ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ފެނަކައިގެ ކުރީގެ އެމްޑީ އަހްމަދު ސައީދާއި އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) އަށް ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވާދަކުރެއްވި ކުރީގެ ވަޒީރުންނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފި އެވެ.
ރައީސް ސޯލިހްގެ ކެބިނެޓް ގައި ހިމެނިވަޑައިގެންނެވި ވަޒީރުންގެ ތެރެއިން ހަތަރު ބޭފުޅަކު މަަޖިލީސް އިންތިހާބު ގައި ވާދަ ކުރެއްވި އެވެ. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
އަލީ ވަހީދު ވާދަކުރެއްވީ އޭނާ ނިސްބަތްވާ ކުޅުދުއްފުށި ސިޓީގެ ދެކުނު ދާއިރާ އަށެވެ. އިމްރާން ވާދަ ކުރެއްވީ އޭނާ ނިސްބަތްވާ އަދާލަތުގެ ބޮޑު ތާއީދެއް އޮންނަ މަކުނުދޫ ދާއިރާ އަށެވެ. ކުރީގެ މިނިސްޓަރު އަމީރު ވާދަ ކުރެއްވީ ތުލުސްދޫ ދާއިރާ އަށެވެ. ކުރީގެ މިނިސްޓަރު / އަދި ވިޔަފާވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ވާދަ ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާ އަށެވެ.
ނަމަވެސް ހުރިހާ ބޭފުޅުންނަށް ވެސް އިންތިހާބުން ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީ އެވެ. އަމީރުއާ އަލީ ވަހީދު އަދި އިމްރާންގެ މައްޗަށް ކުރި ހޯއްދެވީ ސަރުކާރު ހިންގާ ކޮންގްރެސްގެ ކެންޑިޑޭޓުންނެވެ. ނަހްލާގެ މައްޗަށް ކުރި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް / ކުރީގެ މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދެވެ.
އަމީރާ އަލީ ވަހީދު މި އިންތިހާބަށް ނިކުންނެވީ އެމްޑީޕީގެ ޓިކެޓް ގައެވެ. ނަހުލާ ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައެވެ. އިމްރާން ނިކުންނެވީ އަދާލަތުގެ ޓިކެޓް ގައެވެ.
މީގެ އިތުރުން ކުރީގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް އިންތިހާބު ގައި ވާދަކުރެއްވި އެވެ. އެއީ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ފެނަކައިގެ ކުރީގެ އެމްޑީ އަހްމަދު ސައީދާއި އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) އެވެ. މި ހުރިހާ ބޭފުޅުންނަށް ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީ އެވެ.