މ. އަތޮޅާއި މާލެއާ ދެމެެދު ހައިސްޕީޑް ފެރީގެ ހިދުމަތް ފަށައިފި

އެމްޓީސީސީއިން މުޅި ރާއްޖެއަށް އާރުޓީއެލްގެ ހިދުމަތް ދިނުމަށް 105 އެއްގަމު އުޅަނދާއި، 25 ފެރީ ބޭނުން ކުރެ އެވެ.

މ. އަތޮޅާއި މާލެއާ ދެމެދު ހައިސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- މިރާ

މ. އަތޮޅާއި މާލެއާ ދެމެދު ހައިސްޕީޑް ފެރީގެ ހިދުމަތް ފަށައި، އިތުރު ތިން އަތޮޅަކަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް ދޭން ފަށަން އެމްޓީސީސީއާއެކު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ. 

މި ހިދުމަތް ފަށަން މާލޭގެ މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަމީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ. 

މި ހިދުމަތުގެ ދަށުން މ. އަތޮޅާއި މާލެއާ ދެމެދު ދަތުރުތައް ކުރާނީ ހަފުތާއަކު ދެ ދުވަހު އެވެ. އެ ހިދުމަތަށް ނަގާ އަގަކީ 450ރ. އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ، މިހާރު އެމްޓީސީސީގެ އާރުޓީއެލް ދަތުރުތައް އަތޮޅުތަކުގެ ތެރޭގައި ކުރަމުން ދިޔަ ނަމަވެސް، މ. އަތޮޅުން މާލެ އައުމުގެ ދަތިކަން ރައްޔިތުންގެ ފަރާތުން ޝަކުވާއެއްގެ ގޮތުގައި ލިބޭ ކަމަށެވެ. 

"މ. އަތޮޅުގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ރައީސް ނިންމެވީ މި ވަގުތު ދެވެން އޮތް ފެސިލިޓީގެ ތެރެއިން ސަރުކާރުން އެންމެ ރަނގަޅަކަށް ގާއިމް ކުރުމަށްޓަކާ ސަރުކާރުން އެމްޓީސީސީއާ ވާހަކަ ދައްކައި، އަދި އެމްޓީސީސީއަށް މި ދަތުރުތަކަށް ދޭންޖެހޭ ސަބްސިޑީ ދިނުމަށް ފަހު އެގްރިމަންޓެއްގައި ސޮއި ކުރަން." މިނިސްޓަރު އަމީން ވިދާޅުވި އެވެ. 

މ. އަތޮޅަކީ ރާއްޖޭގައި އެއާޕޯޓެއްގެ ހިދުމަތް ނުފެށި އޮތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. އެ އަތޮޅު މުލީގައި ސަރުކާރުން ގާއިމްކުރާ އެއާޕޯޓު ނިންމައި ހިދުމަތް ފެށުމަށް އަމާޒު ހިފާފައި ވަނީ މި އަހަރުގެ ޖުލައި 26 ގެ ނިޔަލަށެވެ. 

ނ. ރ. އަދި ބ. ގައި އާރުޓީއެލްގެ ހިދުމަތް ފެށުން

މިއަދު ބޭއްވި ރަސްމިއްޔާތުގައި ނ. އަތޮޅާއި ރ. އަތޮޅާއި އަދި ބ. އަތޮޅަށް އާރުޓީއެލްގެ ހިދުމަތް ފެށުމަށް ވެސް އެއްބަސްވުމުގައި ސޮއިކުރި އެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓު ސެކްރެޓަރީ އާމިނަތު ޝަހާނާ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސީއީއޯ ޒިޔާދު އެވެ. 

އާރުޓީއެލް ހިދުމަތާ ގުޅޭ ގޮތުން މިނިސްޓަރު އަމީން ވިދާޅުވީ، މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ބައެއް ރޫޓުތަކަށް ބަދަލުތައް ގެނައުން މުހިންމު ކަމަށެވެ. އެހެން ނަމަވެސް ރޫޓުތަކަށް ގެންނާނެ ބަދަލުގެ ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ. 

ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެން، މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި އާރުޓީއެލް ހިދުމަތުގައި މިހާރު ފަށާފައިވާ ރޫޓުތަކަށް އިސްލާހު ގެނައުމަށް ފައިސާ އާއި އުޅަނދު ބޭނުންވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަސް ތެރޭގައި ގެންނަން ޖެހޭ ވަރަށް ގިނަ އިސްލާހުތައް ގެންނާނެ ކަމަށެވެ. 

އެމްޓީސީސީއިން މުޅި ރާއްޖެއަށް އާރުޓީއެލްގެ ހިދުމަތް ދިނުމަށް 105 އެއްގަމު އުޅަނދާއި، 25 ފެރީ ބޭނުން ކުރެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ސަރަހައްދުތަކަށް މި ހިދުމަތް ދިނުމަށް ބޭނުންވާ ކަނޑު އުޅަނދުތައް ކުންފުންޏަކާ ހަވާލުކޮށް، އެ މަސައްކަތް ވެސް ކުރިއަށް ގެންދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.