ތިން މީހުން ވެސް ބުނެފައި ވަނީ އަމިއްލައަށް ވަކީލަކު އައްޔަނު ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް މާލީ ހާލަތު ހުރި ގޮތުން މަސް ދުވަހުގެ މުއްދަތެއް ވަކީލަކު ހަމަޖައްސަން ދިނުމަށް އެދިފައިވެ އެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް އިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން މަކަރާ ހީލަތުން ގިނަ ދިވެހި ރައްޔިތުން ތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑާ ކޮށްފައިވާ މައްސަލާ ގައި ދައުވާކޮށްފައިވާ އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
އަލްހާންގެ އިތުރުން މި މައްސަލައިގައި ދެން ދައުވާ ކޮށްފައި ވަނީ ޝަހްބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް ޓެކުމުގެ 39 ދައުވާ އުފުލާފައިވެ އެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، ތިން މީހުންނަށް ވެސް ގާޒީ އިސްމާއިލް ޝަފީއު ވަނީ ހައްގުތައް ވިދާޅުވެ ދެއްވާފަ އެވެ. އޭގެ ފަހުން މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކުތޯ ސުވާލުކުރައްވާފައިވެ އެވެ.
ތިން މީހުން ވެސް ބުނެފައި ވަނީ އަމިއްލައަށް ވަކީލަކު އައްޔަނު ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް މާލީ ހާލަތު ހުރި ގޮތުން މަސް ދުވަހުގެ މުއްދަތެއް ވަކީލަކު ހަމަޖައްސަން ދިނުމަށް އެދިފައިވެ އެވެ.
ނަމަވެސް ގާޒީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބަޔާންކުރާ ގޮތުގައި އެހާ ގިނަ ދުވަސް ވަކީލުން އައްޔަނު ކުރަން ނުދެވޭނެ ކަމަށެވެ. އެހެންވެ ވަކީލުން އައްޔަނުކުރަން ތިން މީހުންނަށް ވެސް 15 ދުވަހުގެ މުއްދަތެއް ގާޒީ ވަނީ ދެއްވާފަ އެވެ. އަދި ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކު ނުލާ އައިސްފި ނަމަ އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގަ އެވެ.
މި ސްކީމްއާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެ ބައިތަކުގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން އެ ބައިތައް ދިރާސާ ކުރުމަށް ފަހު މި މައްސަލައިގައި އިތުރު ދައުވާ ތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ބުންޏެވެ. މި މައްސަލައާ ގުޅިގެން އެމީހުންގެ ބޭންކް އެކައުންޓްތައް ވަނީ ފްރީޒްކޮށްފަ އެވެ.