ބަޖެޓުން މީޑިއާއަށް އިނާޔަތް ދިނުމުގެ ވައުދުގައި ކުލަ ޖައްސައިދޭނަން: ރައީސް

ރައީސް އެދި ވަޑައިގެންފައި ވަނީ ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށް ޤައުމު ބިނާކޮށް، ޙާލަތު ރަނގަޅުކޮށްދޭށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބީ ރައީސް ކަމުގައި ހުންނެވި އިރު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މިރާ

މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ކުރާ އަޣްލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާއެކު ނޫސްމީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ ވަކި އިނާޔަތެއް ދޭން ވެ ވަޑައިގެންނެވި ވައުދުގައި ހަގީގީ ކުލަ ޖައްސަވައި ދެއްްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާ ގުޅުވައި ރައީސް އާންމު ކުރެއްވެވި ހިތޯބެއްގައި ވިދާޅުވެފައި ވަނީ ގައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާއި ހިދުމަތް، ވަރަށް މުހިންމު ކަމަށާއި ރެޔާއިދުވާލު ހިނގަމުންދާ ކަންކަމުގެ ހަބަރު ހޯދައި ފޯރުކޮށްދިނުމާއި، މުޖުތަމައު ހޭލުންތެރިކުރުވުމާއި، ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރި ކަމަށެވެ.

އަދި ވިދާޅުވެފައި ވެއެވެ: "އިންތިޚާބީ ރައީސެއްގެ ގޮތުގައި އަޅުގަނޑު އެންމެ އިސްކަން ދިން އެއްކަމަކީ، ދިވެހި ނޫސްވެރީންނާއެކު ގުންޒަރެއް ބާއްވައި، ނޫސްވެރީންގެ އަޑު އެހުމެވެ. ރިޔާސީ ދައުރު ފެށުމަށްފަހު، ނޫސްވެރީންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުންތަކުގައި ނޫސްވެރީން ދެއްވި ޚިޔާލުތަކާއި، ފާހަގަކުރެއްވި ކަންކަން ވަނީ ނޯޓުކޮށްފައެވެ. ނޫސްވެރީންގެ ހުށަހެޅުންތަކާއި އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނަމެވެ." 

އެ މަނިކުފާނު އަދިވެސް ވިދާޅުވެފައި ވެއެވެ: "... ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދަން އޮތް ދަތިކަމެވެ. ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި ޢިނާޔަތެއް ދިނުމަށް އަޅުގަނޑުމެން ވާނީ އިސްނަގައިފައެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަޣްލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާއެކު އިރާދަކުރެއްވިއްޔާ މި އިސްނެގުމުގައި ޙަޤީޤީ ކުލަ ޖައްސާނަމެވެ."

އެ ހިތޯބުގައި ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގު ހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކޮށް އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރު ކޮށްދީ ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އާމްދަނީ ލިބުމަށް އޮތް ދަތިތަކުގެ ސަބަބުން، ރޭޑިއޯ ޚަބަރު ފެތުރުމާއި، ޗާޕު ކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ ސަރުކާރުން ކަންބޮޑުވާކަން ފާޅު ކުރައްވާފައި ވެއެވެ. 

"... ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަރނެޓާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުމެވެ." 

މީގެ އިތުރުން ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، މީސްމީޑިއާގެ މަންސަތައް އިތުރުވެ، ނުފޫޒު ގަދަވެ، ކޮންމެ މީހަކު ބޭނުންވާ ޚަބަރާއި މަޢުލޫމާތާއި ޝުޢޫރުތައް ވެސް މުޖުތަމަޢަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފޯރުކޮށްދިނުމުގެ ފުރުޞަތު އޮތްކަން ފާހަގަ ކުރައްވާ ވިދާޅުވީ ހާމަކަން ބޮޑު، ހުޅުވައިލެވިފައިވާ ދުނިޔެއެއްގައި ތެދު މަޢުލޫމާތު ފެތުރުމަކީ، ކޮންމެ ފަރުދެއްގެ އިންސާނީ އަދި ޤައުމީ ޒިންމާއެއް ކަމަށެވެ. 

"... ދޮގާއި ތެދު ހިމެނޭހެން ކެނޑިނޭޅި މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާއި، ކޮންމެ ކަމެއްގެ ޙަޤީޤަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވާން ޖެހެއެވެ. އެއީ، ދުލުން ނުވަތަ ގަލަމުން ކޮށްލެވޭ ޒަޚަމެއްގެ ސަބަބުން އަޅާ ވޭނާއި، އުފެދޭ ނުތަނަވަސްކަމުން، އަންދާޒާ ނުކުރެވޭވަރުގެ ބޮޑެތި ގެެއްލުން މުޖުތަމަޢަށް ލިބިގެން ދިޔަ ނުދިނުމަށްޓަކައެވެ." 

ރައީސް އެދި ވަޑައިގެންފައި ވަނީ ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށް ޤައުމު ބިނާކޮށް، ޙާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންދިޔުމަށް ފަށާފައިވާ ދަތުރުގައި ސަރުކާރާއި، ނޫސްވެރީންނާއި، ޚިދުމަތްތެރީންނާއި، ހުރިހާ ރައްޔިތުންވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުމަށެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.