މި ގެސްޓްހައުސް އަޅާ ބިން އޮންނަނީ ވޯޓާ ސްޕޯޓްސް ހަރަކާތް ހިންގާ ސަރަހައްދު ބީޗް ސައިޑުގަ އެވެ. މި މަސައްކަތައް ބިޑް ހުށަހަޅަން ޖެހެނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.
ކ. މާފުށީގައި ވޯޓާ ސްޕޯޓްސް ހަރަކާތްތައް ހިންގާ ސަރަހައްދުގައި ހުރި، އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބޮޑު ބިމެއްގައި ގެސްޓްހައުސް އަޅައި ހިންގާނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.
މާފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައިވާ ގޮތުން ގެސްޓްހައުސް އަޅަން ހުޅުވާލި ބިމަކީ މާފުށީ ތަރައްގީއަށް މަސައްކަތް ކުރާ އަންހެނުން ކޮމެޓީ "އަންހެނުންގެ އުފާ" އަށް ދޫކޮށްފައިވާ ބިމެކެވެ. މާފުށީ ވަލުމަގުގައި ހުރި މި ބިމުގެ ބޮޑު މިނަކީ 4600 އަކަފޫޓެވެ.
މި ބިމުގައި ގެސްޓްހައުސްއެއް އަޅައި ހިންގާނެ ބަޔަކު ހޮވަނީ ބީލަމުގެ އުސޫލުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މި ބީލަން ފެށޭ އަގަކީ އަކަފޫޓެއް 35ރ. އެވެ. މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކުއެޒިޝަން ފީގެ ގޮތުގައި ތިން މިލިއަން ރުފިޔާ ދައްކަން ޖެހޭނެ އެވެ. މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ފޮތް ވިއްކާނީ 15،000ރ. އަށެވެ. މިތަން ހަދާ ބަޔަކަށް ބިމު ކުލި ދައްކަން ފަށަން އެއް އަހަރުގެ ގްރޭސްޕީރިއަޑެއް ލިބޭނެ އެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަށް ބިޑް ފޮތް ވިއްކުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، ބިޑް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހު އެވެ.
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ މިތަނުގައި ގެސްޓްހައުސް ހަދަން ވަކި އުސްމިނެއް ނެތް ކަމަށާ، މި ސަރަހައްދަކީ އެންމެ ގިނައިން ގެސްޓްހައުސްތައް ހުރި ސަރަހައްދު ކަމަށެވެ.
"ވޯޓާ ސްޕޯޓްސް ބީޗް މިއީ އެންމެ ގިނައިން ގެސްޓްހައުސްތައް ހުރި އެންމެ ޕީކް ސަރަހައްދު. އެހެންވެ މިތަނުގައި ގެސްޓްހައުސްއެއް ހަދާ ބަޔަކަށް ވިޔަފާރީގެ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ،" ސޮލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ބިމަކީ އަންހެނުން ކޮމެޓީގެ ބިމަކަށްވުމުން މިތަނުން ލިބޭ ފައިސާއަކީ އެ ކޮމެޓީގެ އެއްޗެއް ކަމަށެވެ. އަދި މިތަނުގައި ހަދާ ގެސްޓްހައުސްގެ އެއް ފްލޯ އެ ކޮމެޓީއަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގެސްޓްހައުސް ހަދާ ފަރާތުން ޖެހޭ އެއް ފްލޯ އަންހެނުން ކޮމެޓީއަށް ދޭން. އެތަނުގައި 100 މީހުންގެ މީޓިން ހޯލަކާއި ފަސް ކޮޓަރި އަދި ޕްރެއާ ރޫމް ހުންނަން ޖެހޭ،" ސޮލާހު ވިދާޅުވި އެވެ.