އީރާނުގެ ރައީސް އަވަހާރަވީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ހިނގި ހާދިސާގަ އެވެ. ރައީސް ޑރ. މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރައްވާފަ އެވެ.
އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަވާހާރަވުމާ ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި ޕޯސްޓް ކުރައްވާ ވިދާޅުވީ، ދަތުރުފުޅު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓި ރައީސީ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ.
"މި ހިތްދަތި ވަގުތުގައި އަޅުގަނޑުމެންގެ ހެޔޮ ދުއާ ވަނީ އާއިލާތަކާއި އީރާނުގެ ރައްޔިތުންނާ އެކު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ހާދިސާ ހިނގި އިރު ރައީސީގެ ހެލިކޮޕްޓަރުކޮޅުގައި ހާރިޖީ ވަޒީރު ހުސެއިން އާމިރް އަބްދުﷲ ހިއާންގެ އަދި އިރާން ސަރުކާރުގެ އެހެން ބައެއް ވެރިން ވެސް ތިއްބެވި އެވެ. ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ނުވާކަމަށް އެ ގައުމުގެ ނޫސްތަކުން ކަމާބެހޭ އިދާރާތަކާ ހަވާލާދީ ރިޕޯޓުކުރެ އެވެ.
އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އީރާނުގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގައި ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ އީރާނުގެ އިރުމަތީގައި އޮންނަ އަޒަރުބައިޖާން ޕްރޮވިންސުގެ ސަރަހައްދަކަށެވެ.
ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ފެނިފައި ވަނީ ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ފަހުންނެވެ. އެ ސަރަހައްދުގައި ދުންފިނީގެ ބޯކަމުންނާއި ވިއްސާރައިގެ ސަބަބުން ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.
ރައީސީގެ ދަތުރުފުޅަކީ ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ގައުމުގެ ވެރީން ތިން ހެލްކޮޕްޓަރެއް ގައި ދަތުރު ކުރެއްވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދެ ހެކޮޕްޓަރު ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ދަތުރުގެ މަންޒިލަށް ވަނީ ވާސިލުވެފަ އެވެ.