ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރައްވާ -- އެންމެ ހަރުއަޑުން ވެވަޑައިގެންނެވި ވައުދުފުޅެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކުރިއަަށްދާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ދީފި އެވެ.
އިންޑިއާ ސިފައިން ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އޭވިއޭޝަން ތިން ޕްލެޓްފޯމްގެ ތެރެއިން އެއް ޕްލެޓްފޯމް ގައި ތިބި އިންޑިއާ ސިފައިން މާޗް 10 ވަނަ ދުވަހު ގެންދިއުމަށް އޮތީ އެއްބަސް ވެފައެވެ. އެ އެއްބަސްވުމާއި އެއްގޮތަށް އައްޑޫ ސިޓީ ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލްކޮޕްޓަރު ދުއްވުމަށް ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމަށް އެ ގައުމުގެ ސިވިލިއަން ކުރޫއެއް ފެބްރުއަރީ މަހު ވަނީ ރާއްޖެ އައިސް ފައެވެ.
އައްޑޫގެ އިތުރުން ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ ދެ ޕްލެޓްފޯމް ގައި ތިބި އިންޑިއާގެ ސިފައިން 10 މެއިގެ ކުރީން ފޮނުވާލުމުގެ ކަންކަން އޮމާންކަމާ އެކު ފުރިހަމަކޮށް ނިމިފައިވާ ކަމަށް މިދިޔަ މަހު ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އިންޑިއާ-ރާއްޖެ ވެރީންގެ މަޝްވަރާގެ އިތުރު ބައްދަލްވުމެއް މިއަދު އިންޑިއާ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މަަޝްވަރާތަކުގައި މި މަހުގެ 10 ގެ ކުރީން ބާކީ ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ގެންދާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރައްވާ -- އެންމެ ހަރުއަޑުން ވެވަޑައިގެންނެވި ވައުދުފުޅެވެ. އެ ވައުދުފުޅާއި އެއްގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަަމަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ. އަދި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ބައްދަލްވުމަށް ފަހު ދެ ގައުމުގެ އިސްވެރީންގެ މެދުގައި މަޝްވަރާތައް ފެށުމާ އެކު ސިފައިން ގެންގޮސް ނިންމަން ތާރީހެއް ވެސް ކަނޑައެޅި އެވެ.
ދިވެހި ސަރުކާރުން އެދިފައި ވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމުމަށެވެ. ސަރުކާރުން ހޯދާފައިވާ މައުލޫމާތުތަކަށް ބިނާ ކޮށް ރައީސް އޮފީހުން ބުނީ އިންޑިއާ ސިފައިންގެ 88 މީހަކު ރާއްޖޭގައި އެެބަ ތިބި ކަމަށެވެ. އެއީ އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަނަށް ރާއްޖޭގައި ގާއިމުވެ ތިބި 50 ސިފައިންނާއި އެ ނޫން އެކި ކަންކަމުގައި ރާއްޖޭގައި ތިބި ސިފައިންނެވެ.