މެޓް އޮފީހުން ބުނި ގޮތުގައި މާދަމާ ރެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ވެސް މޫސުން ގޯސްވާނެ އެވެ.
މާދަމާ ރެއިން ފެށިގެން މޫސުން ގޯސްވާނެތީ ސަމާލުވެ ތިބުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭ ކަމަށާއި، މާދަމާ ރެއިން ފެށިގެން ކުރިއަށް ފަސް ދުވަހަށް ވެސް ވައި ބާރުވެ، ކަނޑުތައް ގަދަވެ ވިއްސާރަ ވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މި މުއްދަތުގައި އާންމު ގޮތެއްގައި ވައިޖެހޭނީ، 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ލަފާކުރެ އެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖެއަށް ވިއްސާރަ ކުރާނެތީ މެޓް އޮފީހުން ވަނީ ސަމާލުވާން އިލްތިމާސް ކޮށްފަ އެވެ. ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، އެކަންކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެ އިދާރާއިން އިލްތިމާސް ކޮށްފައި ވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމު ވިއްސާރަ އެވެ.