މި މައްސަލައިގައި އަކްރަމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މުސްތަފާ އެދުނު ގޮތަށް ވަކީލުގެ ފީއާއެކު 1.8 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، ކުރީގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއަށް 1.8 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
މުސްތަފާގެ ފަރާތުން 2019 ވަނަ އަހަރު އަކްރަމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އަނބުރާ ދޭ ގޮތަށް ފައިސާ ނެގުމަށްފަހު، އެ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން އަކްރަމް ދީފައިވާ ޗެކަށް ފައިސާ ޖަމާވެފައި ނުވާތީ އެވެ.
މި މައްސަލައިގައި މުއްސަތަފާ ބުނެފައި ވަނީ އަކްރަމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުން ހަތަރު ފަހަރު މަތިން ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ.
އޭނާ ބުނެފައި ވަނީ ދަރަނީގެ ގޮތުގައި އަކްރަމަށް ފުރަތަމަ ދިނީ 1.15 މިލިއަން ރުފިޔާގެ ޗެކެއް ކަމަށެވެ. ދެވަނަ ޗެކުން ތިން ލައްކަ ރުފިޔާ ޖަމާކޮށްދީފައިވާއިރު، ތިންވަނަ ޗެކުން ދެ ލައްކަ ރުފިޔާ އަކްރަމްގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި ހަތަރު ވަނަ ޗެކުން 60،000 ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ.
މި މައްސަލައިގައި މުސްތަފާ އެދިފައި ވަނީ ދަރަނި އަދާ ކުރުމަށް އަކްރަމް ދިން ހަތަރު ޗެކްގެ ފައިސާ އާއި ފައިސާ ހޯދުމަށް ޝަރީއަތަށް ދާން ޖެހުމުން ހަރަދުވި އެއްލައްކަ ރުފިޔާއާއެކު ޖުމްލަ 1.8 މިލިއަން ރުފިޔާ ހޯދުމަށެވެ.
ދިފާއުގައި އަކްރަމް ބުނެފައި ވަނީ އޭނާ މުސްތަފާއަށް ދައްކަން އޮންނާނީ ހަތަރު ލައްކަ ރުފިޔާ ކަމަށާއި ބާކީ ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ސާބިތުކުރެވޭ ވަރަށް އަކްރަމް ހެކި ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި މުސްތަފާ އަތުން ފައިސާ ނެގި ކަމަށް އަކްރަމް އިއުތިރާފްވެފައިވާތީ އެއީ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި އަކްރަމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މުސްތަފާ އެދުނު ގޮތަށް ވަކީލުގެ ފީއާއެކު 1.8 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.