ފަހުމީ ވިދާޅުވީ ކުޅުދުއްފުށީގައި ހަރަކާތްތެރިވި ސްޓެލްކޯގެ އެޑްވާންސް ޓީމު މާލެ އައި ނަމަވެސް، މައްސަލަ ހައްލު ވަންދެއް ސްޓެލްކޯއިން އެހީވާނެ ކަމަށެވެ.
ހދ. ކުޅުދުއްފުއްޓަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުން ދިޔަ ޖަނަރޭޓަރަކަށް މައްސަލަ ޖެހި ދިމާވި ކަރަންޓުގެ ދަތިކަން ހައްލު ވަންދެއް ސްޓެލްކޯގެ އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށް މެނޭޖިން ޑައިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ރޭ އިރާކޮޅު އެކްސްގައި ޕޯސްޓު ކުރައްވަމުން ފަހުމީ ވިދާޅުވީ، ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ކުޅުދުއްފުށީގައި ސްޓެލްކޯގެ ތަޖުރިބާކާރު މުވައްޒަފުންގެ އަށް މީހަކު ހިމެނޭ ޓީމަކުން ހަރަކާތްތެރިވާނެ ކަމަށެވެ.
"... ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައި މިވާ ކަރަންޓުގެ މައްސަލަތައް ހައްލު ކޮށްދީ، ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ކުޅުދުއްފުށީގައި ދެވިގެން ދާނެ. މިކަން ހާސިލް ކުރެވެންދެން ސްޓެލްކޯގެ އެހީތެރިކަން ފެނަކައަށް ދެމުންގެން ދާނެ ކަމުގެ ޔަގީންކަން އަރުވަން." ފަހުމީ ވިދާޅުވެ އެވެ.
ކުޅުދުއްފުށީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ އެޑްވާންސް ޓީމެއް އެ ސިޓީގައި ހަރަކާތްތެރިވި އެވެ. އެމީހުން މާލެ އައިސްފައި ވަނީ އިއްޔެ އެވެ.
އާބާދީގައި 10،000 އަށްވުރެ ގިނަ މީހުން ހިމެނޭ ކުޅުދުއްފުށީގައި ކަރަންޓު ދިނުމަށް ބޭނުން ކުރަމުން އައި ޖަނަރޭޓަކަށް މައްސަލައެއް ދިމާވުމުގެ ސަބަބުން، މިދިޔަ ރޯދަމަހުން ފެށިގެން ކޮންމެ ދުވަހަކު ޝެޑިއުލްކޮށްގެން ވަކި ގަޑިތަކެއްގައި އެ ސިޓީއިން ކަރަންޓު ކަނޑާލަ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް އާ ޖަނަރޭޓަރު ސެޓެއް ގެންގޮސް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޓްރާންސްފޯމަރަކަށް މައްސަލަ ދިމާވެ ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް ވަނީ އަނދާފަ އެވެ. އެކަމާ ގުޅިގެން ހޯމަ ދުވަހު ގިނަ އިރުތަކަކަށް ކަރަންޓު ކެނޑިފައި އޮތެވެ.
މި މައްސަލާގައި ރައްޔިތުންނަށް ދިމާވާ ދަތިކަމުގެ ޒިންމާ ނަގައި، މި މަހުގެ ކަރަންޓު ބިލުގެ 50 ޕަސެންތް ފެނަކައިން މާފު ކޮށްދީފައި ވެއެވެ.