މި ޖަމިއްޔާގައި ތިއްބެވީ މިހާރުވެސް ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރަމުން ގެންދާ ތަޖުރިބާކާރު ޒުވާން މޫނުތަކެކެވެ.
ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރަމުން ގެންދާ ޒުވާން ތަޖުރިބާކާރުން ހިމެނޭ ގޮތަށް، ޓޫރިޒަމް ސިނާއަތުގެ ހައްގުގައި މަސައްކަތް ކުރަން ޑެސްޓިނޭޝަން ފިއުޗާ (ޑީއެފް) ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފި އެވެ.
ޑީއެފް އުފެއްދި މަގުސަދެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ބުނެފައި ވަނީ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމާއި ދިވެހިން މި ސިނާއަތައް ތައްޔާރު ކުރުން އަދި ހޭލުންތެރިކުރުވުމުގެ އިތުރުން ޓޫރިޒަމް ސިނާޢަތުގައި ދެމެހެއްޓެނިވި ތަރައްގީއެއްގައި ކުރިއަށް ގެންދަން ދިވެހިން ބާރުވެރި ކުރުވުމެވެ.
ޑެފް އުފެއްދި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މިހާރުވެސް މި ސިނާއަތުގެ އެކި ރިސޯޓްތަކުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކެވެ. މި މުވައްޒަފުންނަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ އިސް މަގާމުތައް މިހާރު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅުންނެވެ. މި ޓީމުގައި އަށް މެންބަރުން ހިމެނެ އެވެ.
މިހާރު ހުރި ޓޫރިޒަމް ޖަމިއްޔާތަކީ ޓޫރިޒަމްގެ ވެރިންގެ ހިމެނޭ މަޓީ އާއި ޓޫރިޒަމް އޮޕަރޭޓަރުންގެ މަޓާޓޯ އަދި ޓޫރިޒަމް މުވައްޒަފުންގެ ޓީމް އާއި މަޓާޓޯއިން ނުކުތް ޓުއާ އޮޕަރޭޓަރުން އުފެއްދި އާޓާ އަދި މި ސިނާއަތުގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ލޭމް ހިމެނެ އެވެ. މީގެ އިތުރުން ސުޕަ ޔޮޓާއި މެގަޔޮޓް ގެންނަ ވިޔަފާރިވެރިންގެ ޖަމިއްޔާ މާޔާ ވެސް އެބައޮތެވެ.
ޖަމިއްޔާތަކުން ކަންކުރާ ގޮތް - ބައެއް ޖަމިއްޔާތައް އެކްޓިވް ވަނީ ހަމައެކަނި ފަސް އަހަރުން އެއް ފަހަރު އޮންނަ ރިޔާސީ އިންތިހާބަށެވެ. ވެރިކަން ބަދަލުވުމުން ވެރިކަމަށް އަންނަ ބަޔަކު ރުހޭ މީހުން އެ ޖަމިއްޔާގެ ބޯޑަށް ހޮވަ އެވެ. އަދި ނިމިދިޔަ އިންތިހާބުގެ ކެމްޕޭން ތެރޭގައި ޓޫރިޒަމް ބައެއް ޖަމިއްޔާތަކުގައި ނަގާކިޔާ ބައެއް މީހުން ސަރުކާރުން ރިޝްވަތު ނެގިކަމަށް ތުހުމަތު ވެސް ކުރި އެވެ. އަދި ރާއްޖެ އަށް ޒަމާނީ ޑިމޮކްރަސީ ތައާރަފު ވެގެން އައި ދުވަސްވަރު އުފެއްދި ބައެއް ޖަމިއްޔާތަކުގެ އިސް ވެރިން ރިސޯޓް ހިއްސާ ނަގައި މަޖިލިސް މެންބަރުކަން ވެސް ކުރައްވާފައިވެ އެވެ.