ޖެނުއަރީން ފެށިގެން މެމްބަރު ކަމުގެ މުސާރަ ނުނަންގަވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ

"އަހަރެން ސީވީއެފްގައި މަސައްކަތް ކުރަން ފެށީ ފެބްރުއަރީ މަހުގައި. ޖެނުއަރީ މަހުން ފެށިގެން މެމްބަރު ކަމުގެ މުސާރަ ނެގުން ހުއްޓާލައިފިން. ނަމަވެސް އާ މަޖިލީސް އެކުލަވާލެވެންދެން އަހަންނަނީ މަޖިލީސް މެމްބަރެއް،"

ކުރީގެ ރައީސް އަދި މިހާރު މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު: ޖެނުއަރީން ފެށިގެން މުސާރަ ނުނަންގަވާ ކަމަށް ވަނީ ވިދާޅުވެފައި --

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މުސާރަ ނުނަންގަވާ ކަމަށް ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހާރު ހުންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީގެ މަގާމު ފުރުއްވަން ގާނާގަ އެވެ. ސީވީއެފްގައި މަސައްކަތް ކުރައްވަން ފެއްޓެވީ މިދިޔަ ފެބްރުއަރީ މަހު އެވެ.

ލަންކާގެ "ދި މޯނިން" ނޫހަށް މިއަދު ދެއްވި އިންޓަވިއުއެއްގައި، ޖެނުއަރީ މަހުން ފެށިގެން މުސާރަ ނުނަންގަވާ ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް މުސާރަ އުނިކޮށްދިނުމަށް ނަޝީދު މަޖިލީސް އިދާރާއަށް ސިޓީއެއް ފޮނުއްވީ މިދިޔަ މަހު އެވެ.

އެ ސިޓީގައި ނަޝީދު އެދިވަޑައިގެންފައި ވަނީ މިދިޔަ މަހުން ފެށިގެން ދައުރުގެ ބާކީ އޮތް ދުވަސްތަކުގެ މުސާރަ އުނިކޮށްދެއްވުމަށެވެ.

"އަހަރެން ސީވީއެފްގައި މަސައްކަތް ކުރަން ފެށީ ފެބްރުއަރީ މަހުގައި. ޖެނުއަރީ މަހުން ފެށިގެން މެމްބަރު ކަމުގެ މުސާރަ ނެގުން ހުއްޓާލައިފިން. ނަމަވެސް އާ މަޖިލީސް އެކުލަވާލެވެން ދެން އަހަންނަކީ މަޖިލީސް މެމްބަރެއް،" ނަޝީދު އެ އިންޓަވިއުގައި ވިދާޅުވި އެވެ.

މިހިނގާ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ އޮންނާނީ މާދަމާ އެވެ. މިމަހުގެ 28 ވަނަ ދުވަހު 20 ވަނަ މަޖިލީހަށް އިންތިހާބުވި 93 މެމްބަރުން ހުވާ ކުރައްވާނެ އެވެ.

މި ސަރުކާރު ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ފެށިގެން ނަޝީދު ވަނީ ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގެންފަ އެވެ. ގާނާއަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އެމަނިކުފާނު އުޅުއްވީ ރާއްޖޭން ބޭރުގަ އެވެ. މަޖިލީސް ޖަލްސާތަކަށް ވަޑައިނުގަންނަވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.