އެޗްޑީސީގެ އެމްޑީ މުހައްމަދު ފަޒުލް ރަޝީދު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް ކުޑަގިރި އިތުރު ވަސީލަތްތަކާ އެކު ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މާލެ ގިނަ ރައްޔިތުން އާއިލާތަކާއެކު ހިތް ފަސޭހަކޮށްލާ ދަތުރު ދިއުމަށް ހާއްސަކޮށް ތަރައްގީކޮށްފައިވާ ކުޑަގިރި އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެރަށުގެ ބެލެނިވެރިކަން އޮތް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒުލް ރަޝީދު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް ކުޑަގިރި އިތުރު ވަސީލަތްތަކާ އެކު ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ވިދާޅުވީ ކުރިމަގު ގައި ރައްޔިތުންނަށް ވަރަށް ފުރިހަމަ ހިދުމަތްތަކެއް އެ ރަށުން ލިބިގެންދާނެ ކަމަށެވެ.
ކުޑަގިރި ތަރައްގީ ކުރުމުގެ މަސައްކަތް އެމްއައިޓީޑީސީއާ ހަވާލު ކުރަން އުޅުނު ކަމަށް ވާހަކަ ދެކެވެ އެވެ. އެ ކުންފުނިން ވަނީ އެ ރަށް އިތުރު ގޮތަކަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެއާއެކު ކުޑަގިރި އަކީ ދަތުރުދާން ހާއްސަ ރަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައީ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަން ފެށި އެވެ.
ފަހުން ސަރުކާރުން ވަނީ ކުޑަގިރި އަބަދު ވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ކަމަށް ބުނެފައެވެ. އަދި މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށް ވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ލިބޭ ގޮތަށް ސަރުކާރުން ތަރައްގީ ކުރާނެ ކަމަށް ވެސް ބުންޏެވެ.
ކުޑަބަނޑުހަށްވުރެ ދެ ގުނަ ބޮޑު ކުޑަގިރި ހަދައި ރަސްމީކޮށް ހުޅުވީ ފެބްރުއަރީ 11، 2023 ގައެވެ. ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން މާލެ އަތޮޅު ކުޑަގިރި ފަޅުން ބޮޑު ސަރަހައްދެއް އިން ހިއްކައިގެން 41 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ދިވެހިންގެ ޕިކްނިކް އައިލެންޑް ކުޑަގިރި ހުޅުވީ ގިނަ ވަސީލަތްތަކެއް ގާއިމު ކުރުމަށް ފަހު އެވެ.
ރަށް ތަރައްގީކޮށްފައިވަނީ ހަޓުތަކާއި މިސްކިތް އަދި ފާހާނާ ވެސް ހިމެނޭ ގޮތަށެވެ. ދެ ސައިޒުގެ ހަޓް ހުރެ އެވެ. ކުދި ހަޓުތަކާއި ބޮޑެތި ހަޓުތައް ވެސް ހުރެ އެވެ. މި ތަންތަނުގައި ކެއްކުމާއި ފޯނު ޗާޖުކުރުން ފަދަ ހިދުމަތްތައް ލިބެން ހުރެ އެވެ. މި ތަންތަން ބޭނުން ކުރެވޭނީ އަގު ދީގެންނެވެ. ނަމަވެސް ފާހާނާ ބަރިއާއި ޗޭންޖިން ރޫމު އަދި މިސްކިތެއްގެ އިތުރުން ބާބަކިއު އޭރިއާއެއް އަދި ކުޑަކުދިން ކުޅިވަރު ކުޅުމަށް ހާއްސަ ސަރަހައްދު ބޭނުން ކުރަން އަގެއް ނުނަގަ އެވެ. މި ރަށުގައި ސެކިއުރިޓީން ތިބޭއިރު 44 ސީސީ ޓީވީ ކެމެރާއިން މުޅިރަށް އެއްކޮށް ބަލަހައްޓަމުން ގެންދެ އެވެ.