ނާކާމިޔާބުވީ އެމްޑީޕީގެ ލީޑާޝިޕްގެ މައްސަލައަކުން ދިމާވި ކަމެއް ނަމަ އެކަމެއް ވެސް ސާފުވާން ބޭނުންވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބާއި މި އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ނާކާމިޔާބުވީ ސަބަބުތައް ދެނެގަންނަން ދިރާސާއެއް ކުރުމަށާ އެ ދިރާސާގެ އަލީގައި މަގު ޗާޓެއް އެކުލަވާލާ އަލުން ތަރުތީބުވެ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ތެދުވުމުގެ މަސައްކަތް އެ ޕާޓީން ފަށައިިފި އެވެ.
ބޮޑު ދެ އިންތިހާބުގެ ނާކާމިޔާބީއާ ގުޅޭގޮތުން މަޝްވަރާކޮށް ދެން ކުރިއަށް ދާނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީސް ވަނީ އެއްވެފައެވެ. މައުލޫގެ ގޮތުންނާއި މެންބަރުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ގައުމީ މަޖިލީސް ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލްވުމެއްގެ ގޮތުގައެވެ.
ނަމަވެސް ބައްދަލްވުމުގެ މައިގަނޑު ނިންމުންތަކުގެ ތަފްސީލު ހާމަކުރުމަށް ވަނީ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާފައެވެ. އެ ބައްްދަލްވުމުގައި ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ މައި ދެ އިންތިހާބުން ނާކާމިޔާބުވީ ސަބަބުތައް ބަލަން ބޭނުްވާ ކަމަށެވެ. އެ ގޮތުން ނާކާމިޔާބުވީ އިންތިހާބުގެ ކެމްޕެއިން ހިންގި ގޮތުންތޯ ނުވަތަ ރާއްޖޭގެ ސިޔާސީ މާހައުލަށް މިވަގުތު އައިސްފައިވާ ބަދަލަކުންތޯ ބަލަން ބޭނުންވާ ކަމަށެވެ. ނޫންނަމަ މިއީ އެމްޑީޕީގެ ލީޑާޝިޕްގެ މައްސަލައަކުން ދިމާވި ކަމެއް ނަމަ އެކަމެއް ވެސް ސާފުވާން ބޭނުންވާ ކަމަށެވެ.
"އެ ހުރިހާ ކަމެއް ބެލުމަށް ފަހު ދެން ކުރިއަށް ދާނެ ގޮތެއް އެނގޭނީ،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެކަންކަން ހޯދުމަށް ޕާޓީގެ މެންބަރުންގެ ކައިރިއަށް ގޮސް ދިރާސާއެއް ހެދުމަށް ނިންމާފައިވާ ކަަމަށެވެ. އަދި ނަތީޖާގެ އަލީގައި ޕާޓީ އަލުން ތަރުތީބު ކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ ލީޑާޝިޕްގައި މިވަގުތު ތިއްބެވީ އިންތިހާބަކުން ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކޮށް ފިލާނެ ބައެއް ނޫން ކަމަށެވެ. އެ ބޭފުޅުން ތިއްބަވާނީ ސާބިތުކަމާ އެކު މެންބަރުން ހަވާލުކުރެއްވި އަމާނާތަށް ވަފާތެރިކަން މަތީ ކަމަށް ވެސް ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ އެ ބޭފުޅުން ތިއްބެވީ އިންތިހާބަކުން ބަލިވުމުން އެ ދެން "އުޑު ބޮލަށް ވެޓުނީ ކަމަށް" ދެކި ފިލައިގެން ދާނެ ގޮތަކަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން އަލުން ވެރިކަމަށް އައިސް މަޖިލީހުގެ މެޖޯރިޓީ ނަގާ އެ މަންޒަރު ދައްކާނެ ކަމަށެވެ.