އެޗްޑީސިން އަލަށް ފަށާ ހައުސިން މަޝްރޫއުތަކަކީ ރައީސް މުިއއްޒުގެ ހައުސިން ސިޔާސަތާ އެއްގޮތަށް ފަށާ ނިންމައި ދޭނެ މަޝްރޫއުތައް ކަމަށް ފަޒުލް ވިދާޅުވެ އެވެ.
ހުޅުމާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަލެއް ރަނގަޅަށް ބަަލައި އެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލު ރަޝީދު ވިދާޅު ވެއްޖެ އެވެ.
ހުޅުމާލޭގެ ހިޔާ އަވަށުގެ ހިޔާ ޓަވަރުތަކަށް ލިފްޓް އިތުރު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެން ފަޒުލް ވަނީ ކުރުކުރުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.
އޭނާ ވިދާޅުވީ އެޗްޑީސީން އަބަދުވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންގެ ލާބައާ މަންފާއަށް ބަލައިގެން ކަމަށެވެ. އަދި އެޗްޑީސީގެ އެ މަސައްކަތުގެ ތެރެއިން މިއަދު ފެށި ލިފްޓް ހަރު ކުރުމުގެ މަސައްކަތްތަކާއެކު ހުޅުމާލޭގެ ދެ ފޭހުގައި ވެސް ރަނގަޅު ކުރަންޖެހޭ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ.
ފަޒުލް އަދި ވިދާޅުވީ އެ ރަށުގައި އެހެން ހުރި ކަންކަން ތަރުތީބުކޮށް އަލުން ރަނގަޅު ކުރުމަށްޓަކައި އަމަލީ މަސައްކަތްތައް ފެށުމުގެ މަސައްކަތް ކުރާއިރު އެފަދަ ބައެއް މަސައްކަތްތައް ފަށައި އަނެއް ބައި މަސައްކަތް ފަށަން ތައްޔާރުވަމުން ގެންދާ ކަމަށެވެ.
އެޗްޑީސީގެ ޓީމުން މަސައްކަތް ކުރާނީ ހުޅުމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ލުއި ފަސޭހަ ގޮތްތައް ތައާރަފު ކުރަން ކަމަށާއި ބޯހިޔާވަހި ކަމުގެ ސިޔާސަތަކީ ކުރިޔަށް އޮތް ތާނގައި އެޗްޑީސީން ކަޑަތު ކުރާނެ ކަންކަން ކަމަށް ވެސް ވިދާޅުވި އެވެ. ދެން ވިދާޅުވީ އެޗްޑީސިން އަލަށް ފަށާ ހައުސިން މަޝްރޫއުތަކަކީ ރައީސް މުިއއްޒުގެ ހައުސިން ސިޔާސަތާ އެއްގޮތަށް ފަށާ ނިންމައި ދޭނެ މަޝްރޫއުތައް ކަމަށެވެ.
"މިއަދު ހުޅުމާލޭގެ ހިޔާ ސަރަހައްދަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރަން ފަށާ މައްސަކަތުގެ އަލީގައި ހުޅުމާލެ އެކަކާއި ދޭއްގައި ވެސް ހުރި މައްސަލަތައް، އެއީ ޕާކިން މައްސަލަ ކަމަށް ވިޔަސް ހައުސިން މައްސަލަ ކަމަށްވިޔަސް އަދި ލައިޓިން މައްސަލަ ކަމަށް ވިޔަސް ޓްރެފިކް މައްސަލަތަކާއި ދިރިއުޅުމަށް ދިމާވެފައި އެހެން މައްސަލަތައް ނަމަވެސް ހައްލު ކުރުމަށް ވަނީ މަސައްތް ފަށާފައި. ކުރިޔަށް އޮތް ދުވަސްތަކުގައި އަޅުގަނޑުގެ އުންމީދަކީ ކަނޑައަޅާ ނިންމާފައި ހުރި ކަންތަކުގެ ޕްލޭން ތަންފީޒު ވެގެން ދިއުން. އަދި އޭގެ ނަތީޖާއަކަށް ވާނީ ހުޅުމާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ވެސް ދާއިމީ ހައްލެއް ލިބިގެން ދިއުން" ފަޒުލް ވިދާޅުވި އެވެ.