"ފުރަތަމަ އަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ތިބީ ކިތައް ބިދޭސީންތޯ، އެއީ ކޮން ގައުމުތަކެއްގެ މީހުންތޯ މި ހުރިހާ މައުލޫމާތެއް ސިސްޓަމް ތެރެއަށް އެޅޭނެ،"
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން ގަވާއިދަށް ފައްތައި، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް "ކުރަނގި" ނަމުގައި ފެށި އޮޕަރޭޝަން ގައި މިހާތަނަށް 500 ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން މި މަހުގެ ދެވަނަ ދުވަހު ފެށި އޮޕަރޭޝަނާއި ގުޅޭގޮތުން މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އޮޕަރޭޝަން ފެށި ހިންމަފުށީ ގައި އުޅޭ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ ނަގާފައިވާ ކަމަށެވެ.
އެ މަަސައްކަތް އިތުރު ފަސް ރަށެއް ގައި ވަރަށް އަވަހަށް ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ. ކުރީން މިނިސްޓްރީން ބުނީ ދެން އެ އޮޕަރޭޝަން ފަށާނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްކޮށް ކަހަލަ ގޮތަކަށް ކަމަށެވެ.
އޮޕަރޭޝަން ފެށި ދުވަހު މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ފެށީ މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަން ދެކިގެން ކަމަށެވެ. އަދި، ވޭތުވެ ދިޔަ ފަސް އަހަރު މި އޮޕަރޭޝަން ހަދަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފެށުނީ އޭގެ އަމަލީ މަސައްކަތުގެ ފުރަތަމަ ބައި ކަމަށެވެ.
"ފުރަތަމަ އަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ތިބީ ކިތައް ބިދޭސީންތޯ، އެއީ ކޮން ގައުމުތަކެއްގެ މީހުންތޯ، މިހާރު އެމީހުން މަސައްކަތް ކުރަނީ ކާކު އެމީހުންނަށް ސްޕޮންސާ ދީގެންތޯ ނުވަތަ ކޮން ދިމާލެއްގަތޯ އޭނާ މަސައްކަތް ކުރަނީ މިހުރިހާ މައުލޫމާތެއް ސިސްޓަމް ތެރެއަށް އެޅޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މި އޮޕަރޭޝަނުގައި ދެން ޖެހިގެން އަންނަ ދެ އަހަރު ކުރާނެ ކަމަކީ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތް ނުވަތަ ދައުލަތުގެ އެއްވެސް ލިޔެކިޔުމަކުން އެއީ ކާކުކަން ސާބިތު ނުވާ މީހުންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަން ހަދައި އެމީހުންނަކީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ މީހުން ބޭނުންވާނަމަ ވަގުތުން އެމީހުން ގަވާއިދުތެ ތެރެއަށް ވެއްދުމުގެ މަސައްކަތް ވެސް މި އޮޕަރޭޝަނުގެ ތެރެއިން ކުރާނެ ކަމަށެވެ. އެމީހުން ހިފާ ހައްޔަރުކޮށް ޑީޕޯޓް ކޮށްލުމަކީ އެއްވެސް ހާލަތެއްގައި މި އޮޕަރޭޝަނުގެ މަގުސަދެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.