"ސަރުކާރުން ޔަގީންކޮށް ދޭން މިއަދު ފޭބި ސިފައިންނާއެކު ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ހުރިހާ އެންމެ ރާއްޖެއިން ފައިބާފައިވާކަން. އެކަމާ ގުޅޭ މުހިންމު ތަފްސީލްތައް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް [ދެތީން ދުވަސްތެރޭ] ކަމާގުޅޭ އިދާރާތަކުން ހާމަ ކުރާނެ،"
އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން ރާއްޖޭގައި ގާއިމުވެ ތިބި އެ ގައުމުގެ ހުރިހާ ސިފައިން ރާއްޖޭ އިން ފައިބައިފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ސިފައިންގެ ފަހު ބެޗް މިއަދު ވަނީ ގެންގޮސްފަ އެވެ. ކުރީން ވަނީ ދެ ފަހަރެއްގެ މަތީން ދެ ޕްލެޓްފޯމެއް ގައި ތިބި އިންޑިއާ ސިފައިންގެ 51 މީހަކު ވަނީ އަނބުރާ ގެންގޮސްފަ އެވެ. މިއަދު ފޭބި ސިފައިންގެ އަދަދެއް ސާފެއް ނުވެ އެވެ.
ސަރުކާރުގެ ސީނިއާ އޮފިޝަލަކު "ދަ މިރާ" އަށް ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭ ހުރިހާ ތަފްސީލެއް ސަރުކާރުން ހާމަ ކުރާނެ އެވެ. ކުރިއަށް އޮތް ދެތީން ދުވަސްތެރޭ ޑިފެންސް މިނިސްޓްރީއާ ފޮރިން މިނިސްޓްރީން އެ ތަފްސީލް ހާމަ ކުރާނެ އެވެ،
"ސަރުކާރުން ޔަގީންކޮށް ދޭން މިއަދު ފޭބި ސިފައިންނާއެކު ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ހުރިހާ އެންމެ ރާއްޖެއިން ފައިބާފައިވާކަން. އެކަމާ ގުޅޭ މުހިންމު ތަފްސީލްތައް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް [ދެތީން ދުވަސްތެރޭ] ކަމާގުޅޭ އިދާރާތަކުން ހާމަ ކުރާނެ،"
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވެސް ވަނީ އެކަން ޔަގީން ކޮށްދީފައެވެ. އެ މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިންގެ ފަހު ބެޗު މިހާރު ވަނީ އަނބުރާ ގައުމަށް ގެނެސް ފައެވެ. އެހެން ކަމުން ރާއްޖޭގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު މިހާރު ނުހުންނާނެ ކަމަށެވެ. އަދި އެ ގައުމުގެ ސިފައިން އޮޕަރޭޓް ކުރަމުން ދިޔަ އުޅަނދުތައް ދުއްވަން ތަޖުރިބާކާރު ސިވިލިއަނުންގެ ތިން ގުރޫޕެއް ފޮނުވާފައިވާ ކަމަށެވެ. އެއީ ކިހާ މީހުންނެއް ކަމެއް ނުބުނެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރައްވާ -- އެންމެ ހަރުއަޑުން ވެވަޑައިގެންނެވި ވައުދުފުޅެވެ. އެންމެ މުހިންމު / އެންމެ ބޮޑު ވައުދުފުޅެވެ. އެ ވައުދުފުޅާއި އެއްގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަަމަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ. އަދި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ބައްދަލްވުމަށް ފަހު ދެ ގައުމުގެ އިސްވެރީންގެ މެދުގައި މަޝްވަރާތައް ފެށުމާ އެކު ސިފައިން ގެންގޮސް ނިންމަން ތާރީހެއް ވެސް ކަނޑައެޅި އެވެ.
ދިވެހި ސަރުކާރުން އެދިފައި ވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމުމަށެވެ. ނަމަވެސް މަަޝްވަރާ އިން އެއްބަސްވެވުނީ ތިން މަހުން -- މެއި 10ގެ ނިޔަލަށް ހުރިހާ ސިފައިން ބާލާ ނިންމާށެވެ.
އެެއީ އިންޑިއާ އިން ބޭނުންވި ގޮތް ނޫން ނަމަވެސް ސަރުކާރުން މަޝްވަރާގެ ރީތި އުސޫލު އިހްތިޔާރުކޮށް ކުރި މަސައްކަތުން އިންޑިއާ އެކަމަށް އެއްބަސް ކުރުވީ އެވެ.
ސަރުކާރުން ހޯދާފައިވާ މައުލޫމާތުތަކަށް ބިނާ ކޮށް ރައީސް އޮފީހުން ބުނީ އިންޑިއާ ސިފައިންގެ 88 މީހަކު ރާއްޖޭގައި އެެބަ ތިބި ކަމަށެވެ. އެއީ އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަނަށް ރާއްޖޭގައި ގާއިމުވެ ތިބި 50 ސިފައިންނާއި އެ ނޫން އެކި ކަންކަމުގައި ރާއްޖޭގައި ތިބި ސިފައިންނެވެ. އިންޑިއާ ނޫސްތަކުން ބުނަނީ ރާއްޖޭގައި ތިބީ 90 ވުރެ މަދު އަދަދެއްގެ ސިފައިން ކަމަށެވެ. ބައެއް ނޫސްތަކުގައި 100 ވުރެ މަދު އަަދަދެއް ކަމަށް ބުނެ އެވެ.