ކްރިމިނަލް ކޯޓުން ވަނީ 40 ދައުވާ ސާބިތުވެ އެ ކުށްތަކުގެ އަދަބެއްގެ ގޮތުގައި ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއީ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެކެވެ.
އޮރިޔާން ކާޑު އުފެއްދިކަމުގެ ކުށް ސާބިތުވެފައިވާ، ބަންގާޅުގެ އެމްޑީ އަލަމްގީރްގެ މައްޗަށް އުފުލި 40 ދައުވާ ސާބިތުވެ އެ ކުށްތަކުގެ އަދަބެއްގެ ގޮތުގައި ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.
އަލަމްގީރުގެ މައްޗަށް ދައުލަތުން ވަނީ އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާއެއް އުފުލާފަ އެވެ. އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ކޯޓުގައި އިއުތިރާފު ވެސް ވެފަ އެވެ. މި މައްސަލާގައި އިއްޔެ އޮތް އަޑުއެހުމުގައި އޭނާގެ އިއުތިރާފާއެކު ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން މިއަދު ވަނީ ބާއްވާފައެވެ.
ކްރިމިނަލް ކޯޓުން ވަނީ 40 ދައުވާ ސާބިތުވެ އެ ކުށްތަކުގެ އަދަބެއްގެ ގޮތުގައި ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއީ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެކެވެ. ކްރިމިނަލް ކޯޓުން ބުނީ އެމްޑީ އަލަމްގިރްގެ މައްޗަށް އުފުލި ދައުވާތަކަށް އިބްތިދާއީ މަރުހަލާގަ އާއި އަވަސްނިޔާގެ ޝަރީއަތުގެ މަރުހަލާގައި އިއުތިރާފްވެފައިވާތީ އޭނާގެ ސައްހަ އިއުތިރާފުން މި މައްސަލަ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާތީ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވާ ކަމަށެވެ.
އޭނާގެ މައްޗަށް 40 ދައުވާއެއް އުފުލާފައި ވަނީ އެތައް ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި 40 ވީޑިއޯއެއް ރެކޯޑްކޮށްފައިވާތީ އެވެ. ފުލުހުންނަށް ދެނެގަނެވިފައި ވަނީ 40 ވީޑިއޯއެއް ނަމަވެސް، އެއަށްވުރެ ގިނަ އަދަދަކަށް އޭނާ އެކި މީހުންނާއެކު ގުޅުން ހިންގާފައިވާ ކަަމަށް ވެއެވެ.
މީގެ ކުރީން އަލަމްގީރުގެ މައްޗަށް ވަނީ ތިން ދައުވާއެެއް އުފުލާ އެވެ. އެ ދައުވާތައް ސާބިތުވާ ކަމަށް ހުކުމް ވެސް ކޮށްފައިވެ އެވެ. އެއީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާ އެވެ. އެ ދައުވާތަކަށް އޭނާ އިއުތިރާފު ވެސް ވެފައިވެ އެވެ. އެހެން ކަމުން ތިން ދައުވާ ސާބިތުވާ ކަމަށް ނިންމާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމް ކުރި އެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވަކިވަކި ޝަރީއަތްތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ގާނޫނީ ވަކީލް ނާޒިމް ސައްތާރު އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގައި މަަސައްކަތް ކުރާ އަބްދުއްރަހްމާނު ރަފީއުގެ މައްޗަށް ޝަރީއަތް ހިންގައި ވަނީ ހުކުމްކޮށްފަ އެވެ. އެމީހުން ވެސް ވަނީ ކުށަށް އިއުތިރާފްވެފަ އެވެ.