދ، ށ. އަތޮޅުގެ ރަށްތަކެކެވެ. ޖުމުލަ 41 ރަށް ގުޅާލަން ފަސް ރޫޓެއްގައި ހަތަރު ފެރީ ލޯންޗު ބޭނުން ކުރަން ފެށި އެވެ. 

ކުރިން އާރްޓީއެލަށް ދިން ޓައިމްލައިން

އަލްޝާލީ މެރިންއިން ބަނދެފައިވާ އާރުޓީއެލް އުޅަނދުތަކެއް
  •  7, ޖަނަވަރީ 2021 -- އެމްޓީސީސީއާ ސަރުކާރުން އެއްބަސްވުމެއް ހެދުން
  •  1, ފެބުރުވަރީ 2021 -- ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީން ޒޯން އެކެއްގެ 41 ރަށް ގުޅާލަން ސޮއިކުރުން
  •  1، އެޕްރީލް 2021 -- 17 ފެރީ ބަންނަން އެމްޓީސީސީއަށް ހަވާލު ކުރުން
  •  2، މޭ 2022 -- ހދ. އަތޮޅުގެ ފަސް ރޫޓެއްގައި ހަތަރު ފެރީއާއެކު ޓެސްޓް ދަތުރުތަކެއް
  •  2، ޖޫން 2022 -- ހދ. އަތޮޅުގައި އަގު ނަގައިގެން ދަތުރުތައްފެށު
  •  26 ، ޖޫން 2022 -- ހއ. އަތޮޅުގައި ޖުމްލަ އަށް ރޫޓެއްގައި ފަސް ފެރީގެ ޓެސްޓްދަތުރުތަކެއް
  •  3، ޖުލައި 2022 -- ހއ. އަތޮޅުގައި އަގު ނަގައިގެން ފެރީގެ ހިދުމަތް ފެށުން
  •  30، އޮގަސްޓް 2022 -- ށ. އަތޮޅުގައި ހަތް ރޫޓެއްގައި ހަތަރު އުޅަނދުގެ ޓެސްޓް ދަތުރުތަކެއް
  •  6، ސެޕްޓެންބަރު 2022 -- ށ. އަތޮޅުގައި އަގު ނަގައިގެން ދަތުރު ފެށުން
  •  4، އެޕްރީލް 2022 -- މި މަޝްރޫއުގެ ފޭސް 2 އަދި 3 ގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރުން
  •  5، ސެޕްޓެންބަރު 2022 -- 65 ލޯންޗް ބަންނަން އަލްޝާލީ މެރިންނާއެކު ސޮއި ކުރުން
  •  1، ނޮވެންބަރު 2022 -- ޅ. އަތޮޅުގައި ތިން ރޫޓެއްގައި ދެ އުޅަނދާއެކު ޓެސްޓް ދަތުރުފެށުން
  •  11، ޑިސެންބަރު 2022 -- ޅ. އަތޮޅުގައި އަގު ނަގައިގެން ދަތުރު ފެށުން
  •  ޖުލައި 2023 -- ގއ. އަދި ގދ. ގައި ހިދުމަތް ފެށުން

ގުލާލާފައިވާ ގޮތް ބަދަލު ކުރަން ޖެހޭ

އަހާ ފޯރަމްގައި މިނިސްޓަރު އަމީން ވާހަކަފުޅު ދައްކަވަނީ -- ޔާމިން މުޙައްމަދު

އާރުޓީއެލް ނިޒާމު ގުޅާލަމުން ގޮސްފައި ވަނީ އިގްތިސޯދީ ގޮތުން ފައިދާތަނެއް ރައްޔިތުންނަށް ކުރާ ގޮތަކަށް ވުރެ ސިޔާސީ ފައިދާ އަށް ބަލައިގެނެވެ. މިގޮތުން ރާއްޖޭގެ އެންމެ އެކަހެރި އެންމެ ދަތުރުފަތުރު ދަތި މ. އަދި ތ. އަތޮޅު ފަދަ އަތޮޅުތައް އޮތީ އެކަހެރިވެފަ އެވެ. އަދި އިގްތިސޯދީ ހަރަކާތް ގިނަ ނ. އާއި ރ. އަދި ބ. އަތޮޅު އޮތީ އެކަހެރިވެފަ އެވެ. ރައީސް މުއިއްޒުގެ މި ސަރުކާރުން ވަނީ އިތުރު ތިން އަތޮޅެއްގައި މި ހިދުމަތް މި އަހަރު ފަށާނެ ކަމަށް ބުނެފަ އެވެ. އެކަން ކުރަން ވަނީ އެމްޓީސީސީއަށް ހަވާލު ވެސް ކޮށްފަ އެވެ. 

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި އާރުޓީއެލް ފެރީގެ ހިދުމަތް އަތޮޅު ތެރޭގައި ދެމުން ދަނީ ޕްލޭނާ އެއްގޮތަށް ނޫނެވެ. އެގޮތުން ކުރިން އެއް ޒޯނަކަށް ޅ. އަތޮޅު ހިމަނާފައި އޮތަސް އެ އަތޮޅުގައި ވަކިން އޮތީ ހިދުމަތް ފަށާފަ އެވެ. 

"އިއުލާނު ކުރިއިރު ނ. ރ. ބ. ޅ. އެއީ ފޭސް ދޭއްގައި ހިމެނޭ ގޮތަށް ޕްލޭނެއް އޮތް. އެއް ޒޯނަކަށް ލާފައި. އެކަމަކު ޅ. އަތޮޅު ފޭސް ދެއަކުން ބަދަލު ކޮށްފައި އެތަނުގައި އެކަނި ހިދުމަތް ފަށާފައި އޮތީ. އެ ޕްލޭނާ އުސޫލުން ބޭރުން ކަންތައްތަކެއް ނިންމާފައި ހުރީމަ އެމްޓީސީސީ އަށް ވެސް ދަތިތަކެއް ހުރި،" އަމީން ވިދާޅުވި އެވެ. 

އެމްޓީސީސީއަށް އިތުރު އުޅަނދު ބޭނުންވޭ

މި ވަގުތު އާރުޓީއެލް ހިދުމަތް ދެމުން އަންނަނީ ހއ. އާއި ހދ. އަދި ށ. އަތޮޅާއި ގއ. ގދ. ސ. ގެ އިތުރުން ޅ. އަތޮޅުގަ އެވެ. އެ ހިދުމަތް ދިނުމަށް 25 އުޅަނދު ބޭނުން ކުރެ އެވެ. މި އުޅަނދުތަކަކީ މި ހިދުމަތް ދޭން ނިސްބަތުން މަދު އުޅަނދުތަކެވެ. މި އުޅަނދުތައް ފަށަން ސަރުކާރުން ނިންމާފައި އޮތީ 65 ލޯންޗް ބޭނުން ކުރާ ގޮތަށެވެ. 

މި މަސައްކަތަށް ބޭނުންވާ ލޯންޗުތައް މި ވަގުތު ބަންނަމުން ގެންދަނީ އަލްޝާލީ މެރިންގެ ބޯޓްޔާޑުގަ އެވެ. އެ ކުންފުންޏާއެކު  ހެދިފައިފައިވާ އެގްރިމެންޓުގެ ދަށުން 2025 ގެ މެދުތެރޭގައި މުޅި ޕްރޮޖެކްޓް ނިންމަން ޖެހެ އެވެ. އެހެންވެ އެ ކުންފުނިން މި މަސައްކަތް ފެށީ އިތުރު ކެޕޭސިޓީ ބިލްޑްކޮށް ވަސީލަތްތާއި މުވައްޒަފުން ހޯދައިގެންނެވެ. ނަމަވެސް ވެރިކަން ބަދަލުވީފަހުން ޕްރޮޖެކްޓުގައި ވަނީ ބުރަކި ޖެހިފަ އެވެ. އެއްބަސްވުމާ އެއްގޮތަށް ބަންނަން ޖެހޭ ގިނަ ލޯންޗްތައް ބަނުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓިފަ އެވެ. ސަރުކާރުން އޭރު ބޭނުންވި އަތޮޅުތަކުގެ ފެރީ ބަނުމަށް ބޭނުންވާ ލޯންޗްތައް ކުރިއަށް ގެންދިޔައިރު އަލްޝާލީން މެރިން އިން އެވަރެޖްކޮށް މަހަކު 2 ލޯންޗް ބާލަމުން ގޮސްފައިވެ އެވެ. އެކަމަކު ބަޖެޓު ނެތްކަމަށް ބުނެ ހުއްޓިފައިވާ މި މަޝްރޫއު އަލުން ފަށަން ޖެހެ އެވެ. 

މި މަސައްކަތް ކުރަން ސަރުކާރުގެ ބަޖެޓުން އެމްޓީސީސީ އަށް 300 މިލިއަންގެ ސަބްސިޑީއެއް ދިން ނަމަވެސް އެ ކުންފުނިން ކުރަން ޖެހޭ ހަރަދު ވެސް ކުޑައެއް ނޫނެވެ. އެހެންވެ ސަރުކާރުގެ މިހާރުގެ ވިސްނުމަކީ މި ސެކްޓާއިން ހަރަދު ކުޑަކޮށް އެފިޝެންޓްކޮށް ހިދުމަތް ދެވޭނެ ގޮތަކަށް ނިޒާމުތައް ބަދަލު ކުރުމެވެ.  

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ރައްޔިތުން އެދޭ ގޮތަށް ރޫޓުތައް ބަދަލު ކުރުމަށް އިތުރު ލޯންޗާއި ފައިސާ ވެސް ބޭނުން ވާނެ އެވެ. އަދި ކުރިއަށް އޮތް ދޮޅު މަހުގެ ތެރޭގައި ރޫޓުތަކަށް ބަދަލުތައް އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން އާރުޓީއެލް ނިޒާމުގައި ވަކިން މާލެއާއި މ. އަތޮޅާ ދެމެދު ސްޕީޑް ފެރީއެެއްގެ ދަތުރު ފަށަން ނިންމައި ވަނީ އެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފަ އެވެ. 

އެތެރޭގެ ޓޫރިޒަމާއި މުޅި އިކޮނޮމީއަށް މުހިންމު ކަމެއް

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވީއައިއޭގައި މަޑުކޮށްލައިގެން : -- ޔާމީން މުހައްމަދު

އާރްޓީއެލް އިން ހއ، ހދ. އަދި ށ. ހިމެނޭ ޒޯން އެއްކެއްގައި ހެދި ސާވޭ ދައްކާ ގޮތުން މި ސަރަހައްދުގައި ގިނައިން މި ހިދުމަތް ބޭނުން ކުރަނީ ޑޮކްޓަރަށް ދައްކާށެވެ. މި ދިރާސާގައި ދައްކާ ގޮތުން 68 ޕަސެންޓު މީހުން ދަތުރު ކޮށްފައި ވަނީ ސިއްހީ ބޭނުމަށެވެ. އަދި ދެވަނަ އަށް އެނެމެ ގިނަ މީހުން ދަތުރު ކޮށްފައި ވަނީ އެއާޕޯޓަށް ދިއުމަށާއި އައިލާ / ރަށްޓެހިންނަށް ޒިޔާރަތް ކުރުމަށެވެ. 

އެކަމަކު މި ނިޒާމަކީ ރަނގަޅަށް ޕްރޮމޯޓް ކޮށްގެން އެތެރޭގެ ޓޫރިޒަމެއް އުފެއްދި ދާނެ ކަމެކެވެ. ރާއްޖޭގައި މިވަގުތު 14،000 ގެސްޓްހައުސް އެނދު ހުރިއިރު މުޅި ނިޒާމު ގުޅާލުމަށް ފަހު މުޅި ރާއްޖޭގައި ބެކްޕެކް ޓުއާއެއް އަޅައިލެވޭ ގޮތަށް ޗެއިނަކުން ގުޅިގެން ދާނެ އެވެ. 

ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތް ތަކުން ދެކެވަޑައިގަންނަވާ ގޮތުގައި ގެސްޓްހައުސް އޮކިއުޕެންސީ ފިލް ކުރަން މި ނިޒާމުގެ ބޭނުން ކުރެވިދާނެ އެވެ. ރާއްޖޭގެ ގިނަ ރަށްރަށަކީ ދިވެހިން ނުދާ ރަށްތަކެވެ. މިއީ އެތެރޭގެ ޓޫރިޒަމަށް ހުޅުވިގެންދާނެ ފަހި ފުރުސަތެކެވެ. އަދި މިކަމުން އަންނާނެ އަނެއް އިގްތިސޯދީ މަންފާއަކީ ބޭރު ފައިސާ ބޭރުވުން މަދުވުމެވެ. 

މަރުކަޒީ ބޭންކުން މިދިޔަ އަހަރު ރިޕޯޓް ދައްކާ ގޮތުގައި ދިވެހިން ބޭރަށް ކުރާ ދަތުރުތަކުގައި އެއާޕޯޓުން ދޫކުރާ 500 ޑޮލަރުގެ ގޮތުގައި މިދިޔަ އަހަރު 85.5 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ. މި އަދަދު 2022 ވަނަ އަހަރު ހުރީ 18 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ މިއީ 40 ޕަސެންޓުގެ އިތުރު ވުމެކެވެ. މި އަދަދުން ކޮންމެ ވެސް މިންވަރެއް މި ބަދަލާއެކުއެކު އިގްތިސޯދުގައި މަޑު ކުރެވިދާނެ އެވެ. 

ދިވެހިންގެ ޗުއްޓީގެ ވައްޓަފާޅި އަށް މިހާރު އައިސްފައިވާ ބަދަލާއެކު ކުރިން ސްރީލަންކާ އިންޑިއާ އަށް ގިނަ ބަޔަކު ދިޔަ ނަމަވެސް މިހާރު ގިނަ ބަޔަކު ރަށްރަށުގައި ޗުއްޓީ ހޭދަ ކުރަން އިސްކަންދެ އެވެ. ނޫނީ ފައިސާ އެއްކޮށްގެން އަހަރަކު އެއް ފަހަރު ދަނީ ލަންކާ، އިންޑިއާއަށްވުރެ ދުރު ގައުމުތަކަށެވެ. އެހެންވެ މި ނިޒާމުގެ ގުޅުން އަވަސް ކުރަން ޖެހޭ ވަގުތު މިވަނީ ޖެހިފަ އެވެ. އިގްތިސޯދީ ބޮޑެތި މަސައްކަތްތައް ސަރުކާރުން ފަށަން ތައްޔާރުވާއިރު މި ނިޒާމު ގުޅިގެން ހިނގައްޖެނަމަ ލިބޭނެ މަންފާއަކީ މުޅި އިގްތިސޯދަށް ބޮޑެތި ޕްރޮޖެކްޓްތަކުގެ މަންދާ ހަގީގަތުގައި ލިބިގެން ދިއުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.