ޔޫސުފް ނައީމަށް ކުރި ހުކުމް ބާތިލު ކޮށް، އަލުން މައްސަލަ ބަލަން އަންގައިފި

މި މައްސަލައިގައި މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ، ރައީސް ޔާމީން ވަނީ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ. ދެ ބޭފުޅުންގެ މައްޗަށް ހުކުމްކޮށްފައި ވަނީ ޑިސެމްބަރު 25، 2022 ގަ އެވެ.

ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމް

ޓޫރިޒަމް ރިސޯޓު ތަރައްގީ ކުރުމަށް ވ. އާރަށް ހޯދުމުގެ މުގާބިލުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވާކަމަށް ކަނޑައަޅައި ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

މި މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ، ރައީސް ޔާމީން ވަނީ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ. އަދި ޔޫސުފް ނައީމް ތިން އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. ދެ ބޭފުޅުންގެ މައްޗަށް ހުކުމްކޮށްފައި ވަނީ ޑިސެމްބަރު 25، 2022 ގަ އެވެ. 

މި މައްސަލައިގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރަން އާރަށް ހޯދުމުގެ މުގާބިލުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޔާމީނަށް ދިން ކަމާއި އަދި އެ ފައިސާ ރައީސް ޔާމީން ނަންގަވައި ލޯންޑާކުރިކަން ސާބިތުވެފައިވެ އެވެ.

ހައިކޯޓުން މިއަދު ޔޫސުފް ނައީމަށް ކުރި ހުކުމުގައި ބަޔާންކޮށްފައި ވަނީ އޭނާގެ ފަރާތުން ދަށު ކޯޓުގައި ހުށަހަޅާފައިވާ ގިނަ ސުވާލުތަކަށް ޖަވާބު ނުލިބި ހުރި ކަމަށެވެ. ޖަލު އަދަބު އެހެން ބާވަތުގެ އަދަބަކަށް ބަދަލު ކޮށްދޭން އޭނާގެ ފަރާތުން އެދުނު ނަމަވެސް އެކަމަށް ރިއާޔަތްކޮށްފައިނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ޖަލު އަދަބަކީ އަސާސީ އަދަބަކަށްވީ ނަމަވެސް އެއީ ހަމައެކަނި ދެވޭ އަދަބަށް ވާން ނުޖެހޭކަން ގާނޫލްއުގޫބާތުން އެނގޭކަން ޔޫސުފް ނައީމްގެ ފަރާތުން ފާހަގަކޮށްފައިވީ ނަމަވެސް، އެކަންކަމަށް ދަށު ކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

މި ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ ޓޫރިސްޓް ރިސޯޓެއް ކުއްޔަށް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ވާޖިބުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައިވީ ނަމަވެސް އެކަމަށް ދަށު ކޯޓުން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ދައުލަތުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ ވާޖިބު އަދާކުރުމަށް ޔޫސުފް ނައީމް ރިޝްވަތު ދިން ކަމަށް ބުނާ ކުށުގެ އުންސުރުތަކަކީ ކޮބައިތޯ އޭނާގެ ފަރާތުން ދަށު ކޯޓުގައި އުފެއްދި ސުވާލުތަކަށް އެއްވެސް ޖަވާބެއް ދަށު ކޯޓުން ދީފައި ނުވާ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. 

ރިޝްވަތު ދިނުމާ ހިފުމުގެ "އޮފިޝަލް އެކްޓް" އަކީ ކޮބައިކަން ދަށު ކޯޓުގެ ހުކުމުން އެނގެން ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ދިފާއުން އުފެއްދި ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދިނުމަކީ ގާނޫނީ މަރުހަލާގެ ނަޒާހަތްތެރިކަން ގެއްލިދާ ކަމެއް ކަމަށާއި އިންސާފަށް ހުރަސް އެޅިގެންދާ ކަމެއް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ނޫސުފް ނައީމް މީގެ ކުރީގެ ޝަރީއަތުގެ މަޖިލީހެއްގައި އޭނާގެ ދިފާއީ ވަކީލުންނާއެކު --

ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގައި ހެކިބަސް ނަގާ ނިންމާލި ފަހުން ދިފާއީ ހެކިވެރިންގެ ހެކިބަސް ނަފީކުރަން ދައުލަތުން "ސަޕްރައިޒް އެވިޑެންސް" ހުށަހަޅާފައި ވަނީ ވެސް ގޯސްކޮށް ކަމަށެވެ. އަދި އެ ހެކިތައް ދަށު ކޯޓުން ބަލައިގެންފައި ވަނީ ވެސް ގޯސްކޮށް ކަމަށެވެ. އެގޮތުން، ހެކިތައް ބަލައިގެންފައި ވަނީ ގުޅުން ނެތް އިޖުރާއަތްތަކެއްގެ މައްޗަށް ކަމަށް ހުކުމް އިއްވަމުން ފަނޑިޔާރު ފާހަގަކުރައްވާފައިވެ އެވެ.

ފަހުން ހުށަހެޅި ހެކިތަކަށް އިއުތިރާޒް ކުރަން ދިފާއަށް ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވާތީ އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް ހުކުމުގައި ފާހަގަކުރައްވާފައިވެ އެވެ. އޭގެ ސަބަބުން ދިފާއުގެ ހައްގަކަށް އަރައިގެންފައިވާކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.

އޭގެ އިތުރުން، އަދަބާ ގުޅޭ ގޮތުން ވާހަކަދައްކަން ހަސްމުންނަށް ދަށު ކޯޓުން އެކަށީގެންވާ ފުރުސަތު ދީފައި ނުވާކަން ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެނގެން އޮންނަ ކަމަށެވެ. ފަނޑީޔާރެއްގެ އަމަލުތަކުގެ ސަބަބުން ހަސްމުންގެ ހައްގަކަށް އުނިކަން އައުމަކީ އެ ހައްގު ނިގުޅައިގަތުމަށް މަގު ކޮށިގެން ދިއުން ކަމަށް ވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ. ދަށު ކޯޓުން ދިން މަދު ވަގުތުކޮޅުގެ ތެރޭގައި ހަސްމުންނަށް ވަކީލުންނާ ބައްދަލުނުވުމަކީ ގާނޫނީ ވަކީލެއްގެ ފުރުސަތު ދިނުމުގެ ހައްގު އުނިވެގެން ދިއުން ކަމަށެވެ.

ޔޫސުފް ނައީމްގެ ފަރާތުން ފާހަގަކުރި ކުށުގެ އުންސުރުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމެއް ނެތި ދައުވާ ސާބިތުވާކަމަށް ނިންމާފައިވާތީ، އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ވަނީ ކަނޑައަޅާފައިވެ އެވެ. އެހެންކަމުން މި މައްސަލައިގައި ނުބެލި ހުރި ކަންކަން ހުރުމުން މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް މި މައްސަލަ ވަނީ ތަހުވީލުކޮށްފަ އެވެ.

ހައިކޯޓުން ދެން ހުކުމް އިއްވާނީ ރައީސް ޔާމީންގެ މައްޗަށެވެ. ނަމަވެސް ނަމާދު ވަގުތަށް ޝަރީއަތް ވަނީ މެދުކަނޑާލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.