ރައީސް މި ފަހަރު ނިންމަވާފައި ވަނީ ލޯނަށް އެދި ހުށައަޅާ ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސްޓޫޑެންޓް ލޯނަށް އެދި ހުށައަޅާ ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސްގެ މި ނިންމެވުމުން ހާމަކުރެއްވީ މިރޭ އޮތް "އަހާ" ފޯރަމް ގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.
އެކަމަނާ ވިދާޅުވީ ސްޓޭޑެންޓް ލޯނަށް އަލަށް ހުޅުވާލި ފުރުސަތު މެއި ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ރައީސް މި ފަހަރު ނިންމަވާފައި ވަނީ ލޯނަށް އެދި ހުށައަޅާ ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ލޯނަށްލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދެއްވުން،"
މިނިސްޓަރު ވިދާޅުވީ ރައީސްގެ މި ނިންމެވުމުގެ ސަބަބުން މަތީ ތައުލީމުގެ ފުރުސަތު ބޭނުންވެފައިވާ އެތައް ދަރިވަރުންނަކަށް ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އެ ނިންމެވުމާ މެދު ވަރަށް އުފާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މިރޭގެ ފޯރަމް ގައި އާންމުންގެ މީހަކު ވަނީ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ސްޓޫޑެންޓް ލޯން ދެއްކުމަށް ދަތިތަކެއް ހުރުމުން އެކަމަށް ހައްލެއް ގެނެސް ދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެތޯ ސުވާލު ކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ މިހާތަނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތަކާ މެދު ވެސް ރަނގަޅު ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުން ސްޓޫޑެންޑް ލޯނަށް ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. މެއި ދެވަނަ ދުވަހަށް އެ ފުރުސަތު އިތުރުކުރީ ވީހާވެސް ގިނަ ކުދީންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.