އީރާނުގެ ރައީސް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރާނެ އެވެ.
އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާއި ގުޅިގެން، ހިތާމާގައި ބައިވެރިވުމަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މަޝްރުއޫއެއް އިފްތިތާހްކުރެއްވުމަށް އަޒުރްބައިޖާނަށް ވަޑައިގަތުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތް ދަތުރުފުޅުގައި، ހެލިކޮޕްޓަރު ކްރޭޝްވެ ރައީސީ އަވަހާރަވިކަން އިރާން ސަރުކާރުން އިއުލާންކުރީ މިއަދު އެވެ. ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ ހާއިން އާއި އިތުރު ދެބޭފުޅަކު ވެސް ތިއްބެވި އެވެ.
މި ހިތާމާގައި ބައިވެރިވުމަށް މާދަމާއިން ފެށިގެން ތިން ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަން ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ފެނިފައި ވަނީ ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ފަހުންނެވެ. އެ ސަރަހައްދުގައި ދުންފިނީގެ ބޯކަމުންނާއި ވިއްސާރައިގެ ސަބަބުން ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.
ރައީސީގެ ދަތުރުފުޅަކީ ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ގައުމުގެ ވެރީން ތިން ހެލްކޮޕްޓަރެއް ގައި ދަތުރު ކުރެއްވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދެ ހެކޮޕްޓަރު ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ދަތުރުގެ މަންޒިލަށް ވަނީ ވާސިލުވެފަ އެވެ.