ސިނަމާލެ ބްރިޖު އެޅުމުގެ ނަމުގައި ޗައިނާއިން ދޫކޮށްފައި ލޯނުތައް އަނބުރާ ދައްކައި ނުނިމޭނެ ކަމަށާއި އެއީ ދަރަނި ދަންތުރައެއް ކަމަށް ނަޝީދު ސިފަ ކުރައްވާފައި ވެ އެވެ.
އިންޑިއާ ކަނޑާއި ގުޅޭ ކަންކަމާއި ބެހުމާއެކު އެ ދާއިރާއިން މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ދައުރު ޗައިނާއަށް ނެތް ކަމަށް އަބަދު ވެސް އިންޑިއާގެ ކޮޅު ނަންގަވައިގެން ވާހަކަފުޅު ދައްކަވާ ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ,
ސްރީލަންގައި ނެރޭ "މޯނިން" ނޫހަށް ދެއްވި ސުވާލާއި ޖަވާބުގެ އިންޓަވިއުއެއް މިއަދު އެ ނޫހުގައި ޝާއިއުކޮށްފައި ވެއެވެ. އެ އިންޓަވިއުގެ ބައެއްގައި ރައީސް ނަޝީދު ވިދާޅުވަނީ އިންޑިއާ ކަނޑަށް ނިސްބަތްވާ ގައުމުތަކުގެ ކަންކަން ބަލައި މައްސަލަތައް ހައްލު ކުރުމަކީ އެ ގައުމުތަކުން ކުރާނެ ކަމެއް ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތް ދެމެހެއްޓުން އޮތީ އެ ގައުމުތަކަށް ކަމަށެވެ.
އަދި ވިދާޅުވެ އެވެ: "ޗައިނާއަށް ވަކި ހާއްސަ ދައުރެއް ނޯވޭ، ނެތް!"
އެއާ ހިލާފަށް ނަޝީދު ވިދާޅުވީ ޗައިނާއިން ދިވެހި ރާއްޖޭގައި ކުރި ކަންކަމަކީ އޭގެ ސަބަބުން ހާލަތު ގޯހުންގޯހަށް ގޮސްފައިވާ ކަންކަން ކަމަށާއި ރާއްޖޭގައި ޗައިނާއިން ގަސްތުގައި ޕްރޮޖެކްޓުތަކުގެ އަގު މައްޗަށް އުފުލުވާފައިވާ ކަމަށެވެ. ސިނަމާލެ ބްރިޖު އެޅުމުގެ ނަމުގައި ޗައިނާއިން ދޫކޮށްފައި ލޯނުތައް އަނބުރާ ދައްކައި ނުނިމޭނެ ކަމަށާއި އެއީ ދަރަނި ދަންތުރައެއް ކަމަށެވެ.
"އަމިއްލަ ގައުމުގެ އެކްސްޕާޓުންނާއި, ތަކެއްޗާއި، ކަމަށް ބޭނުންވާ ފައިސާ އެތެރެކޮށް ބްރިޖެއް ވެސް އަޅައިފި. އެކަމަކު އޭގެއިން ގަސްދުގައި އެހެނިހެން ވިޔަފާރިތައް އެބަ ފެއިލްވޭ," ކަން ހިނގާފައިވާ ގޮތާ ހިިލާފަށް ނަޝީދު ވިދާޅުވެފައި ވެއެވެ.