ވޯޓު ދިނުމަށްފަހު މަޑުނުކޮށް މަރުކަޒުން ނުކުތުމަށް އެދެފި

ފުވާދު ވިދާޅުވީ ހަމަނުޖެހުންތަކުން ދުރުހެލިވުމަށް ވީހާވެސް އަވަހަކަށް ވޯޓުދިނުމަށް ފަހު މަރުކަޒުން ނިކުތުމަށް އިލްތިމާސްކުރައްވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމަށް ފަހު މަރުކަޒުތަކުގައި މަޑުނުކޮށް ވީހާވެސް އަވަހަކަށް ނިކުތުމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އިލްތިމާސްކުރައްވައިފި އެވެ. 

ވޯޓުލާ މަރުކަޒެއްގައި ހުންނަވައިގެން ފުވާދު ވިދާޅުވީ، ވޯޓު ދިނުމަށް ފަހު މަރުކަޒުގައި އިތުރަށް މަޑުނުކޮށް ވީހާވެސް އަވަހަކަށް ނިކުތުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެއީ ވޯޓުލާ މަރުކަޒުތަކުގެ ތެރޭގައި ހަމަނުޖެހުންތައް ހިނގާ މިންވަރު ކުޑަކުރުމަށް ކަމަށް ފުވާދު ވިދާޅުވި އެވެ. 

"އެކި ފިކުރުގެ ބޭފުޅުން އެއްތަނުގައި ތިއްބަވައިގެން ޖަޒުބާތުގައި [ދައްކާ ވާހަކަތައް] ބޮޑެތި އަރައެރުމަށް ބަދަލުވެ މުޅި މަސްލަހަތު ނުބައިވާތަން މި އަންނަނީ" ފުވާދު ވިދާޅުވި އެވެ. 

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެމީހުންގެ ސަޕޯޓަރުން ވެސް ވޯޓުފޮށިތައް ކައިރީ މަޑު ނުކުރެއްވުމަށް އިލްތިމާސްކުރައްވަމުން ފުވާދު ވިދާޅުވީ: 

"ވޯޓު ފޮށިތައް ކައިރީގައި މަޑުނުކުރައްވަން އަޅުގަނޑު ހުރިހާ ފަރާތަކަށް މި އެދެނީ. އެއީ ވޯޓު ލާމީހުންނަށް ވިޔަސް އަދި ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ވިޔަސް، ކެންޑިޑޭޓުންގެ ސަޕޯޓަރުންނަށް ވިޔަސް، ނޫނީ އަދި ކުޅިބަލަން އަންނަ މީހުންނަށް ވިޔަސް"  

އިލެކްޝަން ކޮމިޝަނުގެ ތާވަލާ އެއްގޮތަށް މިއަދުގެ ވޯޓުލުން ފެށީ ހެނދުނު 8:00ގަ އެވެ. އަދި ނިންމުމަށް ކަނޑައަޅާފައިވާ ގަޑިކަމަށްވާ 17:30ގައި ވޯޓުފޮށިތަކުގެ ކިއުތައް ބަންދުކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ. އެވަގުތުން ފެށިގެން ވޯޓުފޮށިތައް ބަންދުކޮށް 30 މިނެޓަށް ފަހު ވޯޓު ގުނަން ފަށާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރާ އެކު މެންބަރުންގެ އަދަދު 93 އަށް އިތުރުވާނެ އެވެ. މި ދާއިރާތަކަށް ސިޔާސީ ޕާޓީތަކާއި، އަމިއްލަ ގޮތުން 368 ކެންޑިޑޭޓަކު އެބަ ވާދަކުރައްވަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.