ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ ފެނުގެ އަސަރުކޮށް ހާލުގައި ޖެހުނު ފޭދޫގެ ފަސް ގެއަކުން މީހުން ހުސްކުރަން ޖެހިފައިވާ ކަމަށެވެ.
އައްޑޫ ސިޓީއަށް އިއްޔެ ކުރި ގަދަ ވިއްސާރައިގައި ފޭދޫގެ 40 އަށްވުރެ ގިނަ ގެއަށް ފެން ވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެފި އެވެ.
އިއްޔެ އައްޑޫއަށް ކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. މިކަމާ ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ ފެނުގެ އަސަރުކޮށް ހާލުގައި ޖެހުނު ފޭދޫގެ ފަސް ގެއަކުން މީހުން ހުސް ކުރަން ޖެހިފައިވާ ކަމަށެވެ.
އޭގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލު ކޮށްފައި ވަނީ ދެ ގެއެއްގެ މީހުންނެވެ. އެހެން ގެތަކުން ބަދަލުވީ އެ މީހުންގެ އާއިލީ ގޭގެއަށް ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.
ފޭދޫގެ 40 އަށްވުރެ ގިނަ ގޭގެއަށް ފެނުގެ އަސަރު ކޮށްފައިވާތީ ފޭދޫ އަވަށު އޮފީހާއި އެމްއެންޑީއެފް ގުޅިގެން ވަނީ ހަރަކާތްތެރި ވެފަ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ގޭގޭގައި ފެންބޮޑުވަމުން ދާތީ ވިއްސާރައަށް ސަމާލުވުމަށް އެ ސިޓީގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ. އެ ސިޓީގެ މަގުތައް ހަދަން ކޮނެފައިވާ ވަޅުތަކަށާއި ލިންކު ރޯޑުގައި ހެދިފައިވާ ވަޅުތަކުގެ އިތުރުން ވިއްސާރައިގެ ސަބަބުން ހެދޭ ވަޅުގަނޑުތަކަށް ސަމާލުވުމަށް ވެސް ހާއްސަ އިލްތިމާސެއް ވެސް ކުރައްވާފައިވެ އެވެ.
އިއްޔެ އައްޑޫ ސިޓީގައި 167.7 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ފޭދޫއަށެވެ. އެހެން އަވަށުތަކުގެ މަގިތަކުގައި ވެސް ފެން ބޮޑުވެފައިވެ އެވެ. މިއަދު ވެސް ދެކުނާއި މެދުރާއްޖެތެރެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.