ރައީސަށް މަރުހަބާ ދެންނެވުމަށް ފަހު ގާސިމްގެ ބަހުގެ ހަމަލާ އަމާޒު ކުރެއްވީ ރައީސް ޔާމީނަށެވެ. ވިދާޅުވީ އިންތިހާބުން ފެނިގެން ދިޔައީ ހުސް ގޮނޑީގެ ބާރު ނެތް ކަމެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީން ޔަގީން ކޮށް ދެނީ ރައްޔިތުންގެ މެދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޮތް އިތުބާރާއި ޔަގީން ކަމަށް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މާމިގިލީ ދާއިރާގެ ގޮނޑިއަށް އިތުރު ދައުރެއް ކަށަވަރު ކުރެއްވި ގާސިމް ވިދާޅުވި ގޮތުގައި 2023ގެ ރިޔާސީ އިންތިހާބުވެސް އިއްޔެ އޮތް މަޖިލީސް އިންތިހާބު ވެސް ކާމިޔާބު ވުމުގެ ފަހަތު ގައި އޮތީ ނުހަނު ހުތޫރަތްތެރި ހާލަތެއް ގައި ނުހަނު އިހްލާސްތެރި ކަމާއެކު ރައީސް ޑރ މުއިއްޒާއި އެމަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތް ޕުޅުތަކުގެ ނަތީޖާ އެވެ.
"އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑި އެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން މިއަދު ރައީސް ޑރ މުއިއްޒު އަށް ރައްޔިތުން ދެއްވި ތާއީދާއި ދެއްވި ފުރިހަމަ މެޖޯރިޓީން އެ ވަނީ އެނގި ކަށަވަރުވެފަ އެވެ. އެހެނީ މިފަދަ ބޮޑު ކާމިޔާބީ އެއް ހޯއްދެވި އިރު އެއްވެސް ޖަލްސާއެއް ގައި ހުސްގޮނޑި އެއްވެސް ނުވަތަ ވަކިބޭފުޅެެެއްގެ ފޮޓޯއެއް ވެސް ބަހައްޓާފައިވަނިކޮށް ނުފެނެ އެވެ،"
ގާސިމް ވިދާޅުވީ ހުސްގޮޑި ނިސްބަތްވާ ފަރާތުން ރައީސް ޑރ މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭގޮތުން ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި މެދުކެނޑުމެއްނެތި ކުރިމަތި ކުރައްވަމުން ގެންދެވި އަދި ގެންދަވާ ތުހުމަތު ތަކާ ކުރައްވަމުން ގެންދަވާ މިފަދަ ހަޑިހުތުރު އަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަން އިއްޔެގެ ވޯޓުގެ ނަތީއްޖާ އިން ދިވެހީންވަނީ ދައްކުވައި ދެއްވާފަ އެވެ. އަދި އެ ބޭފުޅުން މަޖިލީހުގެ އިންތިހާބަށް ނެރުއްވި އެއްވެސް ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ވެފައި ނުވާކަމީ ވެސް ފެންނާން އޮތް ހަގީގަތެެއް ކަމަށް ވިދާޅުވި އެވެ.
ގާސިމް އެ އިޝާރާތް ކުރައްވަނީ ރައީސް ޔާމީނަށެވެ.
ގާސިމް ވަނީ އޭނާ އެދިވަޑައިގެން ނޫން ނަމަވެސް މި އިންތިހާބުގައި މާމިގިލީ ދާއިރާއަށް ވާދަކުރުމުން، އެ ދާއިރާއަށް ޕީއެންސީ އިން ކެނޑިޑޭޓަކު ނުނެރުއްވާ ތާއީދު ކޮށްދެއްވީތީ ރައީސް ޑރ. މުއިއްޒު އަށް ޝުކުރު ދަންނަވާފައެވެ.
އިއްޔެ އޮތް އިންތިހާބު ގައި ސަރުކާރު ހިންގާ ކޮންގްރެސް އިން ވަނީ 70 ގޮނޑި ހޯދާފައެވެ. ރައީސް ތާއީދު ދެއްވި ކެންޑިޑޭޓުންނާ އެކު ސަރުކާރަށް އެއްބާރުލުން ދޭނެ 75 މެންބަރުން ވިހިވަނަ މަޖިލީހުގައި ތިބޭނެ ކަން ވަނީ ޔަގީން ކުރެވިފައެވެ.