"އެމްޑީޕީ ދެކެ ލޯބިވާ އާންމު މެންބަރުންނޭވެ. މި މުސީބާތުން އެމްޑީޕީ މިންޖުކޮށް މި ޕާޓީގެ މުސްތަގުބަލު ބިނާ ކުރަން ތެދުވާށެވެ،"
އެމްޑީޕީ ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްވެހުންނެވި ނަމަ ޕާޓީގެ ލީޑާޝިޕް އެއްކޮށް އިސްތިއުފާ ދީ މެންބަރުން ގޮވައިގެން އުޅޭނެ ބަޔަކަށް ފުރުސަތު ދިނުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ގޮވާލައިފި އެވެ.
މޫސާ މިހެން ވިދާޅުވީ މަޖިލީހުގެ 19 ވަނަ ދައުރު ނިމުން ފާހަގަ ކޮށް އެކްސް ގައި މިއަދު ކުރި ޕޯސްޓެއް ގައެވެ. މޫސަ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނިމުނު މަޖިލީހަކީ ބާރާއި ފައިސާއަށް ދަހިވެތިވެފައިވާ ބައެއްގެ ސަބަބުން އެމްޑީޕީއަށްޓަކާ ގުރުބާންވި ނިކަމެތި އާދައިގެ އާންމު މެންބަރުންގެ ލޮލުން ކަރުނަ އޮހުރުވާލި މަޖިލީހެކެވެ.
"ލީޑާޝިޕް ކަމުގައި ޕާޓީން ބުނާ ޕާޓީގެ އިސްވެރީންނާއި ގައުމީ މަޖިލީހާއި ޕީޖީ ގުރޫޕާއި 19 ވަނަ މަޖިލީހުގައި މި ޕާޓީގެ އާންމު މެންބަރުންނަށް ދިންވަރުގެ އަނިޔާއެއް މި ޕާޓީ ވޭތުކުރި 18 އަހަރު ދުވަހަކު ވެސް ނުދޭ،" މޫސަ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރައީސް ނަޝީދުގެ ކުރިމަގާ ސިޔާސީ ފައިދާއަށްޓަކާ އާންމު މެންބަރުން އެ ޕާޓީއަށްޓަކައި ވީ ގުރުބާނީގެ އަގު ނިކަން ރަނގަޅަށް ދީފި ކަމަށެވެ. އެމްޑީޕީ ސަރުކާރު ގައި އޮވެ އެ ޕާޓީގެ މައްޗަށް ނުފޫޒު ފޯރުވާ ދެތީން ވަޒީރަކާއި ހައެއްކަ މަޖިލީސް މެންބަރުންނާއި ދެތީން ހަތަރު ކުންފުންޏެއްގެ އެމްޑީޕީން އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ހުންނަވާ ވަޒީފާއާ ބާރާއި ލޯނުގެ ދަޅާގައި އެމްޑީޕީ ވަނީ ކުޑަކަކޫ މައްޗަށް ތިރިކޮށްފައި ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އެމްޑީޕީ ދެކެ ލޯބިވާ އާންމު މެންބަރުންނޭވެ. މި މުސީބާތުން އެމްޑީޕީ މިންޖުކޮށް މި ޕާޓީގެ މުސްތަގުބަލު ބިނާ ކުރަން ތެދުވާށެވެ،" އެމްޑީޕީގެ މެންބަރުން ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެ މޫސަގެ ޕޯސްޓް ގައި ލިިޔެފައި އެވެ.
މޫސަ ވިދާޅުވީ ޕާޓީއަށްޓަކާ ތެދުވާންވީ ދުވަހަކީ މިއީ ކަމަށެވެ. އަދި ރައީސް ސޯލިހަށް އިލްތިމާސް ކުރެއްވީ އެމްޑީޕީގައި އެމަނިކުފާނު އިސްވެހުންނެވި ނަމަ ޕާޓީގެ ލީޑާޝިޕް އެއްކޮށް އިސްތިއުފާ ދީ މެންބަރުން ގޮވައިގެން އުޅޭނެ ބަޔަކަށް ފުރުސަތު ދީ އެމްޑީޕީ އަލުން ވެރިކަމަށް ގެނައުމަށް މަގުފަހި ކޮށް ދިނުމަށެވެ.
"މަރުހޫމް ގޯގޯ ލަތީފް ދެއްކެވި ތެދުވެރި ކަމާ ސާބިތުކަމުގެ ނަތީޖާގެ އަގު އަދާކުރުމުގާ އެ މަރްހޫމް އިސްވެ ހުރެ އުފެއްދި މި ޕާޓީ އުވި ދިޔަ ނުދެއްވާށެވެ،"
ރިޔާސީ އިންތިހާބުން ނާކާމިޔާބުވެފައި ވަނިކޮށް މަޖިލީސް އިންތިހާބުން ބޮޑު ނާކާމިޔާބީއެއް ކުރިމަތި ވުމުން އެމްޑީޕީގެ ލީޑާޝިޕް އިސްތިއުފާ ދިނުމަށް ޕާޓީގެ ބައެއް މެންބަރުން ގޮވާލި އެވެ.
ވިހިވަނަ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ލިބިފައިވަނީ އެ ޕާޓީގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ލަދުވެތި ނަތީޖާ އެވެ. 93 ދާއިރާ އިން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ އެންމެ 12 ދާއިރާ އެވެ. ޕާޓީގެ ނަގާ ކިޔާ އެއްވެސް ބޭފުޅަކަށް އިންތިހާބުން ކާމިޔާބު ހޯދޭ ގޮތެއް ނުވެ އެވެ.
ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ފައްްޔާޒު އިސްމާއީލް ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު އެކަމާ ގުޅުވާ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޕާޓީގެ މެންބަރުންނަށް ލީޑާޝިޕް ބަދަލު ކުރަން ފެންނަ ނަމަ އެ ފުރުސަތު އޮންނާނެ ކަމަށާ ނަމަވެސް މިއީ އެވަގުތު ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ބޭފުޅުންގެ އިސްތިއުފާއަށް ބޮޑަށް ގޮވަނީ އިދިކޮޅުގެ މީހުން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައެއް އެއްގޮތަކަށް ވެސް ނެތް ޕާޓީގެ ލީޑާޝިޕްގެ އެއްވެސް މަގާމެއް ގައި ހުރި އެއްވެސް ބޭފުޅަކު އިސްތިއުފާ ދިނުމެއް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ވެސް ނޫން،"
ނޫސްވެެރީންގެ އެ ބައްދަލްވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ފައްޔާޒުގެ ވާހަކައަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕްގައި މިވަގުތު ތިއްބެވީ އިންތިހާބަކުން ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކޮށް ފިލާނެ ބައެއް ނޫން ކަމަށެވެ. އެ ބޭފުޅުން ތިއްބަވާނީ ސާބިތުކަމާ އެކު މެންބަރުން ހަވާލުކުރެއްވި އަމާނާތަށް ވަފާތެރިކަން މަތީ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ޗެއާޕާސަން އަރިހުން އެދެން، އެއްވެސް ހާލެއްގައި އިސްތިއުފާ ދެއްވައިގެން ނުވާނެ،" ފައްޔާޒަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ ބޭފުޅުން ތިއްބެވީ އިންތިހާބަކުން ބަލިވުމުން އެ ދެން "އުޑު ބޮލަށް ވެޓުނީ ކަމަށް" ދެކި ފިލައިގެން ދާނެ ގޮތަކަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން އަލުން ވެރިކަމަށް އައިސް މަޖިލީހުގެ މެޖޯރިޓީ ނަގާ އެ މަންޒަރު ދައްކާނެ ކަމަށެވެ.